ރައްޔިތުންގެ މަޖިލީހުގައި މިހާރު މެންބަރުން ތިއްބެވި ގޮތަށް ބަލާއިރު، އެމްޑީޕީ މެންބަރުންނާއި، ދަ ޑިމޮކްރެޓްސްގެ މެންބަރުން ގެ ވޯޓުން އެކަނިވެސް ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން އަޒުލު ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނައި އިސްލާހު އެ މާއްދާއިން އުނިކޮށް، އެހެން މާއްދާއެއްގައި ހިމަނައިފިއެވެ.
ހުސްވި ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ބޭއްވި ރައްޔިރުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 37 ވަނަ ޖަލްސާގައި މަޖިލީހުގެ ޤަވާއިދަށް އިސްލާޙުތަކެއް ގެންނަން ފާސްކުރިއިރު، އޭގެ ތެރެއިން އެ ޤަވާއިދުގެ 49 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހަކީ މަޖިލީހުގައި މެންބަރުން ނެތް ދާއިރާތައް ނުހިމެނޭގޮތަށް، ހުސްގޮނޑި ނުހިމަނައި މަޖިލިސް މެންބަރުން ކޯރަމް ގުނަންޖެހޭގޮތަށް ގެނައި އިސްލާހު ތަކެކެވެ.
މި އިސްލާހު ގެނަސްފައި ވަނީ މަޖިލިސް ޤަވާއިދުގެ 49 ވަނަ މާއްދާގެ (ޅ)ގެ ފަހަތަށް ތިން އަކުރު އިތުރު ކުރުމަށެވެ. އެގޮތުން (ކ)ގެ ގޮތުގައި އިތުރުކުރި މާއްދާގައި ބުނަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި ބަލާނީ މަޖިލިސް މެންބަރުންގެ ގޮތުގައި އެވަގުތު ދެމިތިބި މެންބަރުންގެ ޖުމްލަ އަދަދަށް ކަމަށެވެ. (އ) ގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ ސަބަބުން ނޫން ގޮތަކަށް އެއްވެސް އިންތިހާބީ ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެނަމަ، އެ އިންތިހާބީ ދާއިރާއެއްގެ ގޮޑިއަށް މެންބަރަކު އިންތިހާބު ކުރުމާ ހަމައަށް، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ އިންތިހާބީ ދާއިރާއެއް ނުގުނޭނެ ކަމަށެވެ. އަދި (ވ) ގައި ބުނަނީ ހިނގަމުންދާ މަޖިލީހުގެ އުމުރެއްގައި މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަށް އެއްވެސް ބަދަލެއް އައިސްފިނަމަ، އެ ބަދަލެއް އަންނަ ތާރީހާ ވިދިގެން އެންމެ އަވަހަށް ބާއްވާ މަޖިލީހުގެ ޖަލްސާއެއްގައި އެކަން މަޖިލީހުގެ ރައީސް އެކަން އިއުލާން ކުރަންވާނެ ކަމަށެވެ.
ޤަވާއިދަށް މި އިސްލާހު ގެނައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނައިބު ރައީސްގެ ގޮތުގައި ހުސެއިން މުހައްމަދު ލަތީފް އިންތިޚާބު ވުމާއި، ސަރުކާރުގެ ސިޔާސީ މަގާމު ތަކަށް ވަޑައިގެންނެވުމަށް ހަ މެންބަރަކު މަޖިލީހުގެ މެންބަރު ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ދާއިރާތައް ހުސްވުމުންނެވެ.
އެ ބޭފުޅުންނަކީ ނައިބު ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވި، ކުރީގެ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް އާއި ބަންޑާރަނައިބު ކަމުގެ މަގާމުގައި ހުންނެވި، ވިލިމާލޭ ދާއިރާގެ މެންބަރުކަން ކުރެއްވި އަހުމަދު އުޝާމް އާއި މިހާރު ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވާކްސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު އާދަމް ޝަރީފް އާއި ނައިފަރު ދާއިރާގެ ގޮޑި ފުރުއްވަމުން ގެންދެވި މިހާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި މިހާރުގެ ޑިފެންސް މިނިސްޓަރު ކުރީގެ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ގައްސާން މައުމޫނާއި ފެލިދޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި މިހާރުގެ އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދެވެ.
ޤާނޫނު އޮތް ގޮތުން ދެން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިބުގެ ކުރިން އެ ދާއިރާތަކަށް މެންބަރުން އިންތިޚާބުވެސް ނުކުރެވޭނެތީއެވެ. ގާނޫނު ބުނާގޮތުން ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވާން ހަ މަސް ދުވަހުގެ މުއްދަތެއް އޮތްނަމަ، އެ ގޮނޑިތަކުގެ ބައި އިލެކްޝަނެއް ބާއްވާކަށް ނުޖެހޭނެއެވެ. އެހެންކަމުން އެ ހަތް ގޮނޑީގެ ބައި އިލެކްޝަން ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.
މިހާރު އޮތް ގޮތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނީ އަންނަ މާޗް މަހުގެ 17 ގައެވެ. ނަމަވެސް ރޯދައިގެ ފަހުން އިންތިހާބު ބާއްވަން މަޖިލީހަށް ހުށަހަޅާފައިވާތީ އެއަށްވުރެ މަހެއްހާ ދުވަސް ފަސްވުން އެކަށީގެންވެއެވެ. އެހެންކަމުން މަޖިލިސް ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން މަޖިލީހުގެ މެންބަރުން ގުނަމުން ގެންދަނީ ހުސްވި ގޮނޑިތައް ނުހިނަމައެވެ. އެގޮތަށް ގުނާއިރު މިހާރު މަޖިލީހުގައި ތިއްބެވީ 80 މެންބަރުންނެވެ. އެ އަދަދަށް ބަލާއިރު މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަދަދަކީ 54 މެންބަރުންނެވެ. އެހެންކަމުން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 41 މެންބަރުންގެ ވޯޓާއި ދަ ޑިމޮކްރެޓްސްގެ 13 މެމްބަރުންގެ ވޯޓުން ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އަޒުލު ކުރެވޭނެއެވެ.
ޤަވާއިދު ކުރިން އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް މަގާމުން އަޒުލު ކުރެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ. މަޖިލިސް ޤަވާއިދުގެ 49 މާއްދާގެ އިތުރުން ގަވާއިދުގެ 202 ވަނަ މާއްދާ އާއި ޤަވާއިދުގެ 203 ވަނަ މާއްދާއަށް ވެސް މަޖިލީހުން ވަނީ އިސްލާހު ގެނަސްފައެވެ. އެއީ އަޒުލު ކުރުމުގެ މަރުހަލާ އަވަސް ކުރުމަށެވެ. އެގޮތުން ރައީސާއި ނައިބު ރައީސް ވަކިކުރުމަށް ގަރާރެއް ލިބިއްޖެ ނަމަ، ދެ ދުވަސް ތެރޭގައި ނޯޓިސް ފޮނުވައި، 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިއަށްގެންދަން ޖަލްސާއެއް ބާއްވަން ޖެހޭނެއެވެ.
ޤަވާއިދުގެ 49 ވަނަ މާއްދާއަށް ގެނައި އިސްލާހު މިދިޔަ ބުރާއްފަތި ދުވަހު މަޖިލީހުގެ އާއްމު ކޮމިޓީން ވަނީ ބާތިލް ކޮށްފައެވެ. ނަމަވެސް ހަމަ އެއާއެކު އެ އިސްލާހު މަޖިލިސް ގަވާއިދުގެ 242 ވަނަ މާއްދާގެ ފަހަތަށް އިތުރު މާއްދާއެއްގެ ގޮތުގައި ވަނީ ހިމަނައިފައެވެ. އެގޮތުން ޤަވާއިދުގެ 242 ވަނަ މާއްދާގެ އެކެއްގެ ގޮގައި ހިމެނާގައިވާ މި މައްދާގެ (ހ)ގައި ބުނަނީ، ޤާނޫނު އަސާސީގެ 78 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކި ވުމުގެ ސަބަބުން މެންބަރު ކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އާއްމު އިންތިހާބާ ދެމެދު ހަ މަސްދުވަސް ނުވަތަ އެއަށްވުރެން ކުރު މުއްދަތެއް އޮތުމުން ެ ހުސްވި ގޮޑިއަކަށް މެންބަރަކު އިންތިޚާބު ކުރެވެން ނެތް ހާލަތުގައި މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ހުސްވި ގޮނޑި ނުހިމެނޭނެކަމަށެވެ. އަދި (ށ)ގައި ބުނަނީ މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ހާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަށް އަންނަ ބަދަލު، އެ ބަދަލެއް އަންނަ ތާރީހާ ވިދިގެން އެންމެ އަވަހަށް ބާއްވާ މަޖިލިސް ޖަލްސާއެއްގައި މަޖިލީހުގެ ރައީސް އެކަން އިއުލާން ކުރަންވާނެ ކަމަށެވެ.
މި އިސްލާހު އެހެން މާއްދާއަކަށް ބަދަލު ކޮށްފައި މިވަނީ 49 ވަނަ މާއްދާއަށް ގެނައި އިސްލާހަކީ ޤާނޫނު އަސާސީއާ ޚިލާފު އިސްލާހެއް ކަމަށް ބުނެ އެ އިސްލާހު ބާތިލް ކުރަން ބަންޑާރަނާއިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ މިމަހުގެ 25 ވަނަ ދުވަހު ފަށަން ހަމަޖެހިފައި ވަނިކޮށެވެ.