ޖުޑިޝަރީއަށް ނުފޫޒެއް ނުފޯރުވަން، އެކަމުގެ ހެއްކަކީ ފަނޑިޔާރުން: ރައީސް

ޖުޑިޝަރީއަށް ނުފޫޒެއް ނުފޯރުވަން، އެކަމުގެ ހެއްކަކީ ފަނޑިޔާރުން: ރައީސް

ސަރުކާރުން ޖުޑިޝަރީއަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށް އެ ދާއިރާގެ މުވައްޒަފުން ހެކިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ލ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޮނަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގެ ކަންކަން ކުރައްވަނީ ވަށާޖެހޭ ވިސްނުމުގެ ތެރެއިން ކަމަށެވެ.

ގައުމަށް ހަމަޖެހުން ގެނައުމަށާއި، ބަދަލުހިފުމުގެ ރޫހު ގައުމުން ނައްތާލުމަށާއި، ސިޔާސީ ހައްޔަރު ކުރުންތަކެއް ނުހިނގާނެކަމާއި، ޖުޑީޝަރީ ދާއިރާގެ ތެރެއަށް އަތް ބޭނުން ފަދަ ކުރިން ހިނގާފައިވާ ކަންކަން މި ސަރުކާރުގައި ނުހިނގާނެ ކަމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމާ އެގޮތުގައި އަޅުގަނޑުމެން ކުރިއަށްގެންދާނީ. އެކަން މިހާރު ޖުޑިޝަރީ ދާއިރާގައި މަސައްކަތް ކުރާ ފަނޑިޔާރުންނަށް، ޖުޑިޝަރީ ދާއިރާގެ ހުރިހާ ފަރާތްތައް ހެކިވާނެ. ހަގީގަތަކީ މި ސަރުކާރަކުން އެއްވެސް ވަރަކަށް ނުފޫޒެއް ނުފޯރުވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޖުޑީޝަރީ ދާއިރާއިން އަދުލު އިންސާފު ގާއިމުކޮށްދިނުމުން ގައުމުގައި ހަމަޖެހުން އޮންނާނެ ކަމަށާއި ގައުމުގެ ހަމަޖެހުން ގާއިމުކުރުމަކީ ހުރިހާ މުއައްސަސާތަކެއްގެ ޒިންމާއެއް ކަމަށެވެ.

"އެ ބޭފުޅުން ކުރައްވަންވީ ކަމަކީ އަދުލުއިންސާފު ގާއިމުކޮށްދިނުން. ވަކި މީހަކަށް ނުބަލައި، ވަކި މީހެއްގެ ނުފޫޒުގައި ނުޖެހި އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކީގައި ހަލުވިކަމާއެކީގައި ގެންގޮސް، އެބޭފުޅުންނާ ހަވާލުކޮށްފައިވާ ކަންކަން ކޮށްދޭން، އެބޭފުޅުންގެ ޒިންމާތައް އަދާކުރަން. އޭރުން ގައުމަށް ހަމަޖެހުން އަންނާނެ،" ރައީސް ވިދާޅުވިއެވެ.

ޖުޑިޝަރީ ދާއިރާއަށް ބޭނުންވާ ކަންކަން ސަރުކާރުން ކޮށްދެމުންދާނެކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *