ރިއަލްއެސްޓޭޓްގެ ބިލަށް ދީނީ ޢިލްމުވެރިންނާއި ސިޔާސީ ޕާޓީތަކުގެ ޚިޔާލު ހޯދަން މަޖިލީހުގެ ކޮމިޓީން ތާއީދެއް ނުލިބުނު

ރިއަލްއެސްޓޭޓްގެ ބިލަށް ދީނީ ޢިލްމުވެރިންނާއި ސިޔާސީ ޕާޓީތަކުގެ ޚިޔާލު ހޯދަން މަޖިލީހުގެ ކޮމިޓީން ތާއީދެއް ނުލިބުނު

އިޒްރޭލް ރައްޔިތުންނަށް ނުވަތަ އިޒްރޭލް ރައްޔިތުންގެ މިލްކުވެރިކަން ނުވަތަ ހިއްސާއެއް ސީދާކޮށް ނުވަތަ ނުސީދާކޮށް ވެސް އޮންނަ ގާނޫނީ ޝަހުސަކަށް ނުވަތަ އެފަދަ ފަރާތެއްގެ ފައިދާއަށް ވެސް، ރާއްޖޭގެ އިންޓްގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުގެ ޕްރޮޕަޓީއެއްގެ ލީސްހޯލްޑް ރައިޓްސް ނުވިއްކޭނެ ކަމަށް ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް، ދީނީ ޖަމިއްޔާ ތަކާއި، ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދަން ތާއީދެއް ނުލިބުނެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އައިފާން ހުށަހެޅުއްވި މި ބިލު އިއްޔެ ބޭއްވި މަޖިލިސް ޖަލްސާގައި މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވިއެވެ.

ބިލް ދިރާސާ ކުރުމަށްޓަކައި މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި، ބިލަށް އާއްމުންގެ ހިޔާލު ހުށަހަޅަން ދެ ހަފުތާގެ މުހުލަތެއް ދޭން ހުށަހެޅުއްވީ ހޯރަފުށި ދާއިރާގެ މެންބަރު އަލީ މޫސާއެވެ. ހަމަ އެ މުއްދަތުގައި ގުޅުންހުރި މުއައްސަސާތަކުގެ ކޮމެންޓް ލިއުމުން، ބިލަށް ހޯދުމަށް ވެސް އޭނާ ހުށަހެޅުއްވިއެވެ. އަދި ކޮޓީން ބިލްގެ މަސައްކަތް ނިންމާނެ ދުވަހަކީ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަސް ކަމަށް ކަނޑައަޅަންވެސް ހުށަހެޅުއްވިއެވެ.

ތާއީދު ކުރެއްވީ، ވިލިނގިލި ދާއިރާގެ މެންބަރު އާދަމް އަބްދުލްއަޒީޒެވެ.

ނަމަވެސް އެ ކޮމިޓީގައި އިދިކޮޅު ޕާޓީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހަމައެކަނި އިންނެވި، ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު ވެސް ހުށަހެޅުއްވުންތަކެއް ހުށަހެޅުއްވި އެވެ.

އޭނާ ވިދާޅުވީ، މި ބިލަކީ ރާއްޖޭގައި މުޅިން އަލަށް ފަށާ ވިޔަފާރިތަކަކާއި، އަދި ބޮޑެތި ކަންބޮޑުވުންތަކެއް ބައެއް ފަރާތްތަކުން ފާހަގަކުރާ ހައްސާސް އަދި ބޮޑު ބިލެއް ކަމަށެވެ.

އެހެންކަމުން މި ބިލް ދިރާސާކުރުމަަށް އެކަޑީގެންވާ ވަގުތު ބޭނުންވާ ކަމަށް ވިދާޅުވެ އޭނާ ހުށަހެޅުއްވީ، ބިލުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ 19 އާ ހިސާބަށް ލަސްކޮށްލައިގެން ނިންމުމަށެވެ. އަދި ބިލަށް އާއްމުންގެ ހިޔާލު ހުށަހަޅަން ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހާ ހަމައަށް ފުރުސަދު ނިނުމަށްވެސް ހުށަހެޅުއްވިއެވެ.

ނަވެސް ހުސައިން ސަމީރުގެ ހުށަހެޅުއްވުމަކަށް އެއްވެސް މެންބަރަކު ތާއީދެއް ނުކުރެއްވިއެވެ.

އެހެންކަމުން ވޯޓަށް އަހައި ފާސްކުރީ، އަލީ މޫސާ ހުށަހަޅުއްވައި އާދަމް އަބްދުލްއަޒީޒް ތާއީދު ކުރެއްވި ގޮތަށެވެ.

އެ ހުށަހެޅުންތަކަށް ވޯޓު ނުދެއްވީވެސް ހަމައެކަނި ހުސައިން ސަމީރު އެވެ.

