ފްލެޓް ލިސްޓް ދިރާސާކުރާ ކޮމިޓީ ސިއްރު، ލިސްޓްގައި ފުށުއެރުން އެބަހުރި: ރޮޒޭނާ

ފްލެޓް ލިސްޓް ދިރާސާކުރާ ކޮމިޓީ ސިއްރު، ލިސްޓްގައި ފުށުއެރުން އެބަހުރި: ރޮޒޭނާ

"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން މީހުންނަށް ފްލެޓް ދިނުމުގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ ފްލެޓް ދިނުން ހުއްޓުވުމަށްފަހު، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދާ ތަހުގީގުގައި ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވާ ކަމަށާއި، ފްލެޓް ލިބޭކަމަށް ޝަރުތު ހަމަނުވާކަމަށް އޭސީސީ އިން ކަނޑައަޅާފައިވާ ލިސްޓްގައި ހިމެނޭ މައުލޫމާތުތައް ދިރާސާ ކުރަން ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.

އޭސީސީ އިން ކުރިއަށް ގެންސދާ ތަހުގީގުގައި ފްލެޓް ތަކަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ މީހުންނާއި ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާ މީހުން އެނގޭ ގޮތަށް، އަދި ފްލެޓަށް ޝަރުތު ހަމަ ނުވާ މީހުންގެ ޝަރުތު ހަމަ ނުވަނީ ކޮން ސަބަބަކުން ކަން ބަޔާންކޮށް ފްލެޓް ލިސްޓް ފޮނުވަން ކޮމިޓީން އެންގުމާ ގުޅިގެން އެމައުލޫމާތު އޭސީސީން ވަނީ ކޮމިޓީއާ ހިއްސާކޮށްފައެވެ.

އޭސީސީން ކޮމިޓީއަށް މައުލޫމާތު ފޮނުވާފައި ވަނީ، ކެޓަގަރީ ތަކަކަށް ބަހާލައިގެންނެވެ. ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކަން ފާހަގަ ކުރައްވައި ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމުގެ 4،000 ފްލެޓާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހޯދުމަށް ކޮމިޓީން އެދިފައިވާ މައުލޫމާތުތައް ދިރާސާ ކުރުން ކޮމިޓީން ކުރިއަށް ގެންދާއިރު، ފުށުއަރާ ކަންތައް ތަކެއް ފާހަގަ ކުރެވޭ ކަމަށެވެ.

އެގޮތުން ހަމައެކަނި ކައުންސިލުން ލިއުން ހުށަހަޅާފައިވާ ކަމަށް ބުނެފައިވާ ކެޓަގަރީގައި ހިމެނޭ ބައެއް މީހުން، ހަމައެކަނި ގެއެއްގެ ލިއުން ހުށަހަޅާފައިވާ ކަމަށް ފާހަގަ ކޮށްފައިވާ ކެޓަގަރީގައި ހިމެނިފައިވާ ކަމަށް ވިދާޅުވިއެވެ.

"ހަމައެކަނި ޖަހާފައި އޮންނަ ކަމަށް ވަންޏާ ދެ ކެޓަގަރީގައި ނަން އޮވެގެން ނުވާނެ، އެހެން ކަމުން އެގޮތަށް ހުރި އެއްޗެހިތައް އިދާރީ މޭޒުން ފާހަގަކޮށްފަ އެބަހުރި، އޭގެއިތުރުން ހުރި ބައެއް މައްސަލަަތައްވެސް އިދާރީ މޭޒުން ހުރީ ފާހަގަ ކޮށްފަ،" ރޮޒޭނާ ވިދާޅުވިއެވެ.

ރޮޒޭނާ ވިދާޅުވީ އޭސީސީ އިން ކޮމިޓީއަށް ފޮނުވާފައިވާ ލިޔުން ތަކަކީ ސިއްރު ލިޔުން ތަކެއް ކަމަށް އޭސީސީ އިން ބުނެފައިވާ ކަމަށެވެ. އެހެން ކަމުން އެ މައްސަލައިގައި ކޮމިޓީ ސިއްރު ކުރަން ފެނޭތޯ ވޯޓަކަށް އެއްސެވިއެވެ. މުޅި ކޮމިޓީ އިއްތިފާގުވީ ކޮމިޓީ ބައްދަލުވުން ސިއްރު ކުރުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *