ވަޒީރުންނާ ސުވާލު ކުރުމުގެ ޤާނޫނު އުވާލަން ހުށަހަޅައިފި

ވަޒީރުންނާ ސުވާލު ކުރުމުގެ ޤާނޫނު އުވާލަން ހުށަހަޅައިފި

ވަޒީރުންނާ ސުވާލު ކުރުމުގެ ޤާނޫން އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ޤާނޫން އުވާލަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު ސަލީމެވެ.

ވަޒީރުންނާ ސުވާލު ކުރުމުގެ ޤާނޫނަކީ، 25 އޯގަސްޓް 2005 ގައި ޢަމަލު ކުރަން ފެށި ޤާނޫނެކެވެ. މި ޤާނޫނު އުވާލަން ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި މަޖިލީހުގައި ވަޒީރުންނާ ސުވާލު ކުރުމުގެ އުސޫލުތަކާއި ވަޒީރުންނާ ކުރެވޭ ސުވާލުތަކަށް ޖަވާބު ދިނުމުގެ އުސޫލުތައް ބަޔާން ކުރުމުގެ ޤާނޫނަކީ މިހާރު އަމަލު ކުރަމުންދާ ޤާނޫނު އަސާސީ ވުޖޫދަށް އައުމުގެ ކުރިން އެކުލަވާލައި އަމަލު ކުރަމުން އަންނަ ޤާނޫނަކަށް ވުން ވަނީ ފާހަގަ ކުރައްވައިފައެވެ.

މިހާރު އަމަލު ކުރަމުންދާ ޤާނޫނު އަސާސީގެ 98 ވަނަ މާއްދާގައި ވަޒީރުންނާއި ސަރުކާރު މަގާމު ތަކުގައި ތިބޭ މީހުންނާ ސުވާލު ކުރުމުގައި އަމަލު ކުރާނެ އުސޫލު ބަޔާންކޮށްފައިވާއިރު، އެ މާއްދާގައި ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ސަރުކާރުގެ އެއްވެސް މަގާމެއްގައި ހުރި މީހަކު، އެމީހަކު އަދާކުރަންޖެހޭ ޒިންމާ އާއި މަސްއޫލިއްޔަތާ ގުޅޭގޮތުން އެމީހަކާ ލިއުމުން ނުވަތަ އަނގަ ބަހުން ސުވާލު ކުރުމުގެ ހައްގު ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށްމެ ލިބިގެންވާކަމަށް ބަޔާން ކޮށްފައި ވާކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އެ މާއްދާއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިދީފައިވާ ހައްގު ހަނިވާގޮތަށް ވަޒީރުންނާ ސުވާލު ކުރުމުގެ ޤާނޫނުގެ މާއްދާތައް ހިމަނާފައިވާތީ އާއި މިހާރު އަމަލު ކުރަމުންދާ ޤާނޫނު އަސާސީ ވުޖޫދަށް އައުމަށް ފަހުވެސް ވަޒީރުންނާ ސުވާލު ކުރުމުގެ ޤާނޫނަށް އެއްވެސް އިސްލާހެއް ގެނެސްފައިނުވާއިރު، މި ހިނދަށް އެ ޤާނޫނަކީ ބޭނުންހިފޭ ޤާނޫނެއް ނޫން ކަަމަށްވެސް ސަލީމް ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *