ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނައިބު ރައީސް، ފައިސަލް ނަސީމު އެމްޑީޕީއަށް ސޮއި ކުރައްވައިފިއެވެ.
އެމްޑީޕީ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެމްޑީޕީއަށް ސޮއި ކުރެއްވުމަށް ފަހު، ފައިސަލް ނަސީމު ފޯމު ހަވާލު ކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެވެ.
އެމްޑީޕީއަށް ސޮއި ކުރެއްވުމަށް ފަހު ފައިސަލް ވިދާޅުވީ، އެމްޑީޕީއަށް ސޮއި ކުރެއްވުމުން ލިބިވަޑައިގެންނެވީ، ވަރަށް ބޮޑު ހިންހަމަޖެހިވަޑައިގަތުމަކާއި ވަރަށްބޮޑު އުފާފުޅެއް ކަމަށެވެ. މީގެ ވިއްސަކަށް އަހަރު ކުރިން ސިޔާސީ ހަޔާތް ފެއްޓީ ރައްޔިތުންގެ ޚާއްސަ މަޖިލީހުން ކަމަށާއި، އޭރުވެސް ރައީސް އިބްރާހިމް ސޯލިހު ފާހަގަ ވެގެން ގޮސްފައި ވަނީ ނަމޫނާ ބޭފުޅެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.
"އެމްޑީޕީ އުފަންވުމާއެކު އަޅުގަނޑުމެންނަށް ސިޔާސަަތު ތަކާއި ފިކުރު ދަސްކޮށްދީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރަން، ރައްޔިތުންގެ ވިންދާ އިހުސާސްތައް ދަސްކޮށްދިން ޕާޓީއަކީ އެމްޑީޕީ،" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ، އެމްޑީޕީ އުފެދުމާއެކު އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އެޕާޓީން އެންމެ ފުރަތަމަ އެކުލަވައިލި ގައުމީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވި ކަމަށެވެ. ނަމަވެސް 2008 ވަނަ އަހަރު ޕާޓީ ބަދަލު ކުރައްވައި، ޖުމްހޫރީ ޕާޓީއާ ގުޅިވަޑަގެންކަން ފާހަގަ ކުރައްވައި ފައިސަލް ވިދާޅުވީ، އޭރު ބަދަލު ވެގެން ދިޔައީ ޕާޓިގެ ނަން އެކަނި ކަމަށެވެ. މަސައްކަތް ކުރަައްވަމުން ގެންދެވީ އެއް އަމާޒަކަށް ކުރި މަސައްކަތެއްގެ ތެރެއިން ކަމަށެވެ. އެވަގުތު އެފިޔަވަޅު އަޅުއްވައި، އެ ބަދަލު ގެންނަން ޖެހުނީ އެ އެކަންތައްތައް ކާމިޔާބު ކުރުމަށް ޓަކައި ކަމަށްވެސް ވިދާޅުވިއެވެ.
"އެވަގުތު އަޅަން ޖެހުނު ފިޔަވަޅެއްގެ ގޮތުގައި އެކަންތައްތައް ކުރީ. އެހެން ނަމަވެސް ފިކުރަކަށް ބަދަލެއް ނާދޭ، ސިޔާސަތަކަށް ބަދަލެއް ނާދޭ، ކުރެވުނީ އެއް މަސަސައްކަތެއް. 20 އަހަރު ވެެގެން ދިޔައިރުވެސް އެއް ފިކުރެއްގައި އެއް ވިސްނުމެއްގައި އެއްމަގެއްގައި މަސައްކަތް ކުރަމުން އައީ،" ފައިސަލް ވިދާޅުވިއެވެ.
2018 ވަނަ އަހަރު ރާއްޖޭގައި އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓަކަށް ފައިސަލް ވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައެވެ. އެއަށްފަހު ނިމިދިޔަ ރިޔާސީ ދައުރު ނިމުނު ފަހުން ފައިސަލް ވަނީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައެވެ.