މަޖިލިސް އިންތިޚާބު ފަސްކުރާ ބިލް ރައީސް ތަސްދީގު ނުކުރެއްވި، ބިލު އަނބުރާ މަޖިލީހަށް ފޮނުވައިފި

މަޖިލިސް އިންތިޚާބު ފަސްކުރާ ބިލް ރައީސް ތަސްދީގު ނުކުރެއްވި، ބިލު އަނބުރާ މަޖިލީހަށް ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރޯދަ މަހުގެ ފަހުން ބާއްވަން މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ޑރ. މުއިއްޒު ތަސްދީގު ކުރެއްވުމަށް ފޮނުއްވި ބިލް، ތަސްދީގު ނުކުރައްވައި އަނބުރައި މަޖިލީހަށް ފޮނުއްވާލައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިޚާބު ބޭއްވުމަށެވެ. އެއީ ރަމަޞާން މަހުގެ ހަތް ވަނަ ދުވަހެވެ.

ނަމަވެސް އެ ތާރީޚު ބަދަލުކޮށް، ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިޚާބު ބާއްވަން ޖެހޭގޮތަށް އިންތިޚާބުތަކާއިބެހޭ އާންމު ޤާނޫނަށް އިސްލާހު ގެނެސް މަޖިލީހުން ފާސްކުރީ މިމަހުގެ 11 ގައެވެ. އަދި މިމަހު 13 ގައި އެ ބިލް ތަސްދީގު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، ޤާނޫނު އަސާސީގެ 91 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން ބިލު، މިއަދު އަނބުރައި ފޮނުއްވައި ލެއްވީ، ބަންޑާރަ ނައިބުގެ ލަފާފުޅުގެ މަތިން ކަމަށެވެ.

ބަންޑާރަ ނައިބު ދެއްވި ލަފާފުޅުގެ ތެރޭގައި މި ބިލުގައި، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ތައާރަޒުވާ ކަންކަމާއި، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެމަތީން އިންތިޚާބުތައް ބޭއްވުމާއި އަދި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރަސްއެޅިދާނެ ފަދަ އިޖުރާއާތުތައް ކަނޑައަޅާފައިވާކަން ފާހަގަ ކުރައްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

އެހެންކަމުން އެކަންކަން އިސްލާހު ކުރެއްވުމަށްޓަކައި ބިލަށް ބަދަލު ތަކެއް ގެންނަން ޖެހޭކަމަށް ބަންޑާރަ ނައިބު ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވާފައި ވާތީ ބިލް އަނބުރާ ފޮނުވާލެއްވީ ކަމަށް ބިލު އަނބުރާ ފޮނުއްވައި ލެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެެވެ.

އަދި އެ ބިލު ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފު ކަމަށް ބަންޑާރަ ނައިބު ފާހަގަ ކުރައްވާފައިވާ ނުކުތާތައް އެ ސިޓީގައި ބަޔާން ކޮށްދެއްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ. ބިލް އަނބުރައި  ފޮނުއްވާލައްވާފައި ވަނީ، އެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކުރައްވާތީ ކަންބޮވުން ފާޅު ކުރައްވައި، އަނބުރާ ފޮނުވާލައްވައިފިނަމަ، މިފަހަރު ބިލް ފާސްކުރި އަޣްލަބިއްޔަތަށް ވުރެން ބޮޑު އަޣުލަބިއްޔަތަކުން ބިލް ފާސްކޮށް ތަސްދީކު ކުރެއްވުމަށް ފޮނުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހޯރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސަލީމް ވިދާޅުވެފައި ވަނިކޮށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *