ކިންގްސް ކެޕިޓަލް ކުންފުނިން އިންވެސްޓްމަންޓް ސްކީމެއް ހިންގުމުގެ ނަމުގައި، ގިނަ ބައެއްގެ އަތުން ފައިސާ ނަގައި އެ ފައިސާ އަނބުރާ ނުދިން މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮއިންގެ މައްޗަށް އުފުލި ޓެކުމުގެ ކުށުގެ 13 ދައުވާ އަނބުރާ ގެންދަން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައިފި އެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާއްމުކޮށް ހުޅުވާލައިގެން ދިވެހިރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާއި ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް، އިންވެސްޓަރުންނަށް މަންފާލިބޭނެކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި، އެފައިސާ ލޯންޑަރކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، ސ. ފޭދޫ، ބޮންތި، ޝަޒްބާން ފަހުމީއާއި، މ. ފިނިވާގެ، 2 ނަންބަރުބައި، ޝަހުބާން ފަހުމީ އަދި މ. ފިނިވާގެ 2 ނަންބަރުބައި، އަލްހާން ފަހުމީގެ މައްޗަށް، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކުމުގެ ކުށުގެ 13 ދައުވާ 23 ނޮވެންބަރު 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ.
މި ދަޢުވާތައް ކޯޓުގައި ހިނގަމުންދަނިކޮށް، ދައުވާލިބޭ ފަރާތްތަކުން ކުރިކަމަށް ތުހުމަތުކުރެވޭ ކުށާ ގުޅިގެން ބަދަލު ލިބެންޖެހޭ 13 ފަރާތަށް ބަދަލުދީ ހަލާސްކޮށްފައިވާކަމަށް ބަޔާންކޮށް، ދައުވާތައް މުރާޖަޢާކޮށްދިނުމަށް ދައުވާލިބޭ ފަރާތްތަކުން އެދިފައިވާާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެކަމާ ގުޅިގެން ފުލުހުން މެދުވެރިކޮށް މައުލޫމާތު ސާފުކުރިއިރު، މި މައްސަލާގައި ބަދަލުލިބޭންޖެހޭ މީހުންނަށް ބަދަލުލިބިފައިވާކަން ކަށަވަރުވެފައިވާ ކަމަށާއި އަދި މި މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުންނުވާކަމަށް އެ ފަރާތްތަކުން ބުނެފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
"މިއާއެކު، މި މައްސަލާގައި ގެއްލުން ލިބުނު މީހުންގެ ތެރެއިން ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ބަދަލު ނަގައިދޭން އެދުނު އެންމެންނަށް، ލިބެންޖެހޭ ފައިސާ އަނބުރާ ލިބިފައިވާތީއާއި، މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުންނުވާކަމަށް އެ ފަރާތްތަކުން ބުނެފައިވުމުން، މި މައްސަލާގައި މިހާތަނަށް ކޯޓަށް ހުށަހެޅި ދައުވާތައް (ޓެކުމުގެ ކުށުގެ 13 ދަޢުވާ) އިތުރަށް ކުރިއަށްގެންދިއުމުގެ މަސްލަހަތު އޮތްކަމަށް ނުފެންނާތީ، އެ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް މި އޮފީހުން ވާނީ ނިންމާފައެވެ." ޕީޖީ އޮފީހުން ބުންޏެވެ.
ނަމަވެސް، މި މައްސަލާގައި ބަދަލުލިބެންޖެހޭ އިތުރު މީހުންގެ ބައިތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެ ބައިތަކުގެ ތަހުގީގު ނިންމައި މި އޮފީހަށް ހުށަހެޅުމުން، އެ ބައިތަކުގައި ދައުވާކުރުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެހެންކަމުން، މި މައްސަލާގައި ބަދަލުލިބެންޖެހޭ މީހުންގެ ތެރެއިން ފައިސާ އަނބުރާ ނުލިބިވާ މީހުންނަށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ބަދަލު ހޯދައިދިނުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުންދާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.






