ކޮވިޑް ތެރޭގައި ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ކުންފުނިން ވެންޓިލޭޓަރުތައް ރާއްޖެއަށް ފޯރުކޮށްދީފައި ނުވާތީ 2.2 މިލިއަން ޑޮލަރު (34.6 މިލިއަން ރުފިޔާ) އަށް ވުރެ ބޮޑު އަދަދެއް ދިވެހި ސަރުކާރަށް ދެއްކުމަށް އެ ކުންފުނީގެ މައްޗަށް އާބިޓްރޭޝަނުން އަންގައި މައްސަލަ ނިންމައިފިއެވެ.
ރާއްޖެއަށް ބޭނުންވާ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރީ 2 އޭޕްރިލް 2020ގައެވެ. އެ އެއްބަސްވުމާ އެ ކުންފުނިން ހިލާފުވެފައިވާތީ އެ މައްސަލަ އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށަހެޅީ 19 ފެބްރުއަރީ 2023ގައެވެ.
އެ މައްސަލައިގައި ދިވެހި ދައުލަތުން އެދުނީ އެގްޒެކިއުޓާސް އިން ފޯރުކޮށް ނުދޭ ވެންޓިލޭޓަރުތަކުގެ އަގަށްވާ ފައިސާއާއި ވެންޓިލޭޓަރުތައް ގެނެސް ދީފައިނުވާތީ ދިވެހި ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލަށްވާ ޖުމުލަ 32.5 މިލިއަން ރުފިޔާ (2.1 މިލިއަން އެމެރިކާ ޑޮލަރު) ހޯދުމަށެވެ. އޭގެ އިތުރުން އިންޓްރެސްޓާއި އާބިޓްރޭޝަންގެ ހަރަދުތައް ހޯދުމަށްވެސް އެދުނެވެ.
އެ މައްސަލައިގެ މިދިޔަ ބުދަ ދުވަހު ހުކުމް ނެރެފައިވާއިރު، އެކަމާ ގުޅިގެން އެޓާނީ ޖެނެރަލްގެ އޮފީހުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ހުކުމުގައި އެގްޒެކިއުޓާސްގެ ފަރާތުން ފޯރުކޮށްދީފައިނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ 1.9 މިލިއަން އެމެރިކާ ޑޮލަރާއި 2 މެއި 2021 އިން ފެށިގެން އެ ފައިސާ ދެއްކުމާ ހަމައަށް އިންޓަރެސްޓްގެ ގޮތުގައި ކޮންމެ އަހަރަކު ދެ ޕަސެންޓް ދިވެހި ސަރުކާރަށް ދައްކަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
އޭގެ އިތުރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 223،750 އެމެރިކާ ޑޮލަރާއި އެ ފައިސާ ދިވެހި ސަރުކާރަށް ދެއްކުމާ ހަމައަށް ހޭދަވާ ކޮންމެ އަހަރަކަށް އިންޓަރެސްޓްގެ ގޮތުގައި ދެ ޕަސެންޓް ދެއްކުމަށްވެސް ހުކުމްގައި ކަނޑައަޅާފައިވާ ކަމަށް ބުންޏެވެ.
އޭޖީ އޮފީހުން ބުނީ، މި މައްސަލަ އާބިޓްރޭޝަންގައި ކުރިއަށްދިޔަ އިރު، އެގްޒިކިއުޓާސްގެ ފަރާތުން އެ މައްސަލައިގެ އެއްވެސް އަޑުއެހުމަކަށް ހާޒިރުވެފައި ނުވާ ކަމަށެވެ. އަދި އެ މައްސަލައިގެ އާބިޓްރޭޝަންގެ ހަރަދުގެ ގޮތުގައި އެ ކުންފުނިން ދައްކަންޖެހޭ ފައިސާވެސް ދައްކާފައިނުވާތީ، އެ ހުރިހާ ފައިސާއެއްވެސް ދެއްކީ ދިވެހި ސަރުކާރުން ކަމަށް ބުންޏެވެ.
އެހެންވެ އާބިޓްރޭޝަންގެ ހަރަދުގެ ގޮތުގައި ދައްކަން ޖެހުނު 132،865.56 ޑޮލަރު ހޯދުމަށް ސަރުކާރުން އެދުމުން، އެ ފައިސާ އާއި އެ ފައިސާ ދެއްކުމާ ހަމައަށް އަހަރަކު ދެ ޕަސެންޓުގެ ރޭޓުން އިންޓަރެސްޓްގެ ފައިސާ ދިވެހި ސަރުކާރަށް ދެއްކުމަށް އެގްޒިކިއުޓާސްގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.
އޭޖީ އޮފީހުން ބުނީ، އެ ހުކުމަކީ ޤާނޫނީ ގޮތުން ތަންފީޒު ކުރަންޖެހޭނެ ހުކުމަކަށްވާތީ، އެ ހުކުމުގައި ކަނޑައަޅާފައިވާ ފައިސާ ހޯދުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށެވެ.