ޕާސްޕޯޓާއި ވިސާ ހޯދަން އިމިގްރޭޝަނަށް ދާކަށް ދެން ނުޖެހޭނެ، ޑިޖިޓަލްކޮށް ކުރެވޭގޮތް ހަދައިފި

ޕާސްޕޯޓާއި ވިސާ ހޯދަން އިމިގްރޭޝަނަށް ދާކަށް ދެން ނުޖެހޭނެ، ޑިޖިޓަލްކޮށް ކުރެވޭގޮތް ހަދައިފި

ޕާސްޕޯޓް ހެއްދުމަށާއި ވިސާހޯދުމަށް އިމިގްރޭޝަނަށް ދާންޖެހުން ނިމުމަކަށް ގެނެސް، "މޯލްޑިވްސް 2.0″ މަޝްރޫޢުގެ ދަށުން ތަރައްޤީ ކޮށްފައިވާ މޯލްޑިވްސް އިމިގްރޭޝަންގެ ޑިޖިޓަލް ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙު ކޮށްފިއެވެ.

މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވުމަށް ބަރސެލޯ ނަސަންދުރައިގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާންއެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް އިމިގްރޭޝަންގެ އައު ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން އަދި ފޭޝަލް ރެކޮގްނިޝަން އެޕްލިކޭޝަން ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ. މީގެ އިތުރުން މޯލްޑިވްސް އިމިގްރޭޝަންގެ "އީ-ވިޒާ" ގެ ޚިދުމަތް ވެސް މި ރަސްމިއްޔާތުގައި ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ. "އީ-ވިޒާ" ގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

ދިވެހިރާއްޖެ 2.0 އަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާއަށް ގެންދިއުމަށް އިފްތިތާޙްކުރައްވާފައިވާ ޕްރޮގްރާމެކެވެ. އަދި މޯލްޑިވްސް 2.0 އަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ގޮތެއްގައި ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލްކޮށްދިނުމަށް ހިންގަންފަށާފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރުން ނަތީޖާ ނެރުމަށް ހިންގާ މަޝްރޫޢެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒްކުރުމަށް ކުރިއަށް ގެންދާ 'މޯލްޑިވްސް 2.0′ މަޝްރޫޢުގެ ދަށުން ސައްތައިން ސައްތަ، ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށް ފޯރުކޮށްދޭންފެށި ސަރުކާރުގެ ފުރަތަމަ އިދާރާއަކީ މޯލްޑިވްސް އިމިގްރޭޝަނެވެ.

މިއަދުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖެ 2.0 ގެ ތަޞައްވަރަށް ޢަމަލީ ސިފަގެނެސްދެއްވައި، އެ ހުވަފެން ޙަޤީޤަތަކަށް ހައްދަވައި، ތަރައްޤީއަށް ފަހެލި ބަދަލުތަކެއް ގެނެސްދެއްވައި، ރާއްޖޭގެ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކުރައްވައި އެކަމުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން މިއަދު ވަނީ ހަނދާނީ ހަދިޔާއެއް އަރުވާފައެވެ. މި ހަދިޔާ އެމަނިކުފާނަށް އަރުވާފައިވަނީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން އަދި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރޓ) އަޙްމަދު ފަސީޙެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *