އެމްޕީއެލްގެ ބެލުމުގެ ދަށުގަައި ހުއްޓާ ވީނުވީއެއް ނޭނގި ގެއްލުނު 2 ސިނގިރޭޓް ކޮންޓެއިނަރާ ގުޅިގެން ކަސްޓަމްސްގެ އިސް މުވައްޒަފަކާއި އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދިން ގޮތުގައި މި މައްސަލައިގައި މިހާތަނަށް 12 މީހެއް ރާޢްޖެއިން ބޭރަށް ފުރުން ވަނީ މަނާކުރެވިފައެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ހަތަރު މީހުންގެ ތެރޭގައި ދެ ވިޔަފާރިވެރިންނާއި، ކަސްޓަމްސްގެ އިސް މުވައްޒަފަކާއި އަދި އިތުރު އެއް ފަރާތެއް ހިމެނެއެވެ. މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ގިނަ އަދަދެއްގެ ތަންތަނާއި އުޅަނދުފަހަރު ވަނީ ފާސްކުރެވިފައެވެ.
އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ހުރި ދެ ކޮންޓެއިނަރެއްގައި ހުރި އެ ސިނގިރޭޓު ތަކަކީ ރާއްޖެއަށް ވަގަށް އެތެރެ ކުރަނިކޮށް އަތުލައިގަތް ސިނގިރޭޓުތަކެެވެ. އެ ދެ ކޮންޓެއިނަރު ހިފަހައްޓާފައިވަނީ ކަސްޓަމުންނެވެ. ކަސްޓަމުން ހުރީ އެ ދެ ކޮންޓެއިނަރު ސީޒްކޮށް ތަޅުވެސް އަޅުވައިފައެވެ.
އެ ދެ ކޮންޓެއިނަރުގައި1،360 ކޭސް ސިނގިރޭޓް ހުރިއިރު އެއީ 13.6 މިލިއަން ސިނގިރޭޓެވެ. އޭގެ ޑިއުޓީ އަގު 122 މިލިއަން ރުފިޔާ އަރައެވެ.
ސިނގިރޭޓް ކޮންޓެއިނާ ގެއްލުނު މައްސަލައިގައި ކަސްޓަމުންވެސް އެމްޕީއެލުންވެސް އަދި އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ. އަދި އެއްވެސް ފަރާތަކާމެދު ފިޔަވަޅު އަޅާފައިނުވާއިރު އެކަމާ ގުޅޭ ގޮތުން ކަސްޓަމްސް އަދި އެމްޕީއެލްގެ ވެރިން އެއްވެސް ވާހަކައެއްވެސް ދައްކައިފައިނުވެއެވެ. ނަމަވެސް އެމްޕީއެލުންވަނީ އެތެރޭގެ ތަހުގީގެއް ފަށައިފައެވެ.