މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުކޮށް ވަޒީފާއިން ވަކި ކުރި، ކ. ކާށިދޫ މަސްޖިދުއްޒިކްރާގެ ކުރީގެ އިމާމު ކ. ކާށިދޫ، ގާނިމް ސަލީމަށް އަލުން ވަޒީފާދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރު ކޮށްފިއެވެ.
ގާނިމް ސަލީމަކީ ސިވިލް ސަރވިސް ކޮމިޝަނުގެ ދަށުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިމާމެއްގެ ގޮތުގައި ކ. ކާށިދޫގައި ވަޒީފާއަދާކުރަމުންދިޔަ މުވައްޒަފެކެވެ. އޭނާ އަކީ ކ. ކާށިދޫ ކައުންސިލުގެ އިދާރާއިން އެވަގުތަކު ކަނޑައަޅާ މިސްކިތެއްގައި ވަޒީފާ އަދާކުރަމުން އަންނަ މީހެކެވެ. އެ މަ މައްސަލަ ހިނގިއިރު އޭނާ އިމާމުކަމުގައި ހުރީ ކ. ކާށިދޫ މަސްޖިދުއްޒިކްރާގައެވެ.
ގާނިމް ވަޒީފާ އަދާކުރަމުން ދަނިކޮށް، އޭނައާއި ގުޅޭގޮތުން އާންމު ފަރާތްތަކަކުން އިސްލާމިކް މިނިސްޓްރީއަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން މައްސަލަ ތަހުގީގު ކުރުމަށް 10 ނޮވެންބަރު 2022 އިން ފެށިގެން ޝ9 ޑިސެންބަރު 2022 ގެ ނިޔަލަށް މުސާރަ ލިބޭގޮތަށް ސަސްޕެންޑްކުރިއެވެ. އޭގެ ފަހުން 16 ނޮވެންބަރު 2022 ގައި އާންމު ފަރާތްތަކަކުން ސޮއިކޮށް އިތުރު ޕެޓިޝަނެއް ހުށަހަޅާފައިވާކަން ފާހަގަކޮށް، މަސްތުވާތަކެތި ބޭނުންކުރާކަމަށް ތުހުމަތު ކުރެވޭ ކަމަށާއ،ި މިސްކިތަށް އަރާ މީހުންނާ ޒުވާބުކުރުމާއި، ވަގުތަށް ބަންގި ނުގޮވުމާއި، ނަމާދުގައި ސޫރަތްތައް އޮޅުވާލައިގެން ކިޔާކަމަށް ތުހުމަތުވާ މައްސަލައިގައި ތަހުގީގު ކުރާކަމަށް އޭނާއަށް އެންގިއެވެ.
އޭގެ ފަހުން މުސާރަ ނުލިބޭގޮތަށް ގިނަ ދުވަސްތަކަކު ސަސްޕެންޝަންގައި ބެހެއްޓުމަށްފަހު، 9 ފެބްރުވަރީ 2023 ގައި އޭނާ ވަޒީފާއިން ވަކިކުރިއެވެ.
މިކަމާގުޅިގެން ގާނިމްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނ،ީ އޭނާގެ މައްޗަށް ތުހުމަތު ކުރި މައްސަލަ ތަހުގީގު ކުރުމުގައި ހެއްކާބެހޭ ގާނޫނާހިލާފު ވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށާއ،ި އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމަކާ ނުލައި ވަޒީފާއާބެހޭ ގާނޫނާ ހިލާފަށްކަމަށް ކަނޑައަޅައިދިނުމަށެވެ. އޭގެ އިތުރުން އޭނާ އަދާކުރަމުން އައި ވަޒީފާއަށް ރުޖޫއަ ކުރުމަށާއ،ި އޭނާއަކީ ވަޒީފާއިން ވަކިކޮށްފައިވާ މީހެއްކަމުގައި ނުބެލުމަށާއ،ި ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާ އަނބުރާ ރުޖޫއަކުރުމާ ހަ މައަށް އޭނާ ވަޒީފާގައި ހުރިނަމަ މުސާރަ އާއި އިނާޔަތް ތަކުގެ ގޮތުގައި ލިބެންޖެހޭ އެންމެހައި ފައިސާ އާއި ރަމަޞާން މަހުގެ އިނާޔަތާއ،ި މުސާރަ ނުލިބޭގޮތަށް ވަޒީފާއިން ސަސްޕެންޑް ކުރި މުއްދަތަށްވާ މުސާރަ އާއި އިނާޔަތްތައް އޭނާއަށް ދިނުމަށް ސިވިލްސާވިސް ކޮމިޝަންގެ މައްޗަށް އަމުރު ކޮށްދިނުމަށްވެސް އެދިފައިވެއެވެ.
މި މައްސަލައިގައި ޓްރައިބިއުނަލުން ކުރި ހުކުމްގައި ވަނީ، ގާނިމް ސަލީމް ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާއާބެހޭ ގާނޫނު ގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ހުއްދަކުރާފަދަ ހާލަތެއް މެދުވެރިވެގެންކަން ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށާއި، އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާއާބެހޭ ގާނޫނާހިލާފަށް ކަމަށާއި، އޭނާ ވަޒީފާއިން ވަކިކުރުމުގައި ގާއިމު ކުރަންޖެހޭ މައުލޫއީ އަދުލުވެރިކަން ގާއިމުކޮށްފައި ނުވާކަމަށެވެ.
އެހެންކަމުން ގާނިމް އަދާކުރަމުންދިޔަ މަގާމަށް އޭނާ އަނބުރާ ރުޖޫއަ ކުރުމަށާއ،ި އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށާއި، އޭނާ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން، ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީހާ ހަމައަށް އޭނާ ވަޒީފާއިން ވަކިކުރިއިރު އަދާކުރި މަގާމުގެ މުސާރަ އާއި އިނާޔަތް ތަކަށްވާ ފައިސާއިން އޭނާ ވަޒީފާއިން ވަކިކުރިއިރުގައި ނޯޓިސްގެ މުއްދަތުގެ ގޮތުގައި ދީފައިވާ 7,765 އާއ،ި ވަޒީފާއިން ވަކިކުރުމަށްފަހު އާމްދަނީގެ ގޮތުގައި ހޯދާފައިވާ 34,513.8 ރުފިޔާ އުނިކުރުމަށްފަހު، 1445 ވަނަ އަހަރުގެ ރަމަޞާން މަހުގެ އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ 3000 ރުފިޔާ އާއި މުސާރަ ނުލިބޭގޮތަށް އޭނާ ސަސްޕެންޑްކުރި މުއްދަތަށް މުސާރައިގެ ގޮތުގައިޖެހޭ 15,788.83 އަކީ ސިވިލް ސާވިސް ކޮމިޝަނުގެ ފަރާތުން،ގާނިމަށް ދޭންޖެހޭ ފައިސާކަމަށް ވެސް ވަނީ ކަނޑައަޅައިފައެވެ.
އެހެންކަމުން 30 ދުވަހުގެ ތެރޭގައި ގާނިމަށް އެފައިސާ ދިނުމަށްފަހު، އެކަން ހަމަޖެހޭތާ ރަސްމީ ބަންދުނޫން ތިން ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށ،ް ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް ޓްރައިބިއުނަލުން ވަނީ އަމުރު ކޮށްފައެވެ.