ރައީސް ޔާމީންގެ ޕީއެންއެފް އުފައްދަން ބޭނުންވާ އަދަދަށް ފޯމު ހުށަހަޅައިފި

ރައީސް ޔާމީންގެ ޕީއެންއެފް އުފައްދަން ބޭނުންވާ އަދަދަށް ފޯމު ހުށަހަޅައިފި

ޕީޕީއެމުން ވަކިވެ ވަޑައިގެން، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުލްގައްޔޫމު އުފައްދަވަން ނިންމެވި، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބޭނުންވާ އަދަދަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިހާރު ފޯމް ހުށަހަޅުއްވާފައިވާ ކަމަށް ބުނެފިއެވެ.

އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް މިއަދު ވިދާޅުވީ، ޕާޓީ އުފައްދަން ބޭނުންވާ އަދަދަށް އީސީއަށް ފޯމު ހުށަހަޅާފައިވާތީ އެ ޕާޓީ އުފައްދަން ބޭނުންވާ ޖަލްސާ ބޭއްވުމުގެ ހުއްދަ ވީހާ އަވަކަށްލިބުމަށް އުންމީދު ކުރައްވާ ކަމަށެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބުވެސް މިއަދު ވިދާޅުވީ، ޕީއެންއެފްގެ ނަމުގައި، ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުސްވި ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އީސީން ހުއްދަ ދީފައިވާއިރު، ޒެއިން އަބްދުﷲ ޔާމީން (ރައީސް ޔާމީންގެ ދަރިކަލުން) ގެ ފަރާތްޕުޅުން، ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކުުރާ މުއްދަތުގައި، އެ ޕާޓީ އުފައްދަން ބޭނުންވާ އަދަދަށް 3060 ފޯމު އީސީއަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

އެ ފޯމު ތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައިވާ ކަމަށާއި، މަދުވެގެން 3000 މެންބަރުންގެ ފޯމުގެ ސައްހަކަން ކަށަވަރުވުމުން، ލަހެއް ނުވެ، ޕާޓީ އުފެއްދުމަށްޓަކައި ޖަލްސާ ބޭއްވުމުގެ ހުއްދަ ޒެއިން އަބްދުﷲ ޔާމީން އަށް އަރުވާނެ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *