"ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން ފުލެޓު ލިބުނު ދާއިމީ ލިސްޓުގައި ފްލެޓް ލިބުނުކަމަށް ހިމެނޭ އެންމެނަށް ވީ އެންމެ އަވަހަކަށް ފްލެޓްތައް ހަވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސަރުކާރަަށް ގޮވާލައްވައިފިއެވެ.
މެންބަރުން މިކަމަށް ގޮވާލެއްވީ، އެ ފްލެޓްތައް ލިބުނު ފަރާތްތަކަށް ފްލެޓް ހަވާލުކުރުން އަވަސް ކުރުމަށް ގޮވާލައި ރައްޔިރުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައެވެ. އެ މައްްސަލަ ހުށަޅުއްވަމުން އީވާ ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަކީ އަދިވެސް ހައްލު ނުވެއޮތް މުހިއްމު މައްސަލައެއް ކަމަށެވެ.
އީވާ ވިދާޅުވީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފަރާތަށް ފްލެޓް ލިބިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އާއްމުކުރި ދާއިމީ ލިސްޓް ނެރުމުން އެތައްހާސް އާއިލާއަކަށް ރީތި ސާދާ ދިރިއުޅުމެއް އުޅެވޭނެ ކަމުގެ ފޮނި އުންމީދަކަށް ވިކަމަށާއި، އެއަށްފަހު އެކި ސަބަބުތަކާހުރެ ފްލެޓްތައް ދޫކުރުމުގެ މަސައްކަތް ލަސްވެގެން ދިއުމުގެ ސަބަބުން ފްލެޓްތަކުގެ ހައްގުވެރިންނަށް ގެއްލުން ލިބެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
"ފްލެޓްގައި ދިރިއުޅެވެންދެން ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ ބޮޑު ބައެއް ދިރިއުޅޭ ތަނަކަށް ހަރަދު ކުރަންޖެހޭ ފަރާތްތައް ގިނަ، ހަމަ އެހެންމެ އާއިލާގެ ހުރިހާ މެންބަރުންނާއެކު ކުދި ކުދި ތަންތަން ކޮޅުގައި ދިރިއުޅެން ޖެހިފައިވާ އެތަކެއް އާއިލާއެއް އެބަތިއްބި،" އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ، މި މައްސަލައިގައި ފްލެޓްތައް ދީފައިވާ ގޮތާމެދު ގިނަ ޝަކުވާތަކެއް ހުށަހެޅި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކަމުގެ ތަހުގީގެއް ހިންގާފައިވާއިރު، ފްލެޓް ލިބުމުގެ ޝަރުތު ހަމަވާ، އެއްވެސް މައްސަލަނެތް ފްލެޓްތަކުގެ ހައްގުވެރިންނަށް އިތުރު ލަސްކުރުމަކާނުލައި ފްލެޓްތައް ދޫކުރަންޖެހޭ ކަމަށެވެ. އަދި އެކަމަކީ ދަތި ހާލުގައި އާއިލާ ބިނާ ކުރަމުންދާ ފަރާތްތަކުގެ ތަކުލީފުތަކަށް ހައްލެއް ހޯދައި ދިނުމަށް އެންމެ މުހިއްމު އެއްކަމުގެ ގޮތުގައި ދެކި، ވީ އެންމެ އަވަހަކަށް ފްލެޓް ިދނުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް މި މައްސަލއިގައި އީވާ ވަނީ ސަރުކާރަށް ގޮވާލައްވައިފައެވެ.
މި މައްސަލައިގެ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދެއްކެވި ހުރިހާ މެންބަރުންވެސް ވަނީ ވީހާ އަވަހަކަށް ފްލެޓްތައް ހަވާލު ކުުރުމަށް ގޮވާލައްވައިފައެވެ.