ސައުދީ އަރަބިއްޔާގެ ސަލާމަތީ ހާލަތާ ގުޅިގެން އިންޑިގޯއިން އެ ގައުމަށް ކުރާ ހުރިހާ ދަތުރުތަކެއް ކެންސަލްކޮށްފި

ސައުދީ އަރަބިއްޔާގެ ސަލާމަތީ ހާލަތާ ގުޅިގެން އިންޑިގޯއިން އެ ގައުމަށް ކުރާ ހުރިހާ ދަތުރުތަކެއް ކެންސަލްކޮށްފި

ސައުދީ އަރަބިއްޔާގައި މިހާރު އޮތް ސަލާމަތީ ހާލަތަށް ރިއާޔަތްކޮށް، އިންޑިއާގެ އެއާލައިނެއް ކަމަށްވާ އިންޑިގޯ އިން އެ ގައުމުގެ ހަތަރު ސިޓީއަކަށް ކުރާ ހުރިހާ ދަތުރުތަކެއް ކެންސަލްކުރުމަށް ނިންމައިފިއެވެ.

އިންޑިގޯއިން ނެރުނު ޓްރެވަލް އެޑްވައިޒަރީއެއްގައި ބުނެފައިވަނީ، 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ސައުދީ އަރަބިއްޔާގެ ޖިއްދާ، މަދީނާ، ރިޔާޟް އަދި ދައްމާމަށް ކުރާ ދަތުރުތަކާއި، އެ ސިޓީތަކުން ފުރާ ހުރިހާ ދަތުރުތަކެއް ކެންސަލްކޮށްފައިވާ ކަމަށެވެ. މީގެ ކުރިން ޖިއްދާ އާއި މަދީނާގެ ދަތުރުތައް ނޮވެމްބަރު 21 ގެ ނިޔަލަށް މެދުކަނޑާލާފައި އޮތުމަށްފަހު، މި ނިންމުމާއެކު އެ ދެ ސިޓީގެ ދަތުރުތައް ވެސް ނޮވެމްބަރު 30 ގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ.

އެ އެއާލައިނުން ހާމަކޮށްފައިވާ ގޮތުގައި، ދަތުރުތައް ކެންސަލްވުމުގެ ސަބަބުން އަސަރުކުރާ ފަސިންޖަރުންނަށް، ޓިކެޓް ބުކްކުރިއިރު ދީފައިވާ ފޯނު ނަންބަރު ނުވަތަ އީމެއިލް މެދުވެރިކޮށް އެކަން އަންގަމުންދާނެއެވެ. އަދި ދަތުރަށް ފެށުމުގެ ކުރިން އެއާލައިންގެ ވެބްސައިޓް މެދުވެރިކޮށް ފްލައިޓްގެ އެންމެ ފަހުގެ މައުލޫމާތު ޗެކްކުރުމަށް ވެސް އިންޑިގޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ސައުދީ އަރަބިއްޔާގެ ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންދާ ކަމަށާއި، ފަސިންޖަރުންނާއި ކުރޫންގެ ރައްކާތެރިކަމަކީ އެ އެއާލައިނުން އެންމެ ބޮޑު އިސްކަމެއްދޭ ކަންތައް ކަމަށް ވެސް އިންޑިގޯގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *