އައިޑީކާޑުގައި އޮތް ޓާރީޚަށްވުރެ ދޮށިވާނެ ކަމަށް ބުނެ ދ. މީދޫ ހަނީ ސީޒަން އަބޫބަކުރު އަލީ ހައި ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
ދ. މީދޫ ކައުންސިލްގެ އިދާރާގެ މައްޗަށް އޭނާ ފުރަތަމަ މި މައްސަލަ ހުށަހެޅީ ދ. މީދޫ މެޖިސްޓްރޭޓް ކޯޓަށެވެ. މައްސަލަ ބެލުމަށްފަހު އެ ކޯޓުން ކުރި ހުކުމްގައި ވަނީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ އުފަން ތާރީޚަށްވުރެން ދޮށިވާނެ ކަމަށް ބުނެ އަބޫބަކުރު އަލީ ދ. މީދޫ ކައުންސިލްގެ އިދާރާގެ މައްޗަށް ކުރި ދައުވާގައި އޭނާގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުންނާއި ހުށަހެޅި ލިޔެކިއުން ތަކުން، އައިޑީކާޑޫގައިވާ ތާރީޚަށްވުރެން އޭނާ ދޮށިކަމަށް ސާބިތު ނުވާ ކަމަށެވެ.
އެ ހުކުމާމެދު ހިތްހަމަ ނުޖެހިގެން އަބޫބަކުރު އަލީގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ނަމަވެސް މި މައްސަލައާއި ބެހޭގޮތުން ހައި ކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝީދާ ނިންމެވި ނިންމެވުމުގައި ވަނީ، އަބޫބަކުރުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ ދައުވާ ފޯމަށް ބަލާއިރު، އެ ދައުވާ ފޯމުގައި މި މައްސަލަ ނިމިފައި ވަނީ ޝަރުއީ ނުވަތަ ޤާނޫނީ އުސޫލާ ޚިލާފަށް ކަމަށް ފެންނަ ނުކުތާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ.
އެ ސަބަބަށްޓަކައި އަބޫބަކުރު އަލީގެ ފަރާތުން ހައިކޯޓަށް ހުށަހެޅިފޯމަކީ މައުލޫމާތު ފުރިހަމަ ކޮށްގެން ހުށަހަޅާފައިވާ ފޯމެއް ކަމަށް ނުވާތީ އާއި އެ ފޯމަކީ މަދަނީ ޢިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް ފުރިހަމަވެފައިވާ ފޯމަކަށް ނުވާތީ މި މައްސަލަ ބަލައި ގަނެވެން ނެތްކަމަށް އަންގާ ކަމަށެވެ.