ރާއްޖޭގައި ކޮޅުވެއްޓި ދުއްވާ ކެޕްޓަނުންނަށް ޚާއްސަ ތަމްރީނުތަކެއް ދެވޭނެ އުސޫލެއް ހަދަންޖެހޭ ކަމަށް ހެވީލޯޑް ކުންފުނީގެ ވެރިޔާ ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މާލެއިން ފުރައިގެން ކ. އެރިޔަދޫއަށް ރޭ ދަންވަރު ދަތުރު ކުރަމުން ދިޔަ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހިތާމަވެރި ހާދިސާއާއި ގުޅިގެން މޫސަ މިއަދު އެކްސްގައި ވިދާޅުވީ، ކޮޅުވެއްޓި ދުއްވާ ކެޕްޓަނުންނަށް ތަމްރީނުތަކެއް ދޭނެ އުސޫލެއް ހަދަން ފެނިވަޑައިގަންނަވަނީ އެމްއެންޑީއެފް ކޯސްޓްގާޑު މެދުވެރިކޮށް ކަމަށެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލުމުގެ ވަރަށްގިނަ ހާދިސާތައް ރާއްޖޭގައި ހިނގަމުން އައުމުގެ ކަންބޮޑުވުން ފާޅުކުރައްވައި މޫސަ ވިދާޅުވީ، ކޮޅުވެއްޓި ދުއްވުމުގައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ އުސޫލުތަކެއްވެސް އޮންނަންޖެހޭނެއެވެ.
"މެޝިނަރީ ލޯޑްކުރުމާ ބެލެންސް ކުރާނެގޮތާ ވަކި ވަަރަކަށް ގަދަވީމަ ދުއްވުން މަނާ ކުރާނެ އުސޫލެއްވެސް އޮންނަންޖޭހޭ " މޫސަ ވިދާޅުވިއެވެ.
ރޭ ހިނގައިދިޔަ ކޮޅުވެއްޓި ބަންޑުން ޖަހާލި ހިތާމަވެރި ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކު މަރުވެފައި އިއްވާ މިހާރު ވަނީ ފެނިފައެވެ. އެމީހާގެ ހަށިގަނޑު ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ކަނޑުގެ އަޑިން ނަގާފައެވެ. އޭނާ ނެގިއިރުވެސް އޮތީ މަރުވެފައެވެ. އެ މީހާގެ ހަށިގަނޑު ފެނިފައި ވަނީ މިއަދު ހެނދު 8 ޖަހާކަންހާއިރުއެވެ. ގެއްލުނު އަނެއް ދެމީހުން އަދިވެސް ނުފެނެއެވެ. އެ ދެ މީހުން ހޯދުމުގެ މަސައްކަތް ކޯސްޓުކާޑުން މިހާރުވެސް ދަނީ ކުރަމުންނެވެ.
"އަލްމާކް ފިޔަ" ނަމަކަށް ކިޔާ އެ ކޮޅުވެއްޓި ބަންޑުން ޖަަހާލިއިރު އޭގައި ޖުމްލަ 7 މީހުން ތިބި ކަމަށްވެއެވެ. ތިން މީހަކު ގެއްލުނުއިރު އަނެއް 4 މީހުން ވަނީ ސަލާމަތް ވެފައެވެ. ކޮޅުވެއްޓި ވަނީ އަޑިއަށް ގޮސްފައެވެ.