އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށްފަހު، އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު "ޔޫއެސްއެސް އަބްރަހަމް ލިންކަން" 322 ދުވަހުގެ ދިގު މިޝަނަކަށްފަހު އެނބުރި އެމެރިކާއަށް އަތުވެއްޖެއެވެ.
ކެލިފޯނިއާގެ ސެން ޑިއޭގޯގައިވާ ނޭވަލް އެއާ ސްޓޭޝަން ނޯތު އައިލެންޑަށް މި މަނަވަރު ބަނދަރުކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. މި މަނަވަރުން ދަތުރުކުރި އަސްކަރީ ފްލީޓުން ވަނީ މެދުކެނޑުމެއްނެތި ކަނޑުމަތީގައި 265 ދުވަސް ހޭދަކޮށް، ރެކޯޑު މުއްދަތެއް ކަނޑުމަތީގައި ހޭދަކޮށްފައެވެ. މަނަވަރު ބަނދަރުކުރުމާއެކު އޭގައި ތިބި ފަޅުވެރިންނާއި ސިފައިންނަށް މަރުހަބާ ކިޔުމަށް އެމީހުންގެ އާއިލާތަކާއި ރައްޓެހިން ބަނދަރަށް އެއްވެފައިވެއެވެ.
މި ދިގު ދަތުރާއެކު މަނަވަރުގެ އެތެރޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ކާބޯތަކެތި ދަތިވުމާއި، ސިފައިންގެ ނަފްސާނީ ހާލަތު ދަށަށް ގޮސް އަމިއްލައަށް މަރުވާން އުޅުމުގެ ހާދިސާތަކެއް ހިނގާފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވަނީ މީޑިއާތަކުން މަނަވަރުގެ މޫރިތިކަން ކުޑަކޮށް، ސިފައިންގެ ރޫހު ދައްކޮށްލަން މަސައްކަތްކުރާ ކަމަށް ބުނެ އެ ރިޕޯޓުތަކަށް ފާޑުވިދާޅުވެފައެވެ. އަދި ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ މީޑިއާގެ މި ރިޕޯޓުތަކަކީ "ފޭކް ނިއުސް" ކަމަށް ސިފަކުރައްވާފައެވެ.
އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާމެދު އެމެރިކާގެ އާންމުންގެ ނުރުހުން ބޮޑުވަމުންދާ ދަނޑިވަޅެއްގައި، ހެދި ސާވޭތަކުން ދައްކާ ގޮތުގައި %65 އާންމުން ޓްރަމްޕްގެ ހަނގުރާމައިގެ ސިޔާސަތާ ދެކޮޅެވެ. ހޯރްމުޒް ކަނޑުއޮޅިން ކުރާ ވިޔަފާރި ދަތުރުތަކަށް ހުރަސްއެޅުމުގެ ސަބަބުން އެމެރިކާގައި ތަކެތީގެ އަގުބޮޑުވެ، އިގްތިސާދީ ގޮތުންވެސް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.






