ބަންގްލާދޭޝްގެ ގާާމެންޓް ކާރުޚާނާތަކުގެ މަސައްކަތްތެރިން ވަރުގަދަ އިހުތިޖާޖަކަށް ނުކުމެއްޖެ

ބަންގްލާދޭޝްގެ ގާާމެންޓް ކާރުޚާނާތަކުގެ މަސައްކަތްތެރިން ވަރުގަދަ އިހުތިޖާޖަކަށް ނުކުމެއްޖެ

ބަންގްލާދޭޝްގެ ތައްޔާރީ އަންގުބޫރިއާއި އަންނަ އުފައްދާ ކާރުޚާނާތަކުގެ މަސައްކަތްތެރިން، އެ މީހުންގެ އެންމެ ކުޑަމިނުން ދެވޭ މަހު މުސާރަ ބޮޑުކުރުމަށް އެދި ޤައުމުގެ މުހިންމު ސިނާޢީ ސަރަޙައްދުތަކުގައި ވަރުގަދަ އިހުތިޖާޖުތަކެއް ފަށައިފިއެވެ.

މަސައްކަތްތެރިން އެދެމުންދަނީ މިހާރު މަހަކު އެ މީހުންނަށް ލިބޭ 12,500 ޓާކާގެ މުސާރަ، 30,000 ބަންގްލާދޭޝް ޓާކާއަށް (ދެގުނައަށްވުރެ ބޮޑަށް) ބޮޑުކޮށްދިނުމަށެވެ.

މިއިހުތިޖާޖުތައް ބޮޑަށް ފެތުރިގެން ގޮސްފައިވަނީ ވެރިރަށް ޑާކާގެ މިރްޕޫރުގެ އިތުރުން ސިނާޢީ މުހިންމު ސަރަޙައްދުތައް ކަމަށްވާ ގާޒީޕޫރު ، އަޝޫލިއާ އަދި ސަވާރުގައެވެ. މުޒާހަރާގެ ބައިވެރިން ވަނީ މައި މަގުތައް ބަންދުކޮށް، ދަތުރުފަތުރަށް ހުރަސްއަޅައި، ބައެއް ކާރުޚާނާތަކުގެ މަސައްކަތް މެދުކަނޑާލަން މަޖުބޫރުކުރުވާފައެވެ.

މުޒާހަރާތައް ހޫނުވެ، ސެކިއުރިޓީ ބާރުތަކާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ. ފުލުހުންނާއި ބޯޑަރ ގާޑް ބަންގްލާދޭޝް ގެ އިތުރު ފޯސްތައް މުޒާހަރާ ކުރާ ސަރަޙައްދުތަކަށް ނެރެފައިވާއިރު، މަގުތައް ހުޅުވުމަށާއި މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭހާއި ސައުންޑް ގްރެނޭޑް ބޭނުންކޮށްފައެވެ.

މުޒާހަރާގެ ތެރެއިން ބައެއް އުޅަނދުފަހަރަށް ގެއްލުންދީ، އަލިފާން ރޯކޮށްފައިވާއިރު، މި ހަމަނުޖެހުންތަކާ ގުޅިގެން ގިނަ އަދަދެއްގެ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

މަސްރަޙު ހަމައަކަށް އަޅުވައި މަސައްކަތްތެރިންގެ ޝަކުވާތަކަށް ޙައްލެއް ހޯދުމުގެ ގޮތުން ބަންގްލާދޭޝް ސަރުކާރުން ވަނީ 'މިނިމަމް ވޭޖް ބޯޑު' (އެންމެ ކުޑަމިނުން ދެވޭނެ މުސާރަ ކަނޑައަޅާ ބޯޑު) އެކުލަވާލާފައެވެ. މި ބޯޑުގައި ސަރުކާރާއި، ވިޔަފާރިވެރިންގެ އިތުރުން މަސައްކަތްތެރިންގެ މަންދޫބުންވެސް ހިމެނެއެވެ.

ނަމަވެސް މަސައްކަތްތެރިންގެ ޔޫނިއަންތަކުން ބުނަމުންދަނީ ތަކެތީގެ އަގުބޮޑުވުމާއި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލިފައިވާތީ، މުސާރައިގެ ކަންކަމުގައި އަވަސް އަދި އަމަލީ ޙައްލެއް ލިބެންދެން އިހުތިޖާޖުތައް ކުރިއަށްގެންދާނެ ކަމަށެވެ.
ބަންގްލާދޭޝްއަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން އަންނަ އުފައްދާ ޤައުމަށްވެފައި، މިއިހުތިޖާޖުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ބްރޭންޑްތަކަށް މުދާ ފޮނުވުމުގައި ލަސްތަކެއް ކުރިމަތިވެދާނެކަމުގެ ބިރު ވަނީ އުފެދިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *