ކުރީގެ ސަރުކާރު ތަކުގެ ރާޑަރުން ތ. އަތޮޅު ވަނީ ކައްސާލާފައި: ރައީސް

ކުރީގެ ސަރުކާރު ތަކުގެ ރާޑަރުން ތ. އަތޮޅު ވަނީ ކައްސާލާފައި: ރައީސް

ވޭތުވެދިޔަ ދިގު މާޒީގައި ތ. އަތޮޅު ވަނީ ސަރުކާރު ތަކުގެ ރާޑަރުން ކައްސާލައި، ފަހަތަށް ގޮސްފައި ކަމަށާއި  ކަމަށާއި، މި ސަރުކާރުން އެކަމަށް ނިމުމެއް ގެނެސްދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ތ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކޮޅުމަޑުލަކީ ތަރައްޤީގައި އެންމެ ކުރީ ސަފުގައި ފުރުޞަތުތައް ލިބޭ އަދި ތަރައްޤީ ވެފައިހުރި ރަށްތަކެއް ހިމެނޭ އަތޮޅަކަށް ބަދަލު ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު، ދިވެހިރާއްޖޭގެ އިޤުތިޞާދީ ކަންކަން އޮތީ މުޅިން ހަލާކު ކޮށްލާފައި ކަމަށާއި، އެކަންކަން ރަނގަޅު ކުރުމަށް މިސަރުކާރުން ވަރަށް ގިނަ މަސައްކަތް ތަކެއް ފަށާފައިވާ ކަމުގައެވެ. އެގޮތުން ސަރުކާރުން އަޅަން ފަށާފައިވާ ފިޔަވަޅު ތަކަކީ ރަނގަޅު ހަރުދަނާ ފިޔަވަޅު ތަކެއްކަން އައިއެމްއެފް އިން ރާއްޖޭގައި އަމިއްލައަށް ކުރި ދިރާސާއިން ފާހަގަވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ކަނޑޫދޫގެ ޞިއްޙީ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ޚާއްސަކޮށް ތެލެސީމިއާއަށް ފަރުވާ ހޯދަންޖެހޭ ކުދިންނާއި ޢާއިލާތަކަށް ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. ތެލެސީމިއާއަށް ބޭނުންވާ ފަރުވާ ދިނުމުގެ ކަންކަން ފަހި ކުރުމަށާއި އަދި ޖުމްލަކޮށް ކަނޑޫދޫގެ ހެލްތު ސެންޓަރުގެ މަޝްރޫޢަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރަށުގެ ރައްޔިތުން އެދޭގޮތަށް ރަށުގެ ބަނދަރުގެ މަޝްރޫޢު ކުރިއަށް ގެންގޮސް ދެއްވުމަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.ހަމައެއާއެކު ރައްޔިތުންނާއި ކައުންސިލުތައް ބާރުވެރި ކުރުމަށް އަދި އިޤްތިޞާދީ މަސައްކަތްތައް ކުރުމަށް ކައުންސިލް ތަކަށް އިތުރު ރަށެއް ހޯދުމަށް ސަރުކާރުން ހުޅުވާލާ ފުރުޞަތުގެ ބޭނުން ހިފައި، ދަނޑުވެރިކަން ފަދަ މަސައްކަތްތައް ފުޅާކުރުމުގެ މަގުފަހި ވެފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *