ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުޚާތަބުކުރާ އިރު، އެ ބޭފުޅުންގެ މަގާމުގެ ނަމުގެ ކުރިއަށް "އޮނަރަބަލް" މި ލަގަބު ބޭނުންކުރަންޖެހޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަމަޖައްސައިފިއެވެ.
ޖޭއެސްސީން މިއަދު އާންމުކުރި ސާކިއުލާއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ވާހަކަދައްކާއިރު ވެސް، ޝަރުއީ ދާއިރާގެ އެކި މަރުހަލާތަކުގެ ފަނޑިޔާރުންނަށް މުޚާތަބުކުރުމުގައި ރަސްމީ ލަގަބުތައް ބޭނުންކުރަން މިހާރު ވަނީ ކަނޑައަޅާފައެވެ.
މި އުސޫލުގެ ދަށުން، ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ އުއްތަމަ ފަނޑިޔާރާއި އެ ކޯޓުގެ އެހެން ފަނޑިޔާރުންނަށް މުޚާތަބުކުރާނީ މަގާމުގެ ނަމުގެ ކުރިއަށް "އޮނަރަބަލް" އިތުރުކޮށްގެންނެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރަށް "ހައިކޯޓުގެ އިސް ފަނޑިޔާރު"ގެ ނަމުން މުޚާޠަބުކުރާއިރު، ހައިކޯޓުގެ އެހެން ފަނޑިޔާރުންނަށް މުޚާޠަބުކުރާނީ "ފަނޑިޔާރު" ގެ ނަމުންނެވެ.
މީގެ އިތުރުން ސުޕީރިއާ ކޯޓުތައް ކަމުގައިވާ ސިވިލް ކޯޓު، ކްރިމިނަލް ކޯޓު، ފެމެލީ ކޯޓު، ޖުވެނައިލް ކޯޓު އަދި ޑްރަގް ކޯޓު ފަދަ ކޯޓުތަކުގެ އިސް ވެރިންނަށް މުޚާޠަބުކުރާނީ "އިސް ޤާޟީ"އަދި އެ ކޯޓުތަކުގެ އެހެން ފަނޑިޔާރުންނަށް "ޤާޟީ" ގެ ނަމުންނެވެ. އަދި ނަން ބޭނުންކުރާއިރު އެ ބޭފުޅެއްގެ ލަޤަބާއެކު "އަލްއުސްތާޛު/އަލްއުސްތާޛާ" ނުވަތަ "ޑޮކްޓަރު" ހިމަނަންޖެހޭނެއެވެ. ކޯޓުތައް ހިންގެވުމާ ޙަވާލުވެ ހުންނަވާ ބޭފުޅުންނަށް ވެސް މުޚާޠަބުކުރާނެ ގޮތް މި އުޞޫލުގައި ވަކިން ވަނީ ފާހަގަކޮށްފައެވެ.
އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކާ ގުޅޭގޮތުން ޖޭއެސްސީން ނިންމާފައިވަނީ، ޖުޑީޝަލް ދާއިރާތަކުގެ އިސްވެރިންނަށް "(ޖުޑީޝަލް ދާއިރާގެ ނަން) ގެ އިސް މެޖިސްޓްރޭޓް"ގެ ނަމުން އަދި މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުންނަށް "މެޖިސްޓްރޭޓް" ގެ ނަމުން މުޚާޠަބުކުރުމަށެވެ.
ފަނޑިޔާރުންގެ ޤާނޫނުގައިވާ ގޮތުގެ މަތީން ރާއްޖޭގެ އެކި ދަރަޖައިގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރެވޭއިރު، މިއީ ކޯޓުތަކުގެ ދަރަޖަތަކާ އެއްގޮތަށް ފަނޑިޔާރުންނަށް މުޚާޠަބުކުރުމުގައި އެއްގޮތް އުޞޫލެއް ޤާއިމުކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ.






