މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމަވެރި ހާލަތާއި، ހޯރްމޫޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 119 ޑޮލަރަށްވުރެ މައްޗަށް އުފުލިފައެވެ.
މިއީ ފާއިތުވި ހަތަރު އަހަރު ތެރޭގައި ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މިއާއެކު އޭޝިޔާގެ ގައުމުތަކުން ވެސް ދަނީ ކުރިއާލައި މުހިންމު ދިޔަވަޅުތަކެއް އަޅަމުންނެވެ. އެ ގޮތުން އޭޝިއާގެ ގިނަ ގައުމު ތަކުން ދަނީ އާންމު ރައްޔިތުންނަށް ކުރާ ބުރަ ކުޑަކުރުމަށްޓަކައި "އިމަޖެންސީ" ފިޔަވަޅުތައް އަޅަމުންނެވެ.
އިންޑިއާ:
އިންޑިއާއިން ވަނީ ކައްކާ ގޭސް ރޭޝަން ކުރަން ފަށާފައެވެ. އަދި ތެޔޮ ސާފުކުރާ ކުންފުނިތަކަށް އަމުރު ކޮށްފައިވަނީ ބޭރަށް ތެޔޮ އެކްސްޕޯޓް ކުރުމުގެ ބަދަލުގައި، އެތެރޭގެ ބާޒާރުގައި އަގު ހިފެހެއްޓުމަށް އިސްކަން ދިނުމަށެވެ.
ސްރީލަންކާ:
ސްރީލަންކާ ސަރުކާރުން ވަނީ ގައުމުގައި ހުރި ތެލުގެ ރިޒާވް ހާމަކޮށް، ކޮންމެހެން ބޭނުންވާ ދަތުރުފަތުރަށް ނޫނީ ތެޔޮ ބޭނުން ނުކުރުމަށް އިރުޝާދު ދީފައެވެ. އަދި ކަރަންޓު އިގްތިސާދު ކުރުމުގެ ޕްލޭންތަކެއް ވަނީ އެކުލަވާލާފައެވެ.
ސިންގަޕޫރު:
ސިންގަޕޫރުން ވަނީ ތެލުގެ އަގަށް އަންނަ ލޮޅުންތައް ކުޑަކުރުމަށްޓަކައި ހަކަތައިގެ ސަބްސިޑީތައް އިތުރުކޮށް، އާންމު ދަތުރުފަތުރުގެ ނިޒާމަށް ބަރޯސާވާ މިންވަރު އިތުރު ކުރުމަށް ބާރުއަޅާފައެވެ.
ބަންގްލަދޭޝް އާއި ޕާކިސްތާން:
މި ދެ ގައުމުން ވަނީ ހަކަތަ ސަލާމަތް ކުރުމަށްޓަކައި ސްކޫލްތައް ބަންދުކޮށް، މަސައްކަތު ގަޑިތައް ކުރުކޮށްފައެވެ.
ދިވެހިރާއްޖޭގެ ޙާލަތު:
ރާއްޖޭގައި ތެލުގެ އަގު ވަނީ މާރިޗު މަހުގެ ކުރީކޮޅު ބޮޑުކޮށްފައެވެ. ޕެޓްރޯލް ލީޓަރެއް 16.01 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް 17.54 ރުފިޔާއަށް ވަނީ އުފުލިފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ތެލުގެ އަގު މިހާ ބޮޑުވި އެއް ފަހަރެވެ.
ސަރުކާރުން ބުނަމުންދާ ގޮތުގައި އެސްޓީއޯ އަށް ލިބޭ ފައިދާގެ ތެރެއިން 1.5 ބިލިއަން ރުފިޔާ ބޭނުން ކޮށްގެން އަގުތައް ހިފެހެއްޓުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މި ކަމުގައި ރާއްޖޭގެ އާންމު ރައްޔިތުންނާއި އިގްތިސާދީ މާހިރުންގެ ކަންބޮޑުވުން ތަކެއް އެބަހުއްޓެވެ.
ވިޔަފާރި ތަކަށް ބޮޑު ބުރައެއް:
އާންމުންނަށް ވިއްކާ އަގު ހިފެހެއްޓި ނަމަވެސް، އަމިއްލަ ވިޔަފާރިތަކަށް ވިއްކާ ތެލުގެ އަގު ވަނީ ދެގުނައާއި ގާތަށް ބޮޑުވެފައެވެ (ޑީސަލް ލީޓަރެއް 27.22 ރުފިޔާއަށް). މީގެ ސަބަބުން މުދަލާއި ޚިދުމަތުގެ އަގު އިންތިހާއަށް އުފުލުމުގެ ބިރު އެބައޮތެވެ.
އެދެވޭ ފިޔަވަޅު އެޅިފައި ނެތުން:
އަވަށްޓެރި ގައުމުތަކުން ކަރަންޓު އިގްތިސާދު ކުރުމާއި، ރޭޝަން ކުރުމުގެ ސިޔާސަތުތައް ގެންގުޅޭއިރު، ދިވެހި ރާއްޖެއިން އަދިވެސް މިފަދަ އެއްވެސް "ކޮންޓިންޖެންސީ ޕްލޭން" އެއް އަމަލީ ގޮތުން ތަންފީޒު ކުރާތަނެއް ނުފެނެއެވެ.
ރިޒާވްގެ ބިރުވެރިކަން:
ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަދަ ސިޔާސި ބޭފުޅުން ފާހަގަ ކުރައްވާ ގޮތުގައި، ރާއްޖޭގައި މިހާރު ހުރި ތެލުގެ ރިޒާވުން ފުދޭނީ ގާތްގަނޑަކަށް 20 ދުވަހަށެވެ. އެހެން ކަމުން، ސަރުކާރުން "ހުރިހާ ކަމެއް ރަނގަޅު" ކަމަށް ބުނި ނަމަވެސް، އަމަލީ ގޮތުން ތެޔޮ ބޭނުންކުރާ މިންވަރު މަދުކުރަން އެއްވެސް ކަމެއް ނުކުރާތީ އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ޚުލާސާކޮށް ދަންނަވާނަމަ، ސަރުކާރުން ބުނަނީ ތެލުގެ އަގު ހިފެހެއްޓުމަށް ސަބްސިޑީ ދެމުންދާ ކަމަށެވެ. ނަމަވެސް އާންމުންނަށް މިހާރުވެސް ތެޔޮ ލިބެނީ ބޮޑު އަގުގައެވެ. އަދި ގައުމީ ފެންވަރެއްގައި ހަކަތަ އިގްތިސާދު ކުރުމުގެ އެއްވެސް ހަރުދަނާ ފިޔަވަޅެއް އަދި މިހާތަނަށް ފެންނާކަށް ނެތެވެ. އަދި ކުރަމުން ދާތަނެއްވެސް ނުފެނެއެވެ.





