ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ތާއީދުކުރީ ވަކި ފަރުދެއްގެ މޫނަކަށް ނޫން ކަމަށާއި، އެ ޕާޓީން އަބަދުވެސް ތާއީދުކުރަނީ ގަބޫލުކުރާ ސިޔާސަތުތަކާއި އިންސާފުގެ ހަމަތަކަށް ކަމަށް ބާރަށު ދާއިރާގެ މެންބަރު އަދި ކޮންގްރެސް ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ޕީއެންސީއަކީ ގައުމީ ތަރައްގީގެ ފިކުރުގެ މައްޗަށް ބިނާވެފައިވާ، ދިވެހި ރައްޔިތުންގެ މަސްލަހަތު އެންމެ އިސްކުރާ ޕާޓީއެއް ކަމަށެވެ. އެގޮތުން، ޕާޓީގެ ސިޔާސަތުތައް ކަނޑައަޅަނީ ޕާޓީގެ ރައީސް ނުވަތަ ހިންގަން ހުންނަ މީހާއަށް ބަލައިގެން ނޫން ކަމަށާއި، އަދި އެ އުސޫލުތަކުން ޕާޓީ ނެއްޓޭ ހިސާބުން އެ ޕާޓީގައި އޭނާވެސް ނުހުންނަވާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
މި ޕާޓީއަކީ ތަރައްގީގެ ފިކުރުގެ ޕާޓީ. މި ޕާޓީ އިސްކުރާނީ އެންމެ ފުރަތަމަ ދިވެހި ލޮބުވެތި ރައްޔިތުން. މި ގައުމު. އަޅުގަނޑުމެން ގަބޫލު ކުރީ އުސޫލުތަކެއް. ހަރުދަނާ ސިޔާސަތުތަކެއް އަޅުގަނޑުމެން ގަބޫލު ކުރީ. އަޅުގަނޑުމެން ތާއީދު ކުރީ ރައީސް ޔާމީނުގެ މޫނަކަށް ނޫން. ގަބޫލު ކުރާ ހަމައަށް. އިންސާފަށް. އެ އުސޫލުތަކުގެ މައްޗަށް މި ޕާޓީ ގަބޫލު ކުރަނީ. މިއަދުވެސް އަޅުގަނޑުމެން ގަބޫލު ކުރަނީ އެ އުސޫލު. އެ އުސޫލު މި ޕާޓީން ނެއްޓޭ ވަގުތު އަޅުގަނޑު މި ޕާޓީގަ ނުހުންނާނީ.
ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، ޕީއެންސީން ގަބޫލުކުރާ ތަރައްގީގެ ވިސްނުމާއި ފިކުރު މިއަދު ގެންގުޅުއްވާ ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށްވާތީ، ޕާޓީގެ މުޅި ސަފު އޮތީ އެމަނިކުފާނާއެކު ވަރަށް ސާބިތުކަމާއެކުގަ އެވެ. އަދި ޕާޓީގެ ހުރިހާ ނިންމުންތަކެއް ނިންމަމުންދަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށްވާތީ، ޕީއެންސީއަށް ސޮއެކުރާ މެންބަރުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
ސިޔާސީ ތާރީހަށް އަލިއަޅުއްވާލައްވަމުން ޝުޖާއު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއެކު ކުރެއްވި މަސައްކަތުން ކަމަށެވެ. ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް މައުމޫނާމެދު ކަންތައް ކުރެއްވި ގޮތުން، ރައީސް މައުމޫން އެމްޑީޕީގެ ޕޯޑިއަމަށް ވަޑައިގެންނެވި ހިސާބުން އެ ފިކުރުގެ ރައްޔިތުން ރައީސް ޔާމީންގެ ފިކުރަށް ބަދަލުވި ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ކުރީގެ ރައީސް ޔާމީން އުފެއްދެވި ޕީއެންއެފްއިން މީހުން މަދުވަމުންދާ މައްސަލައަށް އިޝާރާތް ކުރައްވައި ޝުޖާއު ވިދާޅުވީ، އެއީ ޕީއެންސީން ސިޔާސީ ނުފޫޒު ފޯރުވައިގެން ކުރާ ކަމެއް ނޫން ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަކީލްއަށް ފާޑުކިޔުމުގެ ބަދަލުގައި، ސިޔާސީ ލީޑަރުން ގަބޫލުކުރާ އުސޫލުތަކުން ނެއްޓުމުން ރައްޔިތުންގެ ތާއީދު ގެއްލޭނެކަން ގަބޫލުކުރަންޖެހޭ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"ރައީސް ޔާމީންވެސް މިއުޅެނީ، ޕީއެންއެފް އިން މީހުން މަދުވެގެން މިއުޅެނީ ޕީއެންސީން ކުރާ މަސައްކަތަކުންނެއް ނޫނޭ. އަޅުގަނޑުމެން ކޮންމެހެން އެ ޕާޓީގައި ތިއްބަވާ ބޭފުޅުންނަށް ގުޅާ 'އޭ ތިބޭފުޅުން އެބަ ޖެހޭ މިކޮޅަށް ވަޑައިގަންނަވަން، ޖައްސާލަން އެބަ ޖެހޭ' އެހެން ބުނަނީކީ ނޫނޭ. މިއުޅޭ މަންޑި ކުޅޭ ގްރޫޕާ އެކީގައި ގޮއްސާ ބައްދަލުވި ހިސާބުން ޕީއެންއެފްއަށް ތާއީދު ކުރާ، ރައީސް ޔާމީނަށް ތާއީދު ކުރާ ބޭފުޅުން ގަބޫލެއް ނުކުރެއޭ އެމަނިކުފާނު އެ ހުންނެވީ ހައްގުގަ، އެމަނިކުފާނު ވިއްކަމުން ރައްޔިތުންނަށް ދެއްކި މަގުކަމަށް."
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު، މާލެ ސިޓީގެ ކުރީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ޕީޕިއެމް/ޕީއެންސީ ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. އޭރު ކުރީގެ ރައީސް ޔާމީން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވުމުގެ ސަބަބުން އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައެއްނުގަތެވެ.
ރައީސް މުއިއްޒު ވެރިކަމުގެ ހުވާކުރެއްވިތާ ކުރު މުއްދަތެއްގެ ތެރޭގައި، ރައީސް ޔާމީނު ވަނީ ރައީސް މުއިއްޒާ ހިޔާލުތަފާތުވުންތަކެއް އުފެދި، ޕީޕިއެމްއިން ވަކިވެވަޑައިގެން "ޕީޕަލްސް ނޭޝަނަލް ފްރަންޓް" (ޕީއެންއެފް) ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވާފަ އެވެ.





