ފަންޑާއެކު މަގުތަކަށް ބަދަލު ގެެނެސް، ޓްރެފިކް މައްސަލަތަކަށް ޚަރަދުކުރެވޭނެ: ސައީދު

ފަންޑާއެކު މަގުތަކަށް ބަދަލު ގެެނެސް، ޓްރެފިކް މައްސަލަތަކަށް ޚަރަދުކުރެވޭނެ: ސައީދު

ލޭންޑް ޓްރާންސްޕޯޓް މޮބިލިޓީ ފަންޑާއެކު މަގުތަކަށް ގެންނަންޖެހޭ ބަދަލުތަކާއި ޓްރެފިކްގެ ކަންކަމަށް ޚަރަދުކުރުމަށް ބޭނުންވާ ފައިސާ ހަމަޖެހިގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ އުޅަނދުތައް ބޭނުންކުރާ ފަރާތްތަކުން ދައްކާ ފީތަކުންވެސް މިކަމަށް ބޭނުންވާ ފައިސާ ހަމަޖެހިގެންދާނެކަމަށެވެ.

އެއްގަމު ދަތުރުފަތުރުކުރުމުގެ ޤާނޫނަށް ގެނައި ބަދަލާއެކު ލޭންޑް ޓްރާންސްޕޯޓް މޮބިލިޓީ ފަންޑެއް ޤާއިމުކުރަންޖެހެއެވެ. އަންނަ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހު ޤާނޫނަށް ޢަމަލުކުރަން ފަށާއިރު، މިފަންޑުވެސް އެކުލަވާލަންޖެހޭނެކަމަށް ޤާނޫނުގައިވަނީ ބަޔާންކޮށްފައެވެ.

މިއާއެކު މީގެކުރިން މާލެ ސިޓީ ކައުންސިލަށް ޖަމާވަމުންދިޔަ މާލެ ސަރަޙައްދުގެ ތެރޭގައި އުޅަނދުފަހަރު ރަޖިސްޓަރީކުރުމުގެ ފީ އަދި ލައިސަންސް ފީގެ ގޮތުގައި ލިބޭ ފައިސާއާއި، މާލެ ސަރަޙައްދުގައި ދުއްވާ އުޅަނދުގެ އަހަރީ ފީ އަދި މަލްޓިޕަލް އޯނަރޝިޕް ފީގެ ގޮތުގައި ލިބޭ ފައިސާވެސް ޖަމާކުރަންޖެހެނީ މިފަންޑަށެވެ.

މާލެ ސަރަޙައްދުގައި އެއްގަމު ދަތުރުފަތުރުކުރުމުގެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކުން ކުރެވޭ ޖޫރިމަނާގެ ގޮތުގައި ލިބޭ ފައިސާވެސް މީގެފަހުން ޖަމާކުރަންޖެހޭނީ މިފަންޑަށެވެ.

މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ފަންޑެއް ޤާއިމުކުރުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ދަތުރުފަތުރާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ގާތްގަނޑަކަށް 200 މިލިޔަނެއްހާ ރުފިޔާ މާލެ ސަރަޙައްދުގެ އުޅަނދުތަކަށް ދައްކާ ފީތަކާއެކުވެސް ލިބޭނެކަމަށެވެ.

"ފައިސާ އެބަހުރި ހަގީގަތުގައި. ވެހިކަލް ބޭނުންކުރާ ފަރާތްތަކުން ދައްކާ ފައިސާ މިކަމަށް ސީދާ ކަނޑައެޅިއްޖިއްޔާ އެބަހުރި އެކަމަށް ބޭނުންވާ ފައިސާ. 220 މިލިޔަން އަޅުގަނޑު ހަނދާންވަނީ އެބަލިބޭ ހަމަ ވެހިކަލް ރެޖިސްޓްރޭޝަންއިން ދެން އަހަރީފީއިން." ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ސަޢީދު ވިދާޅުވީ މިފަންޑުގެ ދަށުން މާލޭގެ މަގުތަކުގައި ޓްރެފިކް ލައިޓް ހަރުކުރުމާއި، ކަންމަތީތަކުގައި ޕާކުކުރުން ހުއްޓުވުމަށް ބަދަލުތައް ގެނައުމާއި، ޕާކިންގ ޒޯންތައް ކުރެހުމާއި ޕާކިންގ ބިލްޑިންގެ މަސައްކަތްވެސް ކުރެވޭނެކަމަށެވެ.

މާލޭގެ މަގުތަކަށް ދިމާވެފައިވާ ޓްރެފިކްގެ މައްސަލަ ހައްލުކުރުމަށް ވަކި އޮފީހެއް އުފައްދަވާ އެކަމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށް ސަރުކާރުން ވިދާޅުވެއެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *