ހަތިޔާރުގެ އަޅުވެތިކަމުން ދިވެހި ގައުމު މިނިވަންކުރި ފަދައިން، ދަރަނީގެ އަޅުވެތިކަމުންވެސް ގައުމު ސަލާމަތްކޮށް އިގުތިސޯދީ މިނިވަންކަން ގާއިމްކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ މައިދާނުގައި ރޭ ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، 1988 ނޮވެމްބަރު 3 ގައި ގައުމުގެ ދިފާއުގައި ތެދުވެވަޑައިގެންނެވި ޝަހީދުންގެ ގުރުބާނީއަށް އަގުވަޒަންކުރަންޖެހޭ ކަމަށެވެ. އެ ހާދިސާއަށްފަހު 38 އަހަރު ފާއިތުވެ، އެ ހާދިސާ ނުދެކޭ އާ ޖީލުތައް ބައްދަލުވެފައިވާތީ، އެ ކުދީންނަށްޓަކައި އަދާކުރަންޖެހޭ ޒިންމާތަކެއް އޮތްކަންވެސް ރައީސް ހަނދާންކޮށްދެއްވިއެވެ.
ފުދުންތެރި އަދި އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުމުގެ އަސާސަކީ އިގުތިސޯދީ މިނިވަންކަން ކަމަށާއި، ރާއްޖެ ބަނގުރޫޓުވުމުގެ ބިރުން ސަލާމަތްކޮށް ދައުލަތުގެ ދަރަނިތައް ދައްކައި ޚަލާސްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. ސަލާންޖަހަން ނުޖެހޭ ފުދުންތެރި އިގުތިސޯދެއް ބިނާކުރެވިގެން ނޫނީ ގައުމެއްގެ ހަގީގީ ސިޔާދަތު ކަށަވަރުނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ސަރަހައްދުން ބޭރުގެ ސިފައިން ފޮނުވާލެވިފައިވާ ކަމަށާއި، ގެއްލިފައިވާ ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތް ބައިނަލްއަގުވާމީ މައިދާނުގައި ފެށިފައިވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ. އަދި ގައުމީ ދިފާއީ ބާރުގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.






