ޕީއެންސީގެ ސަރުކާރު 10 އަހަރު ނުވަތަ 15 އަހަރު ދެމިއްޖެނަމަ ޑޮލަރުގެ ރޭޓް 10 ރުފިޔާއަށް ދަށްވާނެ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތް ކަމަށް ބުނެ، އޭނާ މަގާމުން ވަކިކުރުމަށް އެމްޑީޕީން ހުށަހެޅި މައްސަލައަށް މަޖިލީހުގައި ބަހުސްކުރައްވަމުން ފަލާހު ވިދާޅުވީ، ޑޮލަރުގެ އަގު މައްޗަށް ދިޔައީ ފައިސާ ޗާޕްކުރުން ހިމެނޭ ގޮތަށް އެމްޑީޕީގެ ސަރުކާރުން ތަންފީޒުކުރި އިގުތިސާދީ ސިޔާސަތުގެ ސަބަބުން ކަމަށެވެ. އަދި އޭރު ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑުބައެއް ކޮރަޕްޝަނުގެ ސަބަބުން ގެއްލިފައިވާއިރު، ލޯނުތައް ނަގައިގެން ފައިދާހުރި ކަމެއް ނުކުރިކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.
"ތާކުންތާކު ނުޖެހޭ ގޮތަށް އިގުތިސާދީ ކަންތައްތައް ކުރީމާ ވާނީ މިހެން. އިއްޒަތްތެރި ރައީސް، މިއީ ޑޮލަރަށް މައްޗަށް ބަދަލު އަންނަ ސަބަބު. އަޅުގަނޑުމެންގެ މި ވެރިކަން 10 ވަރަކަށް 15 ވަރަކަށް އަހަރަކަށް ދެމިގެން ގޮސްފިއްޔާ ޑޮލަރު ހުންނާނީ 10 ގައި،" ފަލާހު ވިދާޅުވިއެވެ.
މީގެ ކުރިން މަޖިލީހުގައި ތުހުމަތަށް ޖަވާބުދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރަސްމީ ރޭޓުގައި ދޫކުރި ޑޮލަރަށްވުރެ 80 ޕަސެންޓް އިތުރަށް، 1.9 ބިލިއަން ޑޮލަރު މި ސަރުކާރުން ދޫކޮށްފައިވާ ކަމަށެވެ. ސޯލިހުގެ ސަރުކާރުން 2021 އިން ފެށިގެން ރަސްމީ ރޭޓުން ދޫކުރީ 1.75 ބިލިއަން ޑޮލަރުކަމަށް ސައީދު ވިދާޅުވިއެވެ.