ބިލަށް ހިޔާލު ހޯދަންޖެހޭ މުއައްސަސާތަކުގެ ގޮތުގައި އަލީ މޫސާ ހުށަހެޅުއްވީ، އިކޮނޮމިކް މިނިސްޓްރީ އާއި ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އެޓާނީ ޖެނެރަލް އޮފީހާއި ވިޒިޓް މޯލްޑިްވްސް ކޯޕަރޭޝަނެެވެ. އެއީ ބިލަށް ލިއުމުން ހިޔާލު ހޯދެއްވުމަށެވެ.

މެންބަރު ހުސައިން ސަމީރު ހުށަހެޅުއްވީ، އެ މުއައްސަސާތަކުގެ އިތުރުން ސިޔާސީ ޕާޓީތަކާއި ދީނީ ޖަމިއްޔާތަކުގެ ހިޔާލު ހޯއްދެވުމަށެވެ. އަދި އެއީ އެ ފަރާތްތައް ކޮމިޓީއަށް ހާޒިރު ކޮށްގެންނެވެ.

ނަމަވެސް ސަމީރުގެ ހުށަހެޅުއްވުމަކަށް އެއްވެސް މެންބަރަކު ތާއީދެއް ނުކުރެއްވިއެވެ.

އެހެންކަމުން ވޯޓަށް އަހައި ފާސްކުރީ، އަލީ މޫސާ ހުށަހަޅުއްވައި އާދަމް އަބްދުލްއަޒީޒް ތާއީދު ކުރެއްވި ހުށަހެޅުއްވުމެވެ.

އެއަސް ވެސް ވޯޓު ނުދެއްވަނީ ހަމައެކަނި މެންބަރު ސަމީރެވެ.

މި ބިލުގައިވާގޮތުން، ރާއްޖޭގައި ރިއަލް ސްޓޭޓް ވިޔަފާރި ތަރައްގީކުރުމަށް މަގުފަހިކުރުމުގެ ބޭނުމުގައި، މިނިސްޓަރުގެ ލަފާގެ މަތިން، ވަކި ހާއްސަ ސަރަހައްދެއް، އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގައި ކަނޑައެޅުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

ނަމަވެސް ބިލުގައިވާގޮތުން، މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އިޒްރޭލު ރައްޔިތުންނަށް ނުވަތަ އިޒްރޭލު ރައްޔިތުންގެ މިލްކުވެރިކަން ނުވަތަ ހިއްސާއެއް ސީދާކޮށް ނުވަތަ ނުސީދާކޮށް އޮންނަ ގާނޫނީ ޝަހުސަކަށް ނުވަތަ އެފަދަ ފަރާތެއްގެ ފައިދާއަށް، ޒޯނުގައިވާ ޕްރޮޕަޓީއެއްގެ ލީސްހޯލްޑް ރައިޓްސްއެއް ނުވިއްކޭނެއެވެ.

އޭގެ އިތުރުން އިސްލާމީ ޝަރީއަތުގައި ކަނޑައެޅިގެން މަނާކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ޖުވާ ކުޅުން ފަދަ ކަންކަމަށް މަގުފަހިވާ ފަދަ ވިޔަފާރިއެއް ނުވަތަ ހިދުމަތެއް، ޒޯނުގައި އެއްވެސް ސިފައެއްގައި ގާއިމުކޮށްގެން ނުވަތަ ހިންގައިގެން ނުވާނެ ކަމަށް ވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.

މި ބިލުގައި އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯންތަކަށް، ހާއްސަ ގާނޫނީ އޮނިގަނޑެއް ތައާރަފު ކުރުމަށް ބިލުގެ އަށްވަނަ ބާބު ހާއްސަކޮށްފައިވާއިރު، އިސްލާމީ ޝަރީއަތުގައި ކަނޑައެޅިގެން މަނާކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ޖުވާ ކުޅުން ފަދަ ކަންކަމަށް މަގުފަހިވާ ފަދަ ވިޔަފާރިއެއް ނުވަތަ ހިދުމަތެއް، ޒޯނުގައި އެއްވެސް ސިފައެއްގައި ގާއިމުކޮށްގެން ނުވަތަ ހިންގުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ދީގެން ނުވާނެ ކަަމަށް ބިލުގައި ބުނެފައިވެއެވެ.

ބިލުގައިވާގޮތުން އެގޮތަށް ކަނޑައަޅާ ޒޯނުގައި ތަރައްގީކުރާ ތަންތަނަށް އަދި އެތަނުގައި ހިންގާ ވިޔަފާރިތަކަށް ނުވަތަ އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް، ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި އޫރުމަހާއި އޫރުމަސް އެކުލެވޭ ތަކެއްޗާއި އޫރުމަހުން އުފައްދާ ތަކެތި އިމްޕޯޓް ކުރުމަށް ނުވަތަ ވިއްކުމަށް ނުވަތަ ބޭނުން ކުރުމަށް ހުއްދަ ލިބިގެންނުވެއެވެ.

އޭގެ އިތުރުން ބިލުގައިވާގޮތުން އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގައި ކަނޑައަޅާ ސަރަޙައްދެއް މި ގާނޫނުގައިވާ ގޮތުގެމަތިން މާސްޓާ ޑިވެލޮޕަރަކަށް ކުއްޔަށް ދެވޭނީ ގިނަވެގެން 99 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ތެރޭގައި ހިންގާ އެންމެހައި ވިޔަފާރިތަކުން ފޯރުކޮށްދޭ މުދަލާއި ހިދުމަތަކީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ބޭނުމަށްޓަކައި ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތް ކަމުގައި ބެލެވޭނެ ކަމަށާއި އެ މުދަލާއި ހިދުމަތުން ޓެކްސް ނަގާނީ، އެ ގާނޫނުގެ ދަށުން ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ޓެކްސް ނަގާ ރޭޓުގައި ކަމަށްވެސް ބުނެފައިވެއެވެ.

ބިލުގައިވާގޮތުން، އިންޓެގްރޭޓަޑް ރިއަލް އެސްޓޭޓް ޒޯނެއްގައިވާ ޕްރޮޕަޓީއެއް ގާނޫނުގައިވާ ގޮތުގެމަތިން ގަތުމަކުން، އެ ޕްރޮޕަޓީއެއް ގަންނަ ފަރާތަކަށް ދިވެހިރާއްޖޭގެ ރައްޔިތަކަށްވުމުގެ އެއްވެސް ހައްގެއް ލިބިގެން ނުވެއެވެ.

ބިލުގައިވާގޮތުން އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުގައިވާ ބިންތައް ވަކި އެއް ގައުމަކަށް ނިސްބަތްވާ ރައްޔިތުންނަށް ނުވަތަ އެ ގައުމެއްގެ ރައްޔިތުންގެ މިލްކުވެރިކަން ނުވަތަ ކޮންޓްރޯލް އޮންނަ ގާނޫނީ ޝަހްސުތަކަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓްރީ ކޮށްދޭންވާނީ ޖުމްލަ ބިންތަކުގެ ނިސްބަތް 25 އިންސައްތަ އަށްވުރެ އިތުރުނުވާ ގޮތުގެމަތިންނެވެ.

ބިލުގައި ބުނާގޮތުން އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާނީ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުންނެވެ. އަދި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުން މަނާކޮށްފައިވާ އެއްވެސް ކަމެއް ޒޯނުގައި މާސްޓާ ޑިވެލޮޕަރު ކޮށްގެން ނުވާނެއެވެ. އަދި އެފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ދީގެންވެސް ނުވާނެއެވެ.

ބިލުގައި ބުނާގޮތުން ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ގެއްލުންވާ ފަދަ އަމަލެއް މާސްޓާ ޑިވެލޮޕަރު ކޮށްގެން ނުވާނެއެވެ. އަދި އެފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ދީގެންވެސް ނުވާނެއެވެ.

ބިލުގައިވާ ގޮތުން، މާސްޓަ ޑިވެލޮޕަރު ޒޯނު ބަލަހައްޓައި މެނޭޖް ކުރާ އިރު، ޒޯނުގައި ހިދުމަތް ހޯދާ ފަރާތްތަކުން، އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ޝިއާރުތައް ފާޅުކުރުމާއި އިހުތިފާލުތައް ބޭއްވުމާއި އެހެން ދީންތަކަށް އަޅުކަންކުރާ ތަންތަން ހެދުން ފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ދީގެން ނުވާނެއެވެ.

މި ގާނޫނާ ހިލާފު ނުވަތަ މި ގާނޫނުގެ ދަށުން މަނާކޮށްފައިވާ އަމަލަކީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ނުވަތަ ޖިނާއީ ކުށާއި އަދަބު ކަނޑައަޅާފައިވާ އެހެން ގާނޫނެއްގެ ދަށުން ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކަމެއް ނަމަ، އެފަދަ އަމަލެއް ކުރާ ފަރާތަކާ މެދު މި ގާނޫނުގައި ބަޔާން ކުރާ އިދާރީ ފިޔަވަޅެއް ކަނޑައެޅުމުގެ އިތުރުން، އެކަން ތަހުގީގު ކުރުމަށް ކަމާބެހޭ ގާނޫނު ތަންފީޒުކުރާ އިދާރާއަށް އޮތޯރިޓީން ހުށަހަޅަންވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *