މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން ސަތޭކަ މިލިޔަން ރުފިޔާ މަސްވެރިންނަށް ދޭނެ ކަމަށް މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރ ޝިޔާމް މަޖިލިސް މެމްބަރުންގެ ސުވާލު ތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ މިމަހުގެ 26 ގެ ކުރިން ސަތޭކަ މިލިޔަން ރުފިޔާ ދިނުމަށް ފަހު، ބާކީ ދޭން ހުރި 300 މިލިޔަން ރުފިޔާވެސް އަންނަ މަހުގެ ފަހެއްގެ ކުރިން މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ޚަލާސްކޮށް ނިންމާނެ ކަމަށެވެ.
ޝިޔާމް ވިދާޅުވީ މި ސަރުކާރުން މިހާތަނަށް އައިއިރު، 400 މިލިޔަނެއްހާ ރުފިޔާ މަސްވެރިންނަށް ދީފައިވާނެ ކަމަށެވެ. މަސްވެރިން އަތުން ގަންނަ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުހަންމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ފައިސާ ދައްކާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުރީގެ ސަރުކާރު ތަކުން ވައުދު ފުއްދަމުން އައީ އިންތިޚާބެއް އައުމުން ކަމަށެވެ.
ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ފައިސާ ދިނުމުގައި އުދަނގޫތަކެއް އައީ މަސްވެރިންގެ މަހަށް ކުރީގެ ސަރުކާރުން ގެނައި ބަދަލު ކަމަށެވެ. އެހެންވެ މި ސަރުކާރުން މަސްވެރިންގެ މަހުގެ އަގު ތިރިކޮށްގެންވެސް ބަލަނީ 48 ގަޑިއިރު ތެރޭގައި ފައިސާ ދެއްކުމަށްކަން ޝިޔާމް ފާހަގަ ކުރެއްވިއެވެ.
މަސްވެރިން ކިރާފައިވާ މަހަށް ދޭންޖެހޭ ފައިސާ ނުދިނުމާއި ގުޅިގެން މަސްވެރިންގެ ތެރެއިން ގިނަބަޔަކު މިހާރު ދަނީ ކޫއްޑޫގައި ހުއްޓުމެއް ނެތި މުޒާހަރާ ކުރަމުންނެވެ. މަސްވެރިން ބުނަނީ ހުރިހާ ފައިސާއެއް ދީ ނުނިމެނީސް ކޫއްޑޫއިން ނުފައިބާނެ ކަމަށާއި، އަދި ކޫއްޑޫގައި އެއްވެސް މަސައްކަތެއްވެސް ކުރިޔަނުދީ ހުއްޓުވާލާފައި އޮތް އޮތުން އަލުން ފެށޭނީ ހުރިހާ ފައިސާއެއް ދީ ނިންމުމުން ކަމަށެވެ.