ޣައްޒާގައި ކޮންމެ 90 މިނެޓަކުން ފަލަސްތީނުގެ ރައްޔިތަކު މަރާލައި: އިސްލާމިކް ރިލީފް

ޣައްޒާގައި ކޮންމެ 90 މިނެޓަކުން ފަލަސްތީނުގެ ރައްޔިތަކު މަރާލައި: އިސްލާމިކް ރިލީފް

އިސްރާއީލުން ޣައްޒާގައި ސުލްހައިގެ އެއްބަސްވުން އިއުލާނުކުރި ފަހުން، އެވްރެޖްކޮށް ކޮންމެ 90 މިނެޓަކުން ފަލަސްތީނުގެ ރައްޔިތަކު މަރާލާ ނުވަތަ ޒަޚަމްކުރަމުންދާ ކަމަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމްއިއްޔާއެއް ކަމަށްވާ "އިސްލާމިކް ރިލީފް" އިން ހާމަކޮށްފިއެވެ.

އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްގެން ހިންގާ އިސްލާމިކް ރިލީފުން ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 1,454 ފަލަސްތީނު ރައްޔިތުން شهيد ވެ، 5,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. شهيد ވި މީހުންގެ ތެރޭގައި މަދުވެގެން 320 ކުޑަކުދިން ހިމެނޭއިރު، މިއީ އެވްރެޖްކޮށް ދުވާލަކު ކުޑަކުއްޖެކެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ސުލްހައިގެ އެއްބަސްވުމަށްފަހު 1,471 މީހުން شهيد ވެ، 5,189 މީހުން ވަނީ ޒަޚަމްވެފައެވެ. އަދި އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ސީދާ شهيد ވި މީހުންގެ ޖުމްލަ އަދަދު ވަނީ 74,254 އަށް އަރާފައެވެ.

އިސްލާމިކް ރިލީފުން ފާހަގަކުރި ގޮތުގައި، އިސްރާއީލުގެ އަސްކަރީ ކޮންޓްރޯލް އޮންނަ ސަރަހައްދު ބަޔާންކުރާ "ޔެލޯ ލައިން" ބޭނުންކޮށްގެން އިސްރާއީލުން ވަނީ ޣައްޒާގެ 65 އިންސައްތަ ސަރަހައްދުން ފަލަސްތީނު ރައްޔިތުން ނެރެލާފައެވެ. މީގެ ސަބަބުން ޣައްޒާގެ 2.1 މިލިއަން މީހުންގެ އާބާދީ މަޖުބޫރުވެފައިވަނީ ބާކީ އޮތް 35 އިންސައްތަ ކުޑަ ސަރަހައްދުގައި ފައްތައިގެން ދިރިއުޅޭށެވެ.

ޣައްޒާގައި މަސައްކަތްކުރާ އިސްލާމިކް ރިލީފްގެ އެހީތެރިއަކު ބުނެފައިވަނީ، "ޙަޤީޤަތުގައި އެއްވެސް ސުލްހައެއް ނެތް. އިސްރާއީލުން ހަމަލާދެނީ ރެފިއުޖީ ކޭމްޕްތަކަށާއި މީހުން ތޮއްޖެހިފައިވާ ސަރަހައްދުތަކަށް. އެހެންކަމުން އަދިވެސް ބިރުވެރިކަން އޮތީ އިންތިހާއަށް."

މީގެ އިތުރުން އިސްރާއީލުން ދަނީ ޣައްޒާއަށް ބޭނުންވާ ވަގުތީ ހިޔާވަހިކަމުގެ ސާމާނާއި، ތެލާއި، އަދި ސިއްހީ އެހީތެރިކަން އެތެރެކުރުމަށް ހުރަސްއަޅަމުންނެވެ. ޣައްޒާގެ އިމާރާތްތަކުގެ 82 އިންސައްތަ ހަލާކުވެފައިވާއިރު، ސިއްހީ ޚިދުމަތްދޭ ތަންތަނުގެ ދެބައިކުޅައެކު ބައި ވަނީ ހުއްޓިފައެވެ. އަދި ނުރައްކާތެރި ބަލިތައް ތަހައްމަލުކުރަމުންދާ 20,000 އަށްވުރެ ގިނަ ބަލިމީހުންނަށް ފަރުވާއަށް ޣައްޒާއިން ބޭރަށް ދިއުމުގެ ހުއްދަ އިސްރާއީލުން ނުދެއެވެ.

އިސްލާމިކް ރިލީފުން ވަނީ ދުނިޔޭގެ ވެރިންނަށް ގޮވާލާ، އާންމުން ރައްކާތެރިކުރުމަށާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިސްރާއީލަށް ކުރާ ފިއްތުންތައް އިތުރުކުރުމަށް އެދިފައެވެ. އަދި ހަމައެކަނި ނަމެއްގައި އޮންނަ ސުލްހައިގެ އެއްބަސްވުމަކީ ބައިނަލްއަގުވާމީ މުޖުތަމައުން ފިޔަވަޅުުުުު ނުނަގާ ތިބުމަށް ދެއްކޭނެ ބަހަނާއެއް ނޫންކަމަށްވެސް އެޖަމްއިއްޔާއިން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *