ސިންގަޕޫރުގެ ޗާންގީ އެއާޕޯޓުގެ އޮޕަރޭޝަންތަކުގައި ބައިވެރިވާ 45 ކުންފުންޏަކުން ވޯކް ޕާމިޓް ގަވާއިދުތަކާ ޚިލާފަށް ބޭރުގެ މަސައްކަތްތެރިން ބޭނުންކޮށް، ގަވާއިދާ ޚިލާފަށް މައުލޫމާތު ހުށަހަޅާފައިވާ ކަމަށް ޝައްކުކުރެވޭ މައްސަލައެއް ސިންގަޕޫރުގެ މިނިސްޓްރީ އޮފް މޭންޕަވަރ އިން ބަލަން ފަށައިފިއެވެ.
މި ތަހުގީގު ފަށާފައިވަނީ މިނިސްޓްރީ އިން އެއާޕޯޓުގައި ހިންގި ޚާއްޞަ އިންސްޕެކްޝަނަކަށް ފަހުގައެވެ. އެ އިންސްޕެކްޝަންގައި، އެއާޕޯޓުގެ ލަގެޖް ހެންޑްލިންގ މަސައްކަތްތަކުގައި "އެމްޕްލޯއިމަންޓް ޕާސް" އޮންނަ ބޭރުގެ މުވައްޒަފުން ހަރަކާތްތެރިވަމުންދިޔަކަން ވަނީ ފާހަގަކުރެވިފައެވެ.
ސިންގަޕޫރުގެ ގާނޫނުތައް ބުނާގޮތުން އެމްޕްލޯއިމަންޓް ޕާސް އަކީ ޕްރޮފެޝަނަލުންނާއި، މެނޭޖަރުންނާއި، އެގްޒެކެޓިވުންނަށް ދޫކުރާ ވިސާއެކެވެ. މިފަދަ ވިސާއެއް ލިބެނީ މަހަކު މަދުވެގެން 5,600 ސިންގަޕޫރު ޑޮލަރުގެ މުސާރައެއް ލިބޭ މުވައްޒަފުންނަށެވެ. ނަމަވެސް، މިނިސްޓްރީގެ ގެ ފުރަތަމަ ތަހުގީގުތަކުން ދައްކާ ގޮތުގައި، އެ ކުންފުނިތަކުން ވަނީ އެ މުވައްޒަފުންގެ މުސާރައާއި އަދާކުރާ ވަޒީފާގެ މައުލޫމާތު ސަރުކާރަށް އޮޅުވާލައިގެން ހުށަހަޅާފައެވެ.
އޭގެ އިތުރުން، އެހެނިހެން ވޯކް ޕާމިޓްތަކުގައި ތިބި މަސައްކަތްތެރިންވެސް، އެމީހުންނަށް ހުއްދަ ދެވިފައިވާ ދާއިރާ ނޫން އެހެން މަސައްކަތްތަކަށް ގަވާއިދާ ޚިލާފަށް ބަދަލުކޮށްފައިވާކަން ވަނީ ހާމަވެފައެވެ. މި މައްސަލައިގެ ތެރޭގައި 270 އަށްވުރެ ގިނަ ބޭރު މަސައްކަތްތެރިން ގަވާއިދާ ޚިލާފަށް ބޭނުންކޮށްފައިވެއެވެ.
މި މައްސަލައިގައި ޝާމިލުވާ ކުންފުނިތަކަކީ ޗާންގީ އެއާޕޯޓުގެ ގްރައުންޑް ހެންޑްލިންގ އާއި ކޭޓަރިންގ ޚިދުމަތްދޭ މައި ކުންފުނި ކަމަށްވާ SATS ގެ ކޮންޓްރެކްޓަރުންނާއި ސަބް-ކޮންޓްރެކްޓަރުންނެވެ. މިނިސްޓްރީ އިން ވަނީ ސަބް-ކޮންޓްރެކްޓަރުންގެ ކަންކަން ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށާއި، ބޭރު މަސައްކަތްތެރިން ބޭނުންކުރަނީ ދެވިފައިވާ ވިސާގެ އިމުގެ ތެރޭގައިކަން ކަށަވަރުކުރުމަށް SATS އަށް އަންގާފައެވެ. SATS އިން ބުނި ގޮތުގައި އެ ކުންފުނީގެ އެތެރޭގެ އޮޑިޓަކުންވެސް މިފަދަ މައްސަލަތަކެއް ފާހަގަކުރެވިގެން ގަވާއިދާ ޚިލާފުވި ކުންފުނިތަކާމެދު ފިޔަވަޅު އަޅަން ފަށާފައިވާނެއެވެ.
ވިސާ އަށް އެދޭއިރު ސަރުކާރަށް ދޮގު މައުލޫމާތު ދީފައިވާނަމަ، 20,000 ސިންގަޕޫރު ޑޮލަރާ ހަމައަށް ޖޫރިމަނާކުރުން ނުވަތަ 2 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މިނިސްޓްރީ އިން ވަނީ ގަވާއިދާ ޚިލާފަށް އަމަލުކުރާ ކުންފުނިތަކާމެދު ފަސްޖެހުމެއްނެތި ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.






