"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންސް ބިލު" ފާސް ކުރުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ހިޔާލު ތަފާތުވުން ބޮޑުވެ ހިނގައި ދިޔަ ކަންތައްގަނޑުގައި އެ ކޮމިޓީގެ މައިކަށް ލިބުނު ގެއްލުމުގެ އަގު ތިން މެންބަރުންގެ އަތުން ނަގަން މަޖިލީހުގެ އިމްތިޔާޒުތަކާއި ސުލޫކު ކޮމިޓީން ފާސްކޮށްފިއެވެ.
އެދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި، ކެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މައުރޫފް ޒާކިރު ކޮމިޓީގެ މައިކެއް އޮން ކުރައްވައި ވާހަކަ ދައްކަވަން ފެއްޓެވުމުން، ކޮމިޓީގައި ނެތް މެންބަރަކަށް ވާހަކަ ނުދެއްކެވޭނެ ކަމަށް ވިދާޅުވެ، ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން އިމްރާން ލަތީފް މައިކް ދަންމަވައިގަންނަވަން ފެއްޓެވިއެވެ.
މައިކަށް ގެއްލުން ލިބުނީ ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރު، މައިކްގެ ވާގަނޑުގައި ހިފަހައްޓާފައި، މައިކް ދަމައިނުގަނެވޭތޯ މަސައްކަތް ކުރެއްވުމުގެ މަސައްކަތްގަނޑުގެ ތެރޭގައެވެ.
މި މައްސަލައިގައި މައިކަށް ލިބުުނު ގެއްލުމާ ބެހޭގޮތުން ގޮތެއް ނިންމައިދިނުމަށް އެދި އެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީން އަބްދުﷲ އެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ މައްސަލައިގައި ހިމެނޭ ތިން މެންބަރުންގެ އަތުން، މައިކަށް ލިބުނު ގެއްލުމުގެ އަގު އިދާރީ މޭޒުން ކޮމިޓީއަށް ހުށަހެޅުމުން، އޭގެ އަގު އެ މެންބަރުންގެ އަގު ނަގަން ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒްއެވެ. ތާއީދު ކުރެއްވީ ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަފްއެވެ.