މިރުޒާގެ މަރު: ނަޒީފަށް މަރުގެ ޙުކުމް، އެކަމަކު އެންމެ ފަހުވަގުތު މިރުޒާގެ ވާރިސުން މަޢާފު ދީފި

މިރުޒާގެ މަރު: ނަޒީފަށް މަރުގެ ޙުކުމް، އެކަމަކު އެންމެ ފަހުވަގުތު މިރުޒާގެ ވާރިސުން މަޢާފު ދީފި

ލިޔުނީ: މުހަންމަދު އަޔާން

ވިލިމާލޭ ޕާކެއްގެ ތެރޭގައި ގުރޫޕަކުން ހަމަލާދީ ނ. މާޅެންދޫ/ ވައިޓް ހައުސް، އަހުމަދު މިރުޒާ މަރާލިކަން ސާބިތުވެ، މަރަން ހުކުމްކުރި، ޏ. ފުވައްމުލަކު ޒާވިއާ އަބްދުالله  ނަޒީފަށް މިރުޒާގެ ހުރިހާ ވާރިސުން މައާފު ދީފައިވާތީ، އޭނާގެ މައްޗަށް ތައުޒީރީ އަދަބެއް ކަނޑައަޅުގެ އަޑުއެހުމެއް ބާއްވަން ކުރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލް ކޮށްފިއެވެ.

މިރުޒާ މަރައިލީ 2011 ގައި ވިލިމާލޭ ޕާކު ތެރޭގައި އޭނާގެ ބޮލުގައި ލަކުޑިބުރިއަކުން ޖަހައިގެންނެވެ. މިރުޒާ މަރުވީ މި ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށެވެ.

މި މައްސަލަ އެންމެ ފުރަތަމަ ކުރިމިނަލް ކޯޓުގައި ކުރިއަށް ދިޔައިރު، މިރުޒާގެ ބައްޕަ ހިމެނޭގޮތުން އޭނާގެ ވާރިސުން އެދިފައި ވަނީ މިރުޒާގެ މަރުގެ ބަދަލުގައި، ނަޒީފަށް މަރުގެ އަދަބު ދިނުމަށެވެ. އެހެންކަމުން ކުރިމިނަލް ކޯޓުން ނަޒީފު މެރުމަށް ހުކުމް ކުރިއެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ނަޒީފު މެރުމަށް ކުރިިމިނަލް ކޯޓުން ކުރި ހުކުމަށް ތާއީދު ކުރިއެވެ. ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށްދިޔައިރު، މިރުޒާގެ ހުރިހާ ވާރިސުން ނަޒީފަށް މަޢާފުދީ މިރުޒާގެ މަރުގެ ބަދަލުގައި ގިސާސް ހިފުމަށް ބޭނުން ނުވާކަމަށް ބުންޏެވެ. އެހެންކަމުން މަރުގެ ހުކުމުން ނަޒީފު ސަލާމަތްވިއެވެ.

އިސްލާމީ ޝަރީއަތުގައި ހާކިމަށް ލިބިގެންވާ ބާރުގެ ދަށުން މި މައްސަލައިގައި ޤާނޫނުލް އުޤޫބާތުގެ ދަށުން ނަޒީފަށް ތައުޒީރީ އަދަބެއް ކަނޑައަޅަންޖެހޭ ކަމަށް، ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި، އެ އަދަބުގެ މިންވަރު ކަނޑައެޅުމަށް މި މައްސަލަ ކުރިމިނަލް ކޯޓަށް ތަހުވީލު ކުރުމަށްޓަކައި، ހައިކޯޓަށް ފޮނުވައިލިއެވެ.

މި މައްސަލަ ހައިކޯޓަށް ފޮނުވައިލުމުން، އެ ކޯޓުގައި ކުރިއަށް ގެންދިއަ ޝަރީއަތުގެ މަޖިލީހުގައި މައްސަލައިގެ ހަސްމުންނަށް ދިން ފުރުސަތުގައ،ި ފާހަގަކުރާނެ އިތުރުކަމެއް ނެތްކަމަށް ދެ ފަރާތުންވެސް ވަނީ ބުނެފައެވެ.

އެހެންކަމުން މި މައްސަލައިގައި ނަޒީފުގެ މައްޗަށް އަދަބު ކަނޑައެޅުމަށްޓަކައި، މި މައްސަލަ ކުރިމިނަލް ކޯޓަށް ތަހުވީލު ކުރުމަށް މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައި ހުކުމް ކުރީ ހުސްވި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *