މަހުމޫދު މަރާލި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

މަހުމޫދު މަރާލި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލުމަށްފަހު ފެންވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނު މަހުމޫދު އަބޫބަކުރުގެ ގާތިލު ޝާހް އަލޮމް މިއާ (ސާލިމް) މަހުމޫދު މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ ސައްހަކަން ކަށަވަރު ކުރުމަށް ދައުލަތުން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

ދަނގެތީގެ ވިޔަފާރިވެރިއެއް ކަމަށްވާ، މަހުމޫދު މަރާލުމަށްފަހު ބޮލާއި ފައިގައި ގޯންޏެއް އަޅުވައި، ފަޅުގެއެއްގައި ހުރި ވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ އޮތް ސާފް ޗެމްޕިއަންޝިޕް މެޗަށްފަހު އޭނާ ގެއިން ނުކުމެގެންދިޔަ ގޮތަށް ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށެވެ.

މަހުމޫދުގެ ހަށިގަނޑު ފެނުނުއިރު 30 ތަނަކަށް ވަޅިން ހަމަލާދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ މައްސަލައިގައި ސާލިމްގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރިއެވެ. އެއީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާއެވެ. މި މައްސަލައިގައި ސާލިމް ވަނީ ދަށު ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފުވެފައެވެ. އަދި އެއީ ޝައިތޯނާ ކުރުވި ކަމެއް ކަމަށް ބުނެ އޭނާ ވަނީ އެކަމަށް މައާފަށްވެސް އެދިފައެވެ.

އެހެންކަމުން އޭނާގެ މައްޗަށް ކުށްސާބިތުވާ ކަމަށް ކަނޑައަޅައި، ސާލިމް މެރުމަށް ހުސްވި 2022 ވަނަ އަހަރުގެ ފެބްރިއަރީ މަހުގެ 27 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ހުކުމް ކުރިއެވެ. ހައިކޯޓުގައި ކުރިއަށް ދިޔައީ، އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ދައުލަތުން ހުށަހެޅި މައްސަލައެވެ.

މި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލުމުން ދެން އޮންނާނީ މި މައްސަަލައިގަިއ ހައިކޯޓުން ހުކުމް ކުރުމެވެ. ދައުލަތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ އެ ހުކުމް ސާލިމްގެ ފަރާތުން އިސްތިއުނާފު ނުކުރުމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *