އިކޮނޮމިކް މިނިސްޓަރ ސަޢީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

އިކޮނޮމިކް މިނިސްޓަރ ސަޢީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ފާސްނުވެ، މަޖިލީހުގެ ތަޅުމުން މިއަދު ބޭރުކޮށްލައިފިއެވެ.

މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މިއަދުގެ ޖަލްސާގައި މި މައްސަލައަށް ވޯޓަށް އެހުމުން، ވަޒީރުގެ އިތުބާރު އޮތް ކަމަށް 54 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. އަދި ވަޒީރުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ އެންމެ 10 މެންބަރުންނެވެ.

ވަޒީރު ސަޢީދުގެ އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމުން ވަކިކުރުމަށް އިދިކޮޅު އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ހުށަހަޅުއްވާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަންނަވަމުން ވަޒީރު ސަޢީދު ވަނީ އެމްޑީޕީގެ މެންބަރުން ކުރައްވާފައިވާ ހުރިހާ ތުހުމަތުތަކަށް އިންކާރު ކުރައްވައި، އެ ތުހުމަތުތަކަށް ވަރުގަދައަށް ރައްދު ދެއްވާފައެވެ.

މިގޮތުން ޑޮލަރުގެ ދަތިކަމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ނިމިދިޔަ ސަރުކާރުގެ ފަހު ތިން އަހަރު ރަސްމީ ރޭޓުގައި އާންމުންނަށް ދޫކޮށްފައި ވަނީ 1.75 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން މިހާތަނަށް 1.9 ބިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

"ކުރީ ސަރުކާރުގެ ފަހު ތިން އަހަރު ޑޮލަރު ދޫކުރި ވަރަށް ވުރެ މި ތިން އަހަރު މަހަކަށް ޑޮލަރު ދޫކުރި ވަރު ހުރީ މަހަކަށް ގާތްގަނޑަކަށް 97 ޕަސެންޓުން އިތުރުވެފައި،" ސަޢީދު ވިދާޅުވިއެވެ.

މީގެއިތުރުން، ވޭތުވެދިޔަ 4 ދައުރުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީކުރެވުނު ފޮރިން އިންވެސްޓްމެންޓްތަކުގެ އަދަދުތަކަށް ބައްލަވާލައްވަމުން ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި މި ހޭދަވީ ކުރު މުއްދަތުގެ ތެރޭގައި 313 ބޭރުގެ އިންވެސްޓްމެންޓް ރާއްޖެއަށް ހޯދިފައިވާ ކަމަށާއި، މިއީ ފާހަގަކޮށްލެވޭ ބޮޑު ރެކޯޑެއް ކަމަށެވެ.

ވަޒީރު ސަޢީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުގެ އިޤްތިޞާދީ ތަރައްޤީ އާއި ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވުޒާރާއަކީ ރައްޔިތުންނަށް ކަންކަން ސާފުކޮށްދީ، މައުލޫމާތު ހާމަކުރުމުގައި ނަމޫނާ ދައްކަމުންދާ ވުޒާރާއެކެވެ. މަޖިލީހުގެ މިއަދުގެ ނިންމުމާއެކު، ވަޒީރު ސަޢީދުގެ މައްޗަށް މަޖިލީހުގެ ފުރިހަމަ އިތުބާރު އޮތްކަން ވަނީ ކަށަވަރުވެގެން ގޮސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *