ބިދޭސީއެއްގެ ކަރު ބުރިކޮށްލި ކަމަށް ބުނާ މައްސަލަ ކުރިއަށް ނުގެންދަން ނިންމައިފި

ބިދޭސީއެއްގެ ކަރު ބުރިކޮށްލި ކަމަށް ބުނާ މައްސަލަ ކުރިއަށް ނުގެންދަން ނިންމައިފި

މާޗު 2017 ގައި ލ. ފޮނަދޫގައި ކަރު ބުރިކޮށްލައިގެން މަރާލި ބަންގްލަދޭޝްގެ އަސަން އުއްލާ ނަމަކަށް ކިޔާ މީހާގެ މަރުގެ މައްސަލައިގައި ދައުވާ އުފުލި މީހުންނަށް ކުށް ސާބިތުނުވެ ސަލާމަތްވި މައްސަލައިގައި ދައުލަތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލަ ކުރިއަށް ނުގެންދަން އެ ކޯޓުން ނިންމައިފިއެވެ.

މި މައްސަލާގައި 8 މީހެއްގެ މައްޗަށް ދައުވާ އުފުލާފައި ވާއިރު، މައްސަލައިގައި ހިމެނޭ އަބޫ ކަލަމްގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ދެން ތިބި ޕަރުވެޒް/ މުހައްމަދު ސޮމުން މިއާ/ ރޮބެލް މިއާ/ ސަމީމް/ އަލް އަމީން/ މުހައްމަދު ރަސެލް/ ދީން އިސްލާމްގެ މައްޗަށް އުފުލާފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. މި އެންމެންނަކީވެސް ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ.

ދައުލަތުން ބުނެފައިވާ ގޮތުގައި، އަސަން އުއްލާ މަރާލީ ބައިސްކަލެއްގެ މަތީގައި އޭނާ އިންދާ، އަބޫ ކަލަމް ހަމަލާދީގެންނެވެ. އަދި ހަމަލާއަށް ފަހު އަތިރިމައްޗަށް އަސަން އުއްލާ ގެންގޮސް އޭނާގެ ކަރަށް އަބޫ ކަލަމް ވަޅިން ހަމަލާދީ ކަރު ބުރިކޮށްލި ކަމަށް ދައުލަތުން ބުނެފައިވެއެވެ. އަސަން އުއްލާ އަތިރިމައްޗަށް ގެންދިޔައީ މި މައްސަލާގައި ދެން ދައުވާ އުފުލާފައިވާ ހަތް މީހުންގެ އެހީތެރިކަމާއެކު ކަމަށްވެސް ބުނެފައިވެއެވެ.

އަސަން އުއްލާ މަރާލާފައި އޮއްވާ ފެނުނީ 30 މާޗް 2017 ވަނަ ދުވަހުގެ މެންދުރު 12:45 ހާއިރު ފޮނަދޫ ގޮނޑު ދޮށުންނެވެ. ކްރިމިނަލް ކޯޓުގެ ގާޒީ ޝަފްއަތު ހަބީބު ކުރެއްވި ހުކުމުގައި ވަނީ އެ މައްސަލާގައި ދައުވާކުރި މީހުންގެ މައްޗަށް ކުށް ސާބިތު ކުރުމަށް އެކަށީގެންވާ ވަރަށް ހެއްކާއި ގަރީނާ ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅުއްވިއެވެ.

ހުކުމުގައި ފާހަަގަ ކޮށްފައިވާ ގޮތުގައި ތަހުގީގު މަރުހަލާގައި ދެ މީހަކު ކުށަށް އިއުތިރާފުވި ނަމަވެސް އެ މީހުން ހާދިސާ ހިނގި ގޮތް ކިޔައިދީފައި ވަނީ ތަފާތު ދެ ގޮތަކަށެވެ. އަދި ތަހުގީގަށް ދީފައިވާ ބަޔާން ތަކުގައި ފުށު އެރުންތަކެއް ހުރި ކަމަށް ބުނެފައިވެއެވެ.

ދައުލަތުން މި މައްސަލަ ހައިކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ ތެރޭގައެވެ. މި މައްސަލަ ބެލުމަށްފަހު، މި ގަޒިއްޔާތަށް ބެލި ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ނިންމި ނިންމުމުގައި ވަނީ، މި މައްސަލަ ތަކުގެ ލިޔެ ކިއުންތައް ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހުން މުރާޖައާކޮށް ބެލިއިރު، އިސްތިއުނާފު ރައްދު ވަނީ ބިދޭސީންނަށް ވެފައި، އެމީހުން ބަންދުގައި ތިބޭތާ ގިނަ ދުވަސް ތަކެއް ވެފައިވާތީ އާއި މި މައްސަލަ ތަކުގައި ކޮށްފައިވާ ދައުވާއަށް ބަލާއިރު ލިބިފައިވާ ހެކި ގަރީނާއަށް ރިއާޔަތްކޮށް މި ގަޒިއްޔާތަށް ކުރިއަށް ގެންދިއުމުގެ މަސްލަހަތު އޮތްކަމަށް ނުފެންނާތީ، މި ގަޒިއްޔާތަށް އިތުރަށް ކުރިއަށް ނުގެންދަން ނިންމައި މަސައްލަ ތަކުގެ އިސްތިއުނާފު ފޯމުތައް ބާތިލް ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހުން މިމަހު 12 ވަނަ ދުވަހު ކޯޓަށް އަންގާފައިވާ ކަމަށެވެ.

އެހެން ކަމުން ހައިކޯޓުގެ ގަވާއިދުގެ ދަށުން، ހައިކޯޓުގައި މި މައްސަލަތައް ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން މި ގަޒިއްޔާތަށް ބާތިލް ކުރާކަމަށްވެސް ބުނެފައިވެއެވެ. މި ގަޒިއްޔާތަށް ބާތިލް ކުރުމުން މި ކޯޓުގެ މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް 21 ޖޫންގައި ނެރެފައިވާ ކޯޓު އަމުރު ބާތިލްވާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *