ރިއަލް އެސްޓޭޓް ބިލަށް އާއްމުން ހިޔާލު ހުށަހަޅަން ދެ ހަފުތާ

ރިއަލް އެސްޓޭޓް ބިލަށް އާއްމުން ހިޔާލު ހުށަހަޅަން ދެ ހަފުތާ

އިޒްރޭލް ރައްޔިތުންނަށް ނުވަތަ އިޒްރޭލް ރައްޔިތުންގެ މިލްކުވެރިކަން ނުވަތަ ހިއްސާއެއް ސީދާކޮށް ނުވަތަ ނުސީދާކޮށް ވެސް އޮންނަ ގާނޫނީ ޝަހުސަކަށް ނުވަތަ އެފަދަ ފަރާތެއްގެ ފައިދާއަށް ވެސް، ރާއްޖޭގެ އިންޓްގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުގެ ޕްރޮޕަޓީއެއްގެ ލީސްހޯލްޑް ރައިޓްސް ނުވިއްކޭނެ ކަމަށް ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލާބެހޭގޮތުން އާއްމުންގެ ހިޔާލު ހުށަޅަން ދެ ހަފްތާގެ މުއްދަތެއް ދޭން، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިއަދު ނިންމައިފި އެވެ. 

މިދިޔަ ހޯމަ ދުވަހު ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އައިފާން ހުށަހެޅުއްވި މި ބިލު އިއްޔެ ބޭއްވި މަޖިލިސް ޖަލްސާގައި މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވިއެވެ.

ބިލް ދިރާސާ ކުރުމަށްޓަކައި މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި، ބިލަށް އާއްމުންގެ ހިޔާލު ހުށަހަޅަން ދެ ހަފުތާގެ މުހުލަތެއް ދޭން ހުށަހެޅުއްވީ ހޯރަފުށި ދާއިރާގެ މެންބަރު އަލީމޫސާ އެވެ. ހަމަ އެ މުއްދަތުގައި ގުޅުންހުރި މުއައްސަސާތަކުގެ ކޮމެންޓް ލިއުމުން، ބިލަށް ހޯދުމަށްވެސް އޭނާ ހުށަހެޅުއްވިއެވެ.

ތާއީދު ކުރެއްވީ، ވިލިނގިލި ދާއިރާގެ މެންބަރު އާދަމް އަބްދުލްއަޒީޒެވެ.

އެ ހުށަހެޅުން ފާސްކުރީ ކޮމިޓީގެ އަގުލަބިއްޔަތުންނެވެ. އެ ގޮތަށް ފާސްކުރަން ފެނިވަަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު އެމްޑީޕީގެ ހަމައެކަނި މެންބަރު، ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރެވެ.

ކޮޮމިޓީގެ ނިންމުމުގައިވާ ގޮތުން މިއަދުން ފެށިގެން އަންނަ ޑިސެމްބަރު ދެވަނަ ދުވަހާ ހަމައަށް ބިލު އާއްމުންގެ ކޮމެންޓަށް ހުޅުވާލުމާ އެކު، ކަމާ ބެހޭ ހުރިހާ އިދާރާތަކެއްގެ ހިޔާލު އެ މުއްދަތުގެ ތެރޭގައި ލިއުމުން ހޯދާނެ އެވެ.

ރިއަލްއެސްޓޭޓް ބިލަށް ލިއުމުން ހިޔާލު ހޯދާނެ މުއައްސަސާތަކުގެ ގޮތުގައި ކޮމިޓީން ކަނޑައެޅީ  އިކޮނޮމިކް މިނިސްޓްރީ އާއި ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އެޓާނީ ޖެނެރަލް އޮފީހާއި ވިޒިޓް މޯލްޑިްވްސް ކޯޕަރޭޝަނެެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *