ރޫސީވިލާތުގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް އަކީ ދުނިޔޭގެ ސިޔާސީ މަޝްރަޙުގައި އެންމެ ފާހަގަކޮށްލެވޭ އަދި ތަޖުރިބާކާރު އެއް ޑިޕްލޮމޭޓެވެ. 2004 ވަނަ އަހަރުން ފެށިގެން ރަޝިޔާގެ ޚާރިޖީ ވަޒީރުކަން ކުރައްވަމުން އަންނަ ލަވްރޯވް އަކީ މާދަރީ ބަސް ރަޝިއަން ބަހުގެ އިތުރުން އިނގިރޭސި، ފްރެންޗް، ސިންހަޅަ އަދި ދިވެހި ބަހުން ފަރިތަކަމާއެކު ވާހަކަދައްކަވާ ބޭފުޅެކެވެ.
ލަވްރޯވް ބަސްތައް ދަސްކުރެއްވީ އޭނާގެ ތަޢުލީމީ ޙަޔާތާއި ދިޕްލޮމެޓިކް ކެރިއަރުގެ ތެރެއިންނެވެ. ރަޝިއަން ބަހަކީ ލަވްރޯވް ގެ މާދަރީ ބަހެވެ.
ލަވްރޯވް މޮސްކޯ ސްޓޭޓް އިންސްޓިޓިއުޓް އޮފް އިންޓަރނޭޝަނަލް ރިލޭޝަންސް ގައި ކިޔަވާ ވިދާޅުވިއިރު، އޭނާ ޚާއްޞަވުމަށް ހަމަޖެހުނީ ސްރީލަންކާގެ ކަންކަމަށެވެ. އެހެންކަމުން ޔުނިވަރސިޓީގައި އުޅުއްވި އިރު ސްރީލަންކާގެ ރަސްމީ ބަސް ކަމަށްވާ ސިންހަޅަ ބަސް ދަސް ކުރެއްވިއެވެ.
1972 ގައި ތަޢުލީމު ނިންމެވުމަށްފަހު ލަވްރޯވްގެ ފުރަތަމަ ދިޕްލޮމެޓިކް މަސައްކަތް ފެއްޓެވީ ސްރީލަންކާގައި ހުންނަ ސޯވިއެޓް އެމްބަސީގައެވެ. އެ ދުވަސްވަރު ސޯވިއެޓް ޔުނިއަންއިން ދިވެހިރާއްޖެއާއެކު ބާއްވާ ޚާރިޖީ ގުޅުންތައް ބަލަހައްޓަމުން ދިޔައީ ސްރީލަންކާގައި ހުންނަ އެމްބަސީ މެދުވެރިކޮށް ކަމަށްވުމުން، އެ މަސައްކަތުގެ ތެރެއިން އޭނާ ދިވެހި ބަސް ދަސްކުރެއްވިއެވެ.
ޔުނިވަރސިޓީ ދުވަސްވަރު އިތުރު ބައިނަލްއަޤްވާމީ ބަސްތަކުގެ ގޮތުގައި އިނގިރޭސި އަދި ފްރެންޗް ދަސްކުރެއްވިއެވެ. ޚާއްޞަކޮށް އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދ. ގެ ރަޝިޔާ މިޝަންގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވުމުން އިނގިރޭސި ބަހަށް ނުހަނު އަހުލުވެރިވެވަޑައިގެންނެވިއެވެ.
ސަރްގޭ ލަވްރޯވް އުފަންވެވަޑައިގަތީ 21 މާރިޗު 1950 ގައި މޮސްކޯ އަށެވެ. ސާނަވީ ތަޢުލީމު އިނގިރޭސި ބަހަށް އިސްކަންދޭ ސްކޫލަކުން ނިންމެވުމަށްފަހު، 1967 ގައި ގުޅުނީ ސޯވިއެޓް ޔުނިއަންގެ އެންމެ މަތީ ޚާރިޖީ ތަޢުލީމުދޭ ކޮލެޖް ކަމަށްވާ މޮސްކޯ ސްޓޭޓް އިންސްޓިޓިއުޓް އޮފް އިންޓަރނޭޝަނަލް ރިލޭޝަންސް އާއެވެ. އޭނާ 1972 ގައި ބައިނަލްއަޤްވާމީ ގުޅުންތަކުގެ ދާއިރާއިން ޑިގްރީ ޙާޞިލުކުރެއްވިއެވެ.
ލަވްރޯވްގެ ބައްޕައަކީ އަރްމީނިއާ ނަސްލުގެ ބޭފުޅެކެވެ. މަންމައަކީ ސޯވިއެޓް މިނިސްޓްރީ އޮފް ފޮރިން ޓްރޭޑްގައި މަސައްކަތްކުރެއްވި ރަޝިއާ ބޭފުޅެކެވެ. ކޮލެޖުގައި އުޅުއްވި ދުވަސްވަރު 1971 ހިސާބުގައި މާރިއާ ލަވްރޯވާ އާ ކައިވެނިބައްލަވައިގަތެވެ. އެ ދެބޭފުޅުންގެ އެކެޓެރީނާ ނަމަކަށް ކިޔާ ދަރިކަލަކު ހުރެއެވެ.
ލަވްރޯވް އަކީ ޅެން ހެދުމަށާއި، ގިޓާ ކުޅުމަށާއި، އަދި ރަފްޓިންގ (ފެންމަތީ ކުޅިވަރުތަކަށް) ވަރަށް ބޮޑަށް ޝައުޤުވެރިކަން ހުންނަ ބޭފުޅެކެވެ.
ރަޝިޔާއިން އދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބުގެ ގޮތުގައި 10 އަހަރު ވަންދެން ލަވްރޯވް މަސައްކަތް ކުރެއްވިއެވެ. މި މުއްދަތުގައި އޭނާ ވަނީ އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ރިޔާސަތު އެކި ފަހަރު މަތިން ބަލަހައްޓަވައި، ބައިނަލްއަޤްވާމީ ގޮތުން ބޮޑު މަޤްބޫލުކަމެއް ހޯއްދަވާފައެވެ.
ރައީސް ވްލަދިމީރް ޕުޓިންގެ ސަރުކާރުގައި 2004 ވަނަ އަހަރު ލަވްރޯވް ޚާރިޖީ ވަޒީރުކަމާ ހަވާލުވެވަޑައިގެން، މިހާތަނަށް 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެ މަޤާމު ފުރުއްވަމުން ދިއުމަކީ ރަޝިޔާގެ ތާރީޚުގައިވެސް މަދުން ނޫނީ ނުފެންނަ ފަދަ ބޮޑު ކާމިޔާބީއެކެވެ.
ސޫރިޔާގެ ހަނގުރާމައާއި، އިރާންގެ ނިއުކްލިއަރ އެއްބަސްވުންތަކުގެ އިތުރުން ހުޅަނގުގެ ޤައުމުތަކާއެކު ކުރެވުނު ގިނަގުނަ ސިޔާސީ މަޝްވަރާތަކުގައި ރަޝިޔާގެ މައިގަނޑު އަޑުގެ ގޮތުގައި އޭނާ ވަނީ ހަރަކާތްތެރިވެވަޑައިގެންނެވިއެވެ.






