ޔޫރަޕްގެ ސުޕަމާކެޓްތަކުގެ ފްރީޒަރު ތަކަށް ސައިބަރ ހަމަލާއެއް ދީފި

ޔޫރަޕްގެ ސުޕަމާކެޓްތަކުގެ ފްރީޒަރު ތަކަށް ސައިބަރ ހަމަލާއެއް ދީފި

ޔޫރަޕްގެ އެކި ޤައުމުތަކުގެ ސުޕަމާކެޓްތަކުގެ ރެފްރިޖެރޭޓަރުތަކާއި ފްރީޒަރުތަކަށް އަމާޒުކޮށް ދިން ނުރައްކާތެރި ސައިބަރ ހަމަލާތަކަކާ ގުޅިގެން، ގިނަ އަދަދެއްގެ ކާބޯތަކެތި ނައްތައިލަން ޖެހިއްޖެއެވެ. މި ހަމަލާތަކުގެ ސަބަބުން ޔޫރަޕްގެ ކާބޯތަކެތީގެ ސަޕްލައި ޗޭނަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ކަމާބެހޭ ފަރާތުތަކުން ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން، ބެލްޖިއަމް، އަދި އިތުރު އެހެން ޔޫރަޕްގެ ޤައުމުތަކެއްގެ ގްރޮސަރީ ފިހާރަތަކާއި ސުޕަމާކެޓްތަކުގައި ހުރި ފިނިކުރާ ނިޒާމުތައް ވަނީ ރިމޯޓްކޮށް ހެކަރުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ކާރފޯ ، ޑެލްހައިޒް ، އަދި އިކިއާ ފަދަ މަޝްހޫރު ބޮޑެތި ރީޓެއިލް ޗޭންތަކުގެ ފިހާރަތައް ހިމެނެއެވެ.

ހެކަރުން ވަނީ މި ފިހާރަތަކުގެ ފްރީޒަރުތަކާއި ރެފްރިޖެރޭޓަރުތަކުގެ ފިނިހޫނުމިން ކުއްލިއަކަށް އިންތިހާއަށް މައްޗަށް (ބައެއް ތަންތަނުގައި 50 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް) އަރުވާލާފައެވެ. މިކަމުގެ ސަބަބުން ރައްކާކޮށްފައި ހުރި އެތަކެއް އެއްގަމު މަހާއި، ކިރުގެ ބާވަތްތަކާއި، ފިނިކުރި ކާނާ ހަލާކުވެ، ފިހާރަތަކަށް ވަނީ ބޮޑެތި މާލީ ގެއްލުންތަކަކާ ކުރިމަތިލާންޖެހިފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ހަލާކުވެފައި ހުރި އަދި ހަލާކުވެދާނެ ކަމަށް ބެލެވޭ ހުރިހާ ތަކެއްޗެއް ވަނީ އުކާލަން ޖެހިފައެވެ.

މި ހާދިސާއާ ގުޅިގެން ޔޫރަޕްގެ އިއްތިހާދު އިން ވަނީ ކަންބޮޑުވުން ފާޅުކޮށް، މިއީ ޔޫރަޕްގެ ކާބޯތަކެތީގެ ސަޕްލައި ނިޒާމު ހަލާކުކޮށްލުމަށް އަދި ރައްޔިތުންގެ އިތުބާރު ގެއްުވާލުމަށް ގަސްތުގައި ދިން ހަމަލާއެއްގެ ގޮތުގައި ސިފަކޮށްފައެވެ. އީޔޫގެ އެގްރިކަލްރ ކޮމިޝަނަރ ކްރިސްޓޮފް ހޭންސަން ވިދާޅުވީ މިފަދަ ކަންކަމަކީ ވަރަށް ސީރިއަސް މައްސަލަތަކެއް ކަމަށާއި، މިއީ މުސްތަޤުބަލަށް އޮތް ބޮޑު އިންޒާރެއް ކަމަށެވެ.

މީގެ ތިން ހަފުތާ ކުރިން ފްރާންސްގެ ސުޕަމާކެޓްތަކަށްވެސް މިފަދަ ސައިބަރ ހަމަލާތަކެއް އަމާޒުވެފައިވާކަން ފާހަގަކުރެވެއެވެ. މި ހަމަލާތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކާއި ޓެކްނޮލޮޖީ ކުންފުނިތައް ގުޅިގެން ވަނީ މި ސިސްޓަމްތައް އަލުން ސެކިއުރިކޮށް، އިތުރު ހަމަލާތަކުން ސަލާމަތް ކުރުމުގެ މަސައްކަތް ފަށާފައެވެ.

ނަމަވެސް، ވިޔަފާރިވެރިންނާއި ޢާންމުން ތިބީ ޒަމާނީ ޓެކްނޮލޮޖީއަށް ބަރޯސާވެފައިވާ މިފަދަ މުހިންމު ނިޒާމުތައް ސައިބަރ ހަމަލާތަކުން ރައްކާތެރިކުރެވިފައި ނުވާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި މައްސަލައާ ގުޅޭ ފުރިހަމަ ތަޙުގީގެއް ޤައުމުތަކުގެ ފުލުހުންނާއި ސައިބަރ ސެކިއުރިކް އެޖެންސީތަކުން އަންނަނީ ހިންގަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *