ހަތަރު ބިލެއް މިއަދު ތަސްދީގު ކުރައްވައިފި

ހަތަރު ބިލެއް މިއަދު ތަސްދީގު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ހަތަރު ބިލެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މިއަދު ތަސްދީގު ކުރެއްވި ފުރަތަމަ ބިލަކީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ.

މިއީ، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަސްތުވާތަކެތީގެ އެނޫންވެސް ވިޔަފާރިކުރުން ހުއްޓުވައި، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ގެންގުޅޭ އަދި ބޭނުންކުރާ މިންވަރު މަދުކޮށް، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދިނުމަށް އިސްކަންދީ، ހެޔޮގޮތުގައި މުޖުތަމަޢަށް އަނބުރާ ރުޖޫޢަވެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙްތައް ބަޔާންކޮށްފައިވާ ބިލެކެވެ.

މިއަދު ތަސްދީގު ކުރެއްވި ދެވަނަ ބިލަކީ، ޒަކާތާބެހޭ ބިލެވެ. މިއީ، އިސްލާމްދީނުގައި ޒަކާތް ޝަރުޢުކުރައްވާފައިވާ މަޤްޞަދުތައް ޙާޞިލު ކުރެވޭނެ ގޮތެއްގެ މަތިން، ދިވެހިރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހިންގައި ބެލެހެއްޓުން، ހަރުދަނާ ގޮތެއްގައި އިންތިޒާމުކޮށް ތަރުތީބު ކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމުގެ ޤާނޫނީ އޮނިގަނޑު ބަޔާންކޮށް، ޒަކާތާގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމުގެ މަޤްޞަދުގައި އެކުލަވަލާލެވިފައިވާ ބިލެކެވެ.

ތިންވަނައަށް މިއަދު ތަސްދީގު ކުރެއްވި ބިލަކީ، ޓޫރިޒަމާބެހޭ ޤާނޫނުގެ ބިލުގެ 16 ވަނަ މާއްދާއަށް އިޞްލާޙު ގެނައި ބިލެވެ. މި ބިލަކީ، ހުށަހެޅުމުގެ ބޭނުމަކީ، ދައުލަތުގެ ކުންފުންޏަކަށް ޓޫރިސްޓް ރިޒޯޓް ހެދުމަށް ތަންތަން ކުއްޔަށް ދޫކުރުމާއި، ޓޫރިޒަމް ޓްރޭނިންގ ރިޒޯޓު ހެދުމަށް ތަންތަން ކުއްޔަށް ދޫކުރުމާއި އެފަދަ ބޭނުން ތަކަށް ތަންތަން ކުއްޔަށް ދިނުމާއި އެ ތަންތަން ހިންގުމުގެ އުސޫލުތައް ކަނޑައަޅައި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ހިމެނޭ ބިލެވެ.

ހަތަރުވަނައަށް ތަސްދީގު ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނުގެ ބިލެވެ. މި ބިލަކީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކޮށްފައިވާ މީހުންނަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމު އަދާކޮށްފައިވާ ފަރާތްތަކަށް ދެވޭ ރައްކާތެރިކަމާއި ޢިނާޔަތްތައް ކަނޑައަޅައި، އެ ރައްކާތެރިކަމާއި ޢިނާޔަތްތައް ދިނުމާބެހޭ އުސޫލުތައް ކަނޑައަޅައި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ބަޔާންކޮށްފައިވާ ބިލެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *