"ޓަކާ ޓަކާ" ގޮވައިގެން، ރައްޔިތު މީހާއަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވުމަކީ ވަރަށް ހުތުރު އަމަލެއް: ނަޝީދު

"ޓަކާ ޓަކާ" ގޮވައިގެން، ރައްޔިތު މީހާއަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވުމަކީ ވަރަށް ހުތުރު އަމަލެއް: ނަޝީދު

"ޓަކާ ޓަކާ" ގޮވައިގެން އާއްމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަމާއި އުފާވެރިކަން ހުއްޓުވުމަކީ ހުތުރުވެގެންވާ ހީލަތްތެރި ރޭވުމެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ "މޯލްޑިވްސް ވޯޓާ ފްރޮންޓް އެންޑް މެރީނާ" ގެ ނަމުގައި ރަސްމާލޭގައި ހިންގަން ރާވާފައިވާ މަޝްރޫއާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން ބައިވެރިވެގެން ހިންގާ ހަރަކާތްތަކަށް ފާޑުވިދާޅުވެ، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި މަޝްރޫއަކީ ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ހިންގުމަށް ސަރުކާރުން ނިންމާފައިވާ މަޝްރޫއެކެވެ. ނަމަވެސް، މި މަޝްރޫއުގެ ސަބަބުން ރާއްޖޭގައި ޣައިރު ދީންތަކުގެ މީހުން ވަޒަންވެރިވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ، މި މަޝްރޫއު ހުއްޓާލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުންނާއި އެމްޑީޕީން ދަނީ ކަންބޮޑުވުން ފާޅުކޮށް ހަރަކާތްތައް ހިންގަމުންނެވެ.

މިކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް ރާއްޖޭގެ އަސްދަނޑިން ބޭރަށް ވިސްނުން ގެންދިއުމަށް އުފެއްދި ޕާޓީއެއް ކަމަށެވެ. އަދި އެއީ ތަފާތު ސަގާފަތްތަކަށް ޖާގަދޭ، މިނިވަން ވިސްނުމެއްގެ މައްޗަށް ބިނާވެފައިވާ ޕާޓީއެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

"ޓަކާ ޓަކާ ގޮވައިގެން، އާއްމު މީހާއަށް ލިބެން އޮތް ތަނަވަސްކަމާއި އުފާ ހުއްޓުވުމަކީ ހުތުރުވެގެންވާ ހީލަތްތެރި ރޭވުމެއް. ރާއްޖެ ނިކަމެތިކަމުގައި ބާއްވަން ޖަހާ މަޅިއެއް،" އެކްސްގައި ކުރެއްވި ޕޯސްޓްގައި ނަޝީދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީން ދެކޭ ގޮތުގައި ރައްޔިތުން އަބަދުވެސް އެދެނީ ތަނަވަސްކަމަށާއި ހާސްކަމެއް ނެތް، ތާހިރު ދިރިއުޅުމަކަށް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއާ ދެކޮޅަށް މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގެ ތަނަވަސް އެތައް އާއިލާއެއްގެ ބިމާއި ގެދޮރު މާލޭގެ އިތުރުން އަވައްޓެހި ސްރީ ލަންކާ ފަދަ ގައުމުތަކުގައި ވެސް އެބަހުރި ކަމަށާއި، މިފަދަ ހަރަކާތްތައް ހިންގަނީ އެ އާއިލާތަކުގެ ދަރިން ބޭރު މީހުންނާ ކައިވެނިކޮށްގެން ދިރިއުޅެމުންދާ ހާލަތުގައި ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މަޝްރޫއާ މެދު ސިޔާސީ މައިދާނުގައި ޚިޔާލުތަފާތުވުންތައް އުފެދިފައިވާއިރު، އިދިކޮޅު އެމްޑީޕީން މިކަމާ ދެކޮޅަށް އަޑުއުފުލި ނަމަވެސް، ރައީސް ނަޝީދު ތަކުރާރުކޮށް ގެންދަވަނީ މި މަޝްރޫއަށް ފާޅުގައި ތާއީދުކުރައްވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *