އަނަސްގެ މަރު: ހަތް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރި ހުކުމް އިސްތިއުނާފު ކުރަނީ

އަނަސްގެ މަރު: ހަތް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރި ހުކުމް އިސްތިއުނާފު ކުރަނީ

އަނިޔާވެރިކޮށް މަރާލި ރ. މީދޫ/ ފެންފިޔާޒުގެ، މުހައްމަދު އަނަސް މަރާލިކަން، އެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާކޮށްފައިވާ ހަތް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފްކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ނިންމަވައިފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ. އަދި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު އަދި ނުލިބޭ ކަމަށެވެ. އެ ރިޕޯޓް ލިބުމުން ދިރާސާ ކުރުމަށްފަހު، އެންމެ ފަހު ނިންމުމެއް ވަރަށް އަވަހަށް ނިންމާނެ ކަމަށްވެސް ބުންޏެވެ.

އަނަސް މަރާލި މައްސަލައިގައި ނުވަ މީހެއްގެ މައްޗަށް ދައުވާކުރިއެވެ. އޭގެ ތެރެއިން ދެ މީހަކީ ކުޑަކުދިން ކަމަށްވުމުން ދައުލަތުން ވަނީ އެ ދެ ކުދިންގެ ވަނަވަރު ސިއްރުކޮށްފައެވެ. އަނަސް މަރާލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ދައުވާ އުފުލާފައިވަނީ، އަފްރާހު އަބްދުއްރައްޒާގު، މ. ލޮނުމިދިލިގެ، މާލެ އާއި އަހުމަދު ޒަޔާން، އަސުރުމާގެ، ޅ. ކުރެންދޫ އަދި އުސްމާން ޝަރީފް، މ. ދިމިޝްގު، މާލެއެވެ.

ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައިވަނީ ނައިހު އަބްދުﷲ، ނަންނާރިގެ، ލ. ގަން ތުނޑީ އާއި ހަސަން މަހްފޫޒް، ވެސްޓަންވިލާ، ސ. ފޭދޫ އާއި ސިމާހު މޫސާ، ދަފްތަރު ނަމްބަރު 1746، މާލެ އަދި މުހައްމަދު ޝާޒް، ގުލްފާމުގެ، ތ. ކިނބިދޫ އަށެވެ.

ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައިވަނީ ނައިހު އަބްދުﷲ، ނަންނާރިގެ، ލ. ގަން ތުނޑީ އާއި ހަސަން މަހްފޫޒް، ވެސްޓަންވިލާ، ސ. ފޭދޫ އާއި ސިމާހު މޫސާ، ދަފްތަރު ނަމްބަރު 1746، މާލެ އަދި މުހައްމަދު ޝާޒް، ގުލްފާމުގެ، ތ. ކިނބިދޫ އަށެވެ.

އަނަސް މަރާލާފައި ވަނީ 2017 ވަނަ އަހަރުގެ ޖުލައި 31 ވަނަ ދުވަހުގެ ރޭ 9:15 ހާއިރު ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ގްރޫޕަކުން ވަޅިން ހަމަލާދީ ހިންގި މާރާމާރީގައެވެ. އެ މައްސަލައިގައި ދައުވާ ލިބުނު ދެ ކުޑަކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހައި ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ދެވަނަ ކުއްޖާ 18 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ވަނީ މީގެ ކުރިން ހުކުމްކޮށްފައެވެ.

ދައުލަތުން ވަނީ އެ މީހުންނާ ދެކޮޅަށް ގިނަ އަދަދެއްގެ ސިއްރު ހެކިވެރިންނާއި ފުލުހުންނާއި ކިތާބީ ހެކި ހުށަހަޅައިފައެވެ. ސިއްރު ހެކިވެރިންގެ ތެރޭގައި އައިޖީއެމްއެޗުގެ ޑޮކްޓަރުންނާއި ކުޑަކުދިން ހިމެނެއެވެ. ފުލުހުންގެ ތެރޭގައި ހިމެނެނީ އަނަސްގެ މަރުގެ މައްސަލައިގައި ފޮރެންސިކް އެވިޑެންސް ހޯދުމަށް މަސައްކަތް ކުރި ފުލުހުންނާއި، ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރުމުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންގެ އިތުރުން މައްސަލަ ތަހުގީގުކުރުމުގައި ބައިވެރިވި ފުލުހުންނެވެ. ކިތާބީ ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ ފޮރެންސިކް އެވިޑެންސް ރިޕޯޓާއި އަނަސްގެ މެޑިކޯ ލީގަލް ރިޕޯޓެވެ. އަދި ވަނީ ސީސީޓީވީ ފޫޓޭޖުތަކަކާއި އިންޓެލިޖެންސް ރިޕޯޓު ހުށަހަޅައިފައެވެ.

އެ މައްސަލައިގެ ހުކުމް އިއްވެވި ރައުޔުގައި ގާޒީ އަލީ ނަދީމް ވިދާޅުވެފައިވަނީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ސީސީޓީވީ ފޫޓޭޖުތަކުގައި ދައުވާ ލިބޭ މީހުންނާ ދެކޮޅަށް ބުރަދަން ދެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ. އެގޮތުން އަނަސް މަރާލުގައި ބައިވެރިވި މީހުންނާ ދެކޮޅަށް ހުށަހެޅި ސީސީޓީވީ ފުޓޭޖުން ފެންނަ މީހުންނަކީ އަނަސް މަރާލުގައި ބައިވެރިވި މީހުންކަން ސާފުކޮށް ނޭނގޭ ކަމަށެވެ. ދައުލަތުން ސީސީޓީވީ ފުޓޭޖު ހުށަހެޅީ އަނަސް މަރާލުމަށް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ލިބޭ މީހުން ވަނުމުން ގަރާޖުގެ އެތެރޭގައި އެވަގުތު ތިބި މީހުން އެކަމަށް އެހީވިކަން ސާބިތު ކުރުމަށެވެ.

ގާޒީ ނަދީމް ވިދާޅުވީ އަނަސް މަރާލުމުގައި ބައިވެރިވި ކަމަށް ދައުވާކޮށްފައިވާ މީހުންނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އިތުރު ހެކިތަކުން ވެސް އެ ދައުވާތައް ލިބޭ މީހުން އެކަމުގައި ބައިވެރިވިކަން ސާބިތުނުވާ ކަމަށެވެ. އަދި ދައުލަތުން އެ މީހުންނާ ދެކޮޅަށް ހުށަހެޅި ހެކިތަކުގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަނުވާތީ އެ ހެކިތައް ގަބޫލުނުކުރެވޭނެ ކަމަށް ގާޒީ ނަދީމް ވިދާޅުވިއެވެ.

އަދި ވިދާޅުވީ ދައުވާ ލިބޭ މީހުންގެ ކޯލް ރިކޯޑުތަކަކީ ފުލުހުން ތައްޔާރުކޮށްފައިވާ ރިޕޯޓަކަށްވުމުން އެ ރިޕޯޓަށް ރިއާޔަތް ނުކުރެވޭނެ ކަމަށެވެ. ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި އަނަސްގެ މަރުގެ ތަހުގީގީ ރިޕޯޓަކީ ސިއްރުކޮށްފައިވާ އެއްޗަކަށްވުމުން އެ ރިޕޯޓުގައި ހުރި ކަންކަން ދައުވާ ލިބޭ މީހުންނަށް އެނގިފައިނުވާ ކަމަށް ގާޒީ ނަދީމް ވިދާޅުވިއެވެ. އަދި އެ ތަހުގީގީ ރިޕޯޓަކީ ހެކި ވަޒަން ކުރުމުގައި ބުރަދަން ދެވިދާނެ ރިޕޯޓެއް ކަމުގައި ނުބެލެވޭނެ ކަމަށް ގާޒީ ނަދީމް ވިދާޅުވިއެވެ.

މީގެއިތުރުން ގާޒީ ނަދީމް ވިދާޅުވީ މި މައްސަލައިގެ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކީ ހެއްކެއް ކަމަށް ރިއާޔަތް ކުރެވިދާނެ ރިޕޯޓެއް ނޫން ކަމަށެވެ.

އެ ހުރިހާ ކަމެއް ފާހަގަކުރައްވައި ގާޒީ ނަދީމް އިއްޔެ ހުކުމް ކުރެއްވީ ދައުލަތުން އެކަށީގެންވާ ހެކި ހުށަހަޅާފައިނުވާތީ އެ ހަތް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *