މިއަދުގެ ޒުވާނުންގެ އުންމީދުތައް ޙާސިލު ކުރުމަށް، އދ. އިސްލާޙު ކުރުމަށް އދ.ގެ ކުރީގެ ރައީސުން މިއަދު ގޮވާލައްވައިފިއެވެ.
މިއަދު ފާހަގަ ކުރަމުންދާ، އދ. ގެ 80 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން، އދ. ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސުންގެ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އދ. އިސްލާޙު ކުރުމަކީ 1945 ވަނަ އަހަރު އެ ޖަމްއިއްޔާ އުފެއްދުމުގެ މައިގަނޑު މަގްސޮދު ހާސިލު ކުރުމަށްވެސް މުހިންމު ކަމެއް ކަމަށެވެ.
އދ. ގެ ކުރީގެ ރައީސުން ހިމެނިވަޑައިގަންނަވާ ކައުންސިލުން މިއަދު ނެރުނު މި ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ، އދ.ގެ ޗާޓަރަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ބައިނަލްއަޤްވާމީ ނިޒާމުގެ ބިންގަލަށްވެ، މަލްޓިލެޓްރަލިޒަމް ކުރިއެރުވުމަށް ކޮންމެހެން ބޭނުންވާ އޮނިގަނޑެއް ކަމަށެވެ. އަދި އދ. އިން އިންސާނިއްޔަތު ބޮޑު ހަނގުރާމަ އަކުން ނުވަތަ ނިއުކްލިއަރ ހަނގުރާމަ އަކުން ސަލާމަތްކޮށް، އެތައް ހަނގުރާމައެއް ހުއްޓުވައި ނިމުމަކަށް ގެނެސް، އިންސާނީ ޙައްޤުތައް ކުރިއަރުވައި، އެތައް ޤައުމެއް މިނިވަންވުމަށް މަގުފަހިކޮށް، އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ހިތްވަރުދީ، ކޮންމެހެން ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދީ އަދި މޫސުމަށް އަންނަ ބަދަލުތަކާއި އެހެނިހެން ތިމާވެށީގެ މައްސަލަތަކަށް ބައިނަލްއަޤްވާމީ އޮނިގަނޑެއް ގާއިމް ކޮށްދީފައިވާ ކަމަށެވެ. މީގެއިތުރުން އދ. އިން ބައިނަލްއަޤްވާމީ ޤާނޫނު ޤަބޫލު ކުރުން ފުޅާކޮށް، ޤައުމުތަކުގެ ގުޅުންތަކުގައި ހަމަޖެހުމާއި ސްޓެބިލިޓީ ޤާއިމް ކުރުމަށް ހިތްވަރު ދީފައިވާ ކަމަށްވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މީގެއިތުރުން، ކުރީގެ ރައީސުންގެ ކައުންސިލުން ދެކެވަޑައިގަންނަވާ ގޮތުގައި ސުލްޙަ އާއި ސަލާމަތީ، ތަރައްޤީ އަދި އިންސާނީ ޙައްޤުތަކަކީ އދ. ގެ ނިޒާމުގެ ތަނބުތަކެވެ. މި ތަނބުތަކަކީ އަމާންކަމާއި ދުޅަހެޔޮކަމުގެ އަސާސްތަކެވެ. ތަރައްޤީއެއް ނެތި ސުލްޙައެއް ނޯންނާނެއެވެ. ސުލްޙައެއް ނެތި ތަރައްޤީއެއް ނޯންނާނެއެވެ. އަދި އިންސާނީ ޙައްޤުތަކެއް ނެތި ސުލްޙައެއް އަދި ތަރައްޤީއެއް ނޯންނާނެއެވެ.
ބަޔާނުގައި ވިދާޅުވެފައި ވަނީ، އދ. އިޞްލާޙީ މަސައްކަތް ތަކެއް ވަރަށް ފުޅާ ދާއިރާއެއްގައި ކުރަން ޖެހިފައިވާ ކަމަށާއި، އެގޮތުން ސެކިއުރިޓީ ކައުންސިލް ވާގިނެތިފައިވާ މައްސަލައަކީ އދ. ގެ އެންމެ މުހިންމު ޒިންމާ ކަމަށްވާ ބައިނަލްއަޤްވާމީ ސުލްޙަ އާއި ސަލާމަތީ ކަންކަން ހިފެހެއްޓުމަށް އެޅޭ ބޮޑު ހުރަހެއް ކަމަށެވެ. މިކަމަށްޓަކައި، އެ ބޭފުޅުން ގޮވާލައްވާފައި ވަނީ، އދ. ގެ ޗާޓަރުގެ ޗެޕްޓަރ 6 އަދި 7 ގެ ދަށުން ސުލްޙަ އަދި ސަލާމަތީ ދާއިރާގައި އދ. ގެ ދައުރު އިޞްލާޙު ކުރުމަށް އދ. ގެ ޖެނެރަލް އެސެމްބްލީގެ ޚާއްޞަ ޖަލްސާއެއް ބޭއްވުމަށެވެ. މި ޖަލްސާއަށްފަހު، އދ. ގެ ޗާޓަރުގެ މާއްދާ 109 ގެ ދަށުން ޗާޓަރު މުރާޖަޢާ ކުރުމަށް އާންމު ކޮންފަރެންސެއް މެދުވެރިކޮށް ޖަމްޢިއްޔާގެ ފުޅާ އިޞްލާޙަށް މަގު ފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މި ޖެނެރަލް އެސެމްބްލީގެ ޚާއްޞަ ޖަލްސާއިން ބައިނަލްއަޤްވާމީ ސުލްޙަ އާއި ސަލާމަތަށް ކުރިމަތިވެފައިވާ ނުރައްކާތައް ފާހަގަ ކުރަންޖެހޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ކުރީގެ ރައީސުންގެ ކައުންސިލުން ފާހަގަ ކުރައްވާ ކަންކަން:
* މަލްޓިލެޓްރަލިޒަމުގެ އެއްބައިވަންތަކަމަށް އޮތް ގޮންޖެހުން:
މިއަދުގެ އެއްބައިވަންތަ ދުނިޔޭގައި، ގިނަ މެމްބަރު ޤައުމުތަކުން ކުރިއަށް ގެންދަނީ ހަނި ދާއިރާއެއްގައި އެމީހުންގެ އަމިއްލަ މަޞްލަޙަތެވެ. އދ. ގެ ޗާޓަރުގައި ބަޔާން ކުރެވިފައިވާ އާންމު ހެޔޮ އެއްބައިވަންތަ ސިފަތަކާއި ޚިލާފަށް އެފަރާތްތަކުގެ ނުފޫޒު ދަނީ ގަދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ.
* ބައިނަލްއަޤްވާމީ ޤާނޫނަށް އޮތް ގޮންޖެހުންތައް:
އދ. ގެ ޗާޓަރުގެ އަސާސީ އުޞޫލުތަކާއި ބައިނަލްއަޤްވާމީ މުޢާހަދާތަކަށް އިޙްތިރާމްނުކުރުން އިތުރުވަމުން އަންނަކަމީ ކަންބޮޑުވުމެކެވެ. އިންސާނީ ޙައްޤުތަކާއި އިންސާނީ އެހީގެ ޤާނޫނުތައް ނިގުޅައިގަތުމުން ބައިނަލްއަޤްވާމީ ސުލްޙައަށާއި އިންސާނިއްޔަތަށް ނުރައްކާވަމުން ދެއެވެ.
* ބޮޑެތި ބާރުތަކުގެ ކުރިމަތިލުމާއި، ނިއުކްލިއަރ ހަނގުރާމައިގެ ނުރައްކާ:
ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ބޮޑެތި ބާރުތަކުގެ މެދުގައި އުފެދެމުންދާ ހަމަ ނުޖެހުމާއި، ނިއުކްލިއަރ ހަތިޔާރު ގެންގުޅޭ ޤައުމުތައް ހިމެނޭހެން ސަރަޙައްދީ ހަމަނުޖެހުން އިތުރުވުމާއި، ނިއުކްލިއަރ ހަތިޔާރާބެހޭ އެއްބަސްވުންތައް ނެތިދިއުމުން ދުނިޔޭގެ ސުލްޙައަށް ބޮޑެތި ނުރައްކާތައް ދަނީ ކުރިމަތިވަމުންނެވެ.
* އާޓިފިޝަލް ޖެނެރަލް އިންޓެލިޖެންސްގެ ނުރައްކާ:
ޓެކްނޮލޮޖީގެ ދާއިރާގައި، ޚާއްޞަކޮށް އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާގައި އަންނަ ހަލުވި ކުރިއެރުންތަކުން 21 ވަނަ ޤަރުނުގައި ހުޅުވިގެންދާ ފުރުޞަތުތަކާއެކު، ސީރިއަސް ގޮންޖެހުންތައް ވެސް ދަނީ ކުރިމަތިވަމުންނެވެ. މިގޮތުން އދ. އިން އާޓިފިޝަލް ޖެނެރަލް އިންޓެލިޖެންސްގެ ނުރައްކާތައް ކޮންޓްރޯލްކުރުމަށް ބައިނަލްއަޤްވާމީ އޮނިގަނޑެއް ޤާއިމް ކުރުން މުހިންމެވެ.
މީގެއިތުރުން، އދ. ގެ ޖެހިގެން އަންނަ ސެކްރެޓަރީ ޖެނެރަލްގެ އިންތިޚާބަކީ އދ. ގެ ލީޑަރޝިޕް ހަރުދަނާ ކުރުމަށް މުހިންމު ފުރުޞަތެއްކަން ފާހަގަ ކުރައްވައި ކުރީގެ ރައީސުން ގޮވާލައްވާފައި ވަނީ، އދ. ގެ 193 މެމްބަރު ޤައުމުތައް ހިމެނޭގޮތަށް ހާމަކަން ބޮޑު، ޑިމޮކްރެޓިކް އަދި ހުރިހާ ފަރާތްތައް ޝާމިލްވާ އިންތިޚާބީ ޕްރޮސެސްއެއް ގެންގުޅުމަށެވެ.
ޖުގްރާފީ ރޮޓޭޝަންގެ އުޞޫލާއި ޖެންޑަރ ހަމަހަމަކަން ޤާއިމް ކުރުމަށް އިސްކަންދީ، 80 އަހަރުގެ ތާރީޚުގައި އަންހެން ބޭފުޅަކު މި މަޤާމަށް ހޮވިފައި ނުވާތީ، ޖެނެރަލް އެސެމްބްލީގެ ރައީސްގެ ގޮވާލުމަށް އެއްބާރުލުންދީ، ކަމަށް ޤާބިލް އަންހެން ބޭފުޅަކު ޖެހިގެން އަންނަ ސެކްރެޓަރީ ޖެނެރަލްގެ ގޮތުގައި ހޮވުމަށް މަސައްކަތް ކުރަން ޖެހޭކަމަށްވެސް ވިދާޅުވެފައިވެއެވެ.
ކުރީގެ ރައީސުން ވިދާޅުވެފައި ވަނީ، އދ. އާއި އޭގެ ޚާއްޞަ އެޖެންސީ ތަކަށް ކުރިމަތިވެފައިވާ މާލީ ކްރައިސިސްތަކާމެދު އެ ބޭފުޅުން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން އދ. ގެ ކުރިމަގަށް ނުރައްކާވާ މިންވަރަށް މި މައްސަލަ ބޮޑުވެފައި ވާތީ، އދ. ގެ މެމްބަރު ޤައުމު ތަކުން، ޚާއްޞަކޮށް މައި ކޮންޓްރިބިއުޓަރުން، އދ. ގެ ޗާޓަރުގެ ދަށުން ޤާނޫނީ ޒިންމާތައް އަދާކުރުމަށްވެސް އެބޭފުޅުން ވަނީ ގޮވާލައްވާފައެވެ.
މިއަދަކީ އދ. އުފެދުނުތާ 80 އަހަރު ފުރުނު ދުވަހެވެ. އދ. އުފެދިފައި ވަނީ 24 އޮކްޓޯބަރ 1945 ގައެވެ. އދ. ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސުންގެ ކައުންސިލުގެ ބަޔާނުގައި ދުވަހުގެ މުނާސަބަތުގައި ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ވިދާޅުވެފައިވެއެވެ.
އދ. ގެ ކުރީގެ ރައީސުންގެ ކައުންސިލްގައި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް ހިމެނިވަޑައިގަންނަވައެވެ. އެމަނިކުފާނަކީ އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސެވެ. އެމަނިކުފާނަކީ އދ. ގެ ރައީސްކަން ކުރެއްވި ހަމައެކަނި ދިވެއްސެވެ.






