ޕާކިސްތާނުގެ ގައުމީ އެއާލައިން، ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް ގެ ހިންގުން ބަދަލުކޮށް، އެއާލައިން އާ މުއްސަނދިކަމަކާއެކު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެ އެއާލައިނުގެ ފްލީޓަށް އިތުރުކުރި ފުރަތަމަ ބޯއިންގ 787-9 ޑްރީމްލައިނަރ ބޯޓު އިސްލާމްއާބާދު އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފިއެވެ.
އިންގްލޭންޑުގެ ލަންޑަނުން ފުރައިގެން PK786 ގެ ފްލައިޓް ނަންބަރުގައި އައި މި ބޯޓަކީ ޕާކިސްތާނުގެ އެއާލައިނެއްގެ ފްލީޓުގައި ބޭނުންކުރަން ފެށި މިފަދަ ފުރަތަމަ ބޯއިންގ 787-9 މަރުކާގެ ބޯޓެވެ.
މި ތާރީޚީ ބަދަލާއެކު، ޕީއައިއޭގެ އާ ސީއީއޯގެ މަގާމަށް ބައިނަލްއަގުވާމީ އެވިއޭޝަން ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އެޑްރިއަން ހެމިލްޓަން-މެންސް ވަނީ ރަސްމީކޮށް ހަވާލުވެވަޑައިގެންފައެވެ. ކުރިން ސަލާމްއެއާ އާއި ފްލައިއަރިސްތާންގެ ސީއީއޯކަން ކުރެއްވި ހެމިލްޓަން-މެންސްގެ މަގުދައްކެވުމުގެ ދަށުން، ޕީއައިއޭގެ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ފައިދާވާ ކުންފުންޏަކަށް ހެދުމަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެނައުމަށް ވަނީ ރޭވިފައެވެ.
ޕީއައިއޭގެ ތަރުޖަމާނު ހާމަކުރެއްވި ގޮތުގައި، ލީސް އުސޫލުން ހޯދި މި ބޯއިންގ ޑްރީމްލައިނަރު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ޕާކިސްތާނާއި ޔޫކޭއާ ދެމެދު ކުރެވޭ ދަތުރުތައް ފުޅާކޮށް، ދަތުރުވެރިންނަށް އިތުރު ފަސޭހަތަކެއް ފޯރުކޮށްދިނުމަށެވެ.
މި ދާދިފަހުން ޕީއައިއޭ ޕްރައިވެޓައިޒްކޮށް، ކޮންސޯޓިއަމްއަކުން އެއާލައިނުގެ 75 އިންސައްތަ ހިއްސާ ގަތުމަށްފަހު، ކުންފުނީގެ މާލީ ހާލަތު ރަނގަޅުކޮށް ފްލީޓް ބޮޑުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިއީ އެއާލައިނަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.





