މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުންގޯސްވާނެކަމަށް ލަފާކުރެވޭކަމަށާއި، ހާއްސަކޮށް ކަނޑުދަތުރުކުރާއިރު މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފި އެވެ.
މެޓުން މިއަދު ވަނީ ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މުޅިރާއްޖެއަށް ހުދު ސަމާލުވެސް ނެރެފައެވެ. އެ ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 08:30 އިން މެންދުރު 14:00 ޖެހުމާއި ހަމައަށެވެ.
އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއި ގުގުރުން އެކަށީގެންވާކަމަށް މެޓުން ބުންޏެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި، ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުންގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މެޓުން ބުންޏެވެ.
މި ދުވަސްވަރު ރާއްޖެއަށް މޫސުން ގޯސްވެފައިވާތީ، ކަނޑުދަތުރުފަތުރު ކުރުމުގައި މޫސުމަށް ހާއްސަ ސަމާލުކަމެއްދިނުމަށް މެޓުން އިލްތިމާސްކުރި އެވެ.