ގިނަ އަދަދެއްގެ ފަތުރުވެރިންނާއެކު، ޖުމްލަ 72 މީހަކު ގޮވައިގެން ކ. މާފުއްޓަށް ދަތުރުކުރި ފެރީއެއް މިއަދު ފަރަށް އަރައިފިއެވެ.
މެރިން ޕޮލިސް އިން މިއަދު ބުނީ މި ފެރީ ގިނަބަޔަކާއެކު ދަތުރު ކުރަނިކޮށް، ފެރީގެ އިންޖީނު ހުއްޓުމާއި ގުޅިގެން ފަރަށް އެރީ މިއަދު ހެނދުނު 11:30 ހާއިރު ކަމަށެވެ. ފެރީ އެރީ އެނބޫދޫ ފަރަށެވެ. ފެރީ ފަރަށް އެރިނަމަވެސް އޭގެން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބި އެންމެންވެސް ވަނީ ސަލާމަތް ކޮށްފައި ކަމަށް މެރިން ޕޮލިސް އިން ބުނެފައިވެއެވެ.
މެރިން ޕޮލިސް އިން ބުނިގޮތުގައި ފެރީގައި ދަތުރުކުރި 72 މީހުންގެ ތެރެއިން 67 މީހުންނަނީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނެވެ. ދެން ތިބީ 3 ދިވެހިންނާއި ދެ ފަޅުވެރިންނެވެ. ފަޅުވެރިންނަކީ ބިދޭސީންނެވެ.
މި ފެރީއަކީ، ގުޅި، ގުރައިދޫ، އަދި މާފުށި އަދި މާލެއަށް އާންމުކޮށް މީހުން ގޮވައިގެން ދަތުރު ކުރަމުން އަންނަ ފެރީއެކެވެ.




