އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ދައުކަތުގެ ބަޖެޓްގައި، ޝަރުއީ ދާއިރާއަށް މާލީ މިނިވަންކަން ދޭން ހިމަނާފައިވުމަކީ ގައުމަށް ލިބިގެންދާ ވަރަށްބޮޑު ކުރިއެރުމެއް ކަމަށް ހުރާ ދާއިރާގެ ޕީއެންސީ މެންބަރު އަނާރާ ނައީމު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓުގައިވާ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އަނާރާ ވިދާޅުވީ، ޖުޑިޝަރީއަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުކަމަށެވެ.
"އެހެން ކަމުން ޖުޑީޝިއަރީއަށް މިނިވަންކަން ދިނުމުގެ ގޮތުނ،ް ހާއްސަކޮށް މާލީ މިނިވަންކަން އެއީ ވަރަށް މުހިންމު ކަމެއް އެގޮތުން މާލީ ގޮތުން އެ އަމާޒަށް ވާސިލުވުމަށް 807.9 މިލިއަން ރުފިޔާ ސެކްޓޯރަލް ގްރާންޓުގެ ގޮތުގައި ޖުޑީޝިއަރީއަށް ދޭގޮތަށް ބަޖެޓުކުރެވިފައި އެބަވޭ،" އަނާރާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މާލީގޮތުން ޖުޑީޝިއަރީއަށް ދެވޭ މިނިވަމަކީ ގައުމަަށްލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ހަމަ އެގޮތަށް 2026 ވަނަ އަހަރު ޕީއެސްއައިޕީއަށް 8.3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރަން ނިންމާފައި ވުމަކީވެސް ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ.
"އިމާރާތް ކުރުމާއި ޤައުމު ތަރައްޤީ ކުރުމަށް ވަރަށް ބޮޑު އަމާޒެއް ހިފާފައި ވާކަން ހާމަކޮށްދޭ ހެއްކެއް އެއީ. ދެން މަސްވެރިކަމުގެ ސިނާއަތު ފުޅާ ކުރުމަށްވެސް 556 މިލިއަން ރުފިޔާ ހިމަނާފައި ވާކަން ފާހަގަ ކުރަން. މަސްވެރިކަމަކީ ދިވެހިރާއްޖޭގައި އިތުރަށް ފުޅާ ކުރެވެން އޮތް ދާއިރާއެއް. އެއީ ދިވެހިރާއްޖޭގެ % 99އަކީ ކަނޑު ކަމުގައިވާއިރު ކަނޑުގެ ނަފާ އެންމެ ރަނގަޅު ގޮތުގައި ހޯދޭނެ މަގުތައް މުސްތަގުބަލުގައިވެސް އަޅުގަނޑުމެން ހޯދަންޖެހޭ" އަނާރާ ވިދާޅުވިއެވެ.






