ނޮޅިވަރަމް ދާއިރާއަށް ކުރިމަތިލި އިޔާޒްގެ ކެނޑިޑެންސީ ބަލައިނުގަތް މައްސަލަ ކުރިއަށް ނުގެންދަން ނިންމައިފި

ނޮޅިވަރަމް ދާއިރާއަށް ކުރިމަތިލި އިޔާޒްގެ ކެނޑިޑެންސީ ބަލައިނުގަތް މައްސަލަ ކުރިއަށް ނުގެންދަން ނިންމައިފި

އަންނަ މާޗް މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނޮޅިވަރަމް ދާއިރާއަށް އަމިއްލަގޮތުން ވާދަކުރަން ފޯމު ހުށަހެޅި، ހ. ގިނަމާގެ މުހައްމަދު އިޔާޒްގެ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިނުގަތް މައްސަލައިގައި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދަން އެ ކޯޓުން ނިންމައިފިއެވެ.

އިޔާޒްގެ ކެނޑިޑެންސީ ބަލައި ނުގަތުމަށް އީސީން ނިންމާފައި ވަނީ، އޭނާގެ ރަސްމީ އިންތިޚާބީ އެޖެންޓްގެ ދަރަނީގެ ރެކޯޑު ރަނގަޅަށް ސާފުވާން ނެތުމުންނެވެ.

އީސީން ބުނެފައި ވަނީ، އިންތިޚާބުތަކާބެހޭ އާއްމު ޤާނޫނުގައި ބުނެފައިވާ ރަސްމީ އިންތިހާބީ އެޖެންޓް ކަމަށް ކަނޑަައަޅާ ފަރާތުގެ ސާބިތު ދަރަންޏެއް އޮތްނަމަ ހުކުމާ އެއްގޮތަަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައި ނުވުން ހިމެނޭކަމަށެވެ.

އެހެންކަމުން އިޔާޒް އިންތިޚާބަށް ކުރިމަތިލާން ހުށަހެޅި ހުށަހެޅުން ގަބޫލުނުކުރި ސަބަބެއް ކަމަށް ބުނެފައި ވަނީ، އިންތިޚާބަށް ކުރިމަތިލުމަށް ހުށަހަޅާފައިވާ ލިޔުން ތަކުގެ ތެރެއިން އޭނާގެ އިންތިޚާބީ އެޖެންޓްގެ ކުށާއި ދަރަނީގެ ރެކޯޑް ފޯމުގައި ވޭތުވެދިޔަ ފަސް އަހަރުގެ ރެކޯޑް ކަމުން އޭގެ ކުރީގެ ރެކޯޑް ފެންނަން ނެތުމުން، އެ މުއްދަތުގެ ކުރީގެ ދަރަންޏެއް އޮތްކަން ނުވަތަ ނޫންކަން ކަށަވަރު ކުރެވެން ނެތުމުން ކަމަށެވެ.

އިޔާޒްގެ ރަސްމީ އިންތިޚާބީ އެޖެންޓެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ ހ.ގިނަމާގެ އަހްމަދު އިނާޒްއެވެ. އޭނާ ވަނީ މި މައްސަލައަށް ތަދައްޚޫލުވެފައެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި، އިޔާޒް އާއި އިނާޒްގެ ފަރާތުން އެދިފަނީ އިންތިޚާބަށް ކުރިމަތިލާން ހުށަހެޅި ފޯމު ބަލައިގަތުމަށް އީސީގެ މައްޗަށް ސުޕްރީމް ކޯޓުން އެންގުމަށެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ހިމެނޭ ބެންޗުން ބައްލަވައި، ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނުގެ ރައުޔުގައި ވިދާޅުވެފައި ވަނީ، އިންތިޚާބަށް ކުރިމަތި ލުމުގެ ކުރިން އެ އިންތިޚާބުގައި ރަސްމީ އިންތިޚާބީ އެޖެންޓަކު ކަނޑައަޅަންވާނެ ކަމަށާއި އެޖެންޓްގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް އިންތިހާބުތަކާބެހޭ އާއްމު ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން އެޖެންޓަކީ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައި ވާންޖެހޭނެކަމަށް ވެސް ބުނެފައިވެއެވެ.

މި މައްސަލައިގައި އިޔާޒްގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ލިޔެކިއުންތަކަށް ބެލިއިރު، އޭނާގެ ރަސްމީ އިންތިހާބީ އެޖެންޓް ކަމުގައިވާ އިނާޒުގެ ކުށާއި ދަރަނީގެ ރެކޯޑްކަމަށް ބުނެ އީސީއަށް ހުށަހަޅާފައިވާ ކުށާއި ދަރަނީގެ ރެކޯޑް ސާފުކުރާ ފޯމުގައި އިނާޒްގެ ފަރާތުން ބަލަންވީ ކުށާއި ދަރަނީގެ ބާވަތުގެ ގޮތުގައި ފާހަގަ ޖަހާވެފައި ވަނީ ހަމައެކަނި "ކުށުގެ ރެކޯޑް" ގައި ދަރަނީގެ ރެކޯޑް ބެލުމަށް ފާހަގަ ޖަހާފައިނުވާ ކަމަށްވެސް ވިދާޅުވެފައިއެވެ. އެ ހުށަހެޅުމާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ދޫކޮށްފައި ވަނީ ހަމައެކަނި ކުށުގެ ރެކޯޑުކަމުން ކަނޑައަޅާފައިވާ މުއްދަތުގައި އިޔާޒްގެ ރަސްމީ އިންތިހާބީ އެޖެންޓްގެ ދަރަނީގެ ރެކޯޑް ސާފުކޮށް، އީސީއަށް ހުށަހަޅާފައި ނުވާކަން ހުށަހަޅާފައިވާ ލިއުންތަކުންނާއި ދެފަރާތުން ޝަރީއަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެހެންކަމުން އުއްތަމަ ފަނޑިޔާރުގެ ރައުޔަށް ބެންޗުގައި ދެން ތިއްބެވި ފަނޑީޔާރުން ކަމަށްވާ ފަނޑިޔާރު އަލީ ރަޝީދު ހުސެއިން އާއި ފަނޑިޔާރު މުހައްމަދު އިބްރާހިމް ތާއީދާއެކު މި މައްސަައަކީ އިތުރަށް ކުރިއަށް ގެންދަންޖެހޭ މައްސަލައެއްނޫންކަމަށް ވަނީ ހުކުމް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *