ޔާމީނަށް ޕީއެންސީގެ ސަފުތައް ރޫޅައެއް ނުލެވޭނެ: އަބްދުއްރަހީމް

ޔާމީނަށް ޕީއެންސީގެ ސަފުތައް ރޫޅައެއް ނުލެވޭނެ: އަބްދުއްރަހީމް

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ބައިބައިކޮށް، އެ ޕާޓީގެ ސަފުތައް ފޫއަޅުވާލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރެއްވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، ޕާޓީގެ މެންބަރުން ތިބީ ބަދަހިކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ޕާޓީގެ ލީޑަޝިޕާއި މެންބަރުން ތިބީ ސަރުކާރާއި ޕާޓީއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ސާބިތުވެ ކަމަށެވެ. އަދި އެބޭފުޅުން މިއަދު ގޯސްވެގެން އުޅެނީ ރައީސް ޔާމީން ފިޔަވައި އެހެން ބޭފުޅަކު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރުމުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ޕީއެންސީ ބައިބައިކޮށްލެވޭނެ އެއްވެސް ފަނޑިތައެއް، އެއްވެސް ސިހުރު ހާހޫރައެއް ރައީސް ޔާމީންއަކަށް އެނގިވަޑައެއް ނުގަންނަވާނެ. މިތިބީ ވަރަށް ގަދަކޮށް އިހުލާސްތެރިކަމާއެކީގައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ޖަލުން މިނިވަންވެވަޑައިގަތުމަށްފަހު ބޭއްވި ފުރަތަމަ ޖަލްސާގައި ވެސް ރައީސް ޔާމީން އެންމެ އިތުބާރުކުރައްވާ ބޭފުޅެއްގެ ގޮތުގައި އޭނާ ދެއްކެވި ކަމަށާއި، ޕީޕީއެމް/ޕީއެންސީ ހިންގުން ހަވާލުކުރެއްވީ ވެސް އެ ސަބަބާ ހުރެ އެވެ. ނަމަވެސް އެ އިތުބާރު ގެއްލުނީ، ރައީސް ޔާމީން އަންގަވައިގެން ރިޔާސީ އިންތިޚާބު ބޮއިކޮޓްކޮށް މަގުމައްޗަށް ނުނިކުތުމުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އެ ދަނޑިވަޅުގައި އެބޭފުޅުން އިސްކުރެއްވީ ވަކި ފަރުދަކަށް ވުރެ ބޮޑަށް ޤައުމާއި ސިޔާސީ ފިކުރު ކަމުގައި ވެސް ވިދާޅުވި އެވެ.

މީގެއިތުރުން، ސިނަމާލެ ބްރިޖު އެޅުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދައުރެއް ނެތް ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، އެ މަޝްރޫޢު ހިމެނޭހެން ވޭތުވެދިޔަ ސަރުކާރުގެ ޢުމްރާނީ ތަރައްޤީގައި އޭރުގެ ހައުސިންގ މިނިސްޓަރުގެ ހައިސިއްޔަތުން ޑރ. މުޢިއްޒު ކޮށްދެއްވި މަސައްކަތްތައް ރައްޔިތުންނަށް ވަރަށް ސާފުވާނެ ކަމަށެވެ. އެފަދަ ބިޔަ މަޝްރޫޢުތަކަކީ ވަކި ޚާއްޞަ ޢިލްމީ ޤާބިލުކަމެއް ހުރެގެން ނޫނީ ނުހިންގޭނެ ކަންކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް މި ރައްދު ދެއްވާފައިވަނީ، ޕީއެންއެފްގެ ޖަލްސާއެއްގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެންނެވެ. އެ ޖަލްސާގައި ޔާމީން ވަނީ، ބޭރު ފައިސާއާ ގުޅޭ އައު ގަވާއިދުތަކުގެ ސަބަބުން މަޖިލީހުގައި ތިއްބެވި ސަފާރީ ވިޔަފާރިވެރިންނާއި ކަޅު ބާޒާރުގައި ޑޮލަރު މާރުކުރާ ޕީއެންސީގެ މެންބަރުން ހިތްހަމަނުޖެހިފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި އެ މެންބަރުން ތިއްބެވީ ރައީސް މުޢިއްޒާ އެކުގައި ނޫން ކަމަށާއި، މަޖިލީހުގެ ތެރޭގައި ހިމޭން އިންގިލާބެއް ހިނގަމުންދާ ކަމަށް ވެސް ޔާމީން ވިދާޅުވެފައިވެ އެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *