ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމުން މީހަކު ވަކިކުރި މައްސަލައެއްގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައަށް ޖަވާބުދާރީވާން އެ ޓްރައިބިއުނަލުން ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) ގެ މައްޗަށް އަމުރުކޮށްފިއެވެ.
މި މައްސަލައަކީ ޓޫރިޒަމް މިނިސްޓްރީގެ ޕީއެސްގެ މަގާމުން ފާތިމަތު ޝައުފާ ދޯޅަނބުގެ ލ. ފޮނަދޫ، ވަކިކުރުމާއި، ޓޫރިޒަމް މިނިސްޓްރީ، ޓޫރިޒަމާއި ތިމާވެއްޓާބެހޭ މިނިސްޓްރީއަށް ބަދަލުވިއިރު، އެތަނުގެ ޕީއެސްގެ މަގާމަށް މީހަކު އައްޔަން ކުރުމަށް ކުރިއަށްދިޔަ އިދާރީ ޕްރޮސެސްގައި ގާނޫނުއަސާސީއާއި ހިލާފަށް ތަފާތުކުރުމާއެކު، ބޭއިންސާފުން އިދާރީ ފިޔަވަޅުތައް އަޅާފައިވާތީ އާއި، ތަފާތު ކުރުމުގެ ތެރެއިން ވަޒީފާގައި ދެމިހުރުމާއި ވަޒީފާ ލިބިގަތުމުގެ ހައްގުން މަހްރޫމްކޮށް، ގާނޫނުގެ ރައްކާތެރިކަމާއި ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަ ކަމާއެކު ލިބިދީފައިނުވާ ކަމަށްބުނެ ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައި ޝައުފާގެ ފަރާތުން ހުށަހަޅާފައިވަނީ، ތަފާތު ކުރުމުގެ ގޮތުން އޭނާއަށް އިދާރީ ފިޔަވަޅުތައް އަޅާފައިވާކަން ސާބިތުވާކަމަށް ކަނޑައަޅައި ދިނުމަށާއ،ި އެ ތަފާތު ކުރުމަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއްކަމުގައި ކަނޑައަޅައި ދިނުމަށާއ،ި އޭނާއާމެދު ބޭއިންސާފުން އިދާރީ ފިޔަވަޅުތައް އަޅާފައިވާތީ، އެ ކަމުގެ ބަދަލެއްގެ އޭނާ ހުރި މަގާމުގެ މުސާރަ އާއި އިނާޔަތްތައް މަގާމުގެ މުއްދަތަށް ދޭންޖެހޭ ކަމަށް ކަނޑައަޅައ،ި އެ ފައިސާ 7 ދުވަހުގެ ތެރޭގައި އޭނާއަށް ދިނުމަށް އަމުރު ކޮށްދިނުމަށާއ،ި ޝަރީއަތުގެ ހަރަދުގެ ގޮތުގައި އޭނާ ހަރަދު ކޮށްފައިވާ 35،000 ރުފިޔާއަށް މައްސަލަ ރައްދުވާ ފަރާތުން ޖާމިނުވާން ޖެހޭނެ ކަމަށް ކަނޑައަޅައ،ި ޝަރީއަތުގެ ހަރަދުގެ ފައިސާ ނަގައިދިނުމަށެވެ.
މި މައްސަލައާ ބެހޭގޮތުން އިޖުރާއީ ނުކުތާއެއް ހުށަހަޅައި އީއެސްސީން ބުނެފައި ވަނީ މި މައްސަލައަކީ، ޕްރޮބޭޝަން މުއްދަތުގެ ތެރޭގައި ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ ޕީއެސް މަގާމުން ވަކިކުރުމުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. ވަޒީފާގެ ވަގުތީ މުއްދަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން، ނުވަތަ އެ ވަޒީފާއެއް އަދާކުރާ މީހާ، އެ ވަޒީފާގެ ގޮތުން އިސްތިއުފާ ދޭންޖެހޭ ނުވަތަ މުސްކުޅިކުރަންޖެހޭ ދުވަސް އައުމުން، ވަޒީފާއިން ވަކިކޮށްފިނަމަ، އެ ކަމުގެ ޝަކުވާ ކުރުމުގެ ހައްގު އެ މުވައްޒަފަކަށް ލިބިގެން ނުވާކަމަށް ވަޒީފާއާބެހޭ ގާނޫނު ގައި ބަޔާން ކޮށްފައިވާ ކަމަށެެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ނުބެލޭނެ މައްސަލަތަކުގެ ތެރޭގައި ވަޒީފާގެ ވަގުތީ މުއްދަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން ހުށަހެޅޭ މައްސަލަތައް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގައި ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.
އެހެން ކަމުން މި މައްސަލަ ބެލުމުގެ އިހްތިސާސް ޓްރައިބިއުނަލަށް ނުވާ ކަމަށް ބުނެ، މިއީ ޓްރައިބިއުނަލަށް ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމުގައި ކަނޑައަޅައި ދިނުމަށާއ،ި މި މައްސަލަ އިތުރަށް ކުރިއަށް ގެންދެވޭނެ ތަނެއް ނެތްކަމުގައި ކަނޑައަޅައިދިނުމަށްވެސް ސީއެސްސީގެ ފަރާތުން ޓްރައިބިއުނަލްގައި އެދުނެވެ. ސީއެސްސީން ނެގި އިޖުރާއީ މައްސަލަ ޝައުފާގެ ފަރާތުން ޖަވާބު ދީފައިވެއެވެ.
އެހެން ކަމުން މި މައްސަލައިގެ ތެރެއިން ފާހަގަ ކުރެވުނު ކަންތައްތަކަށް ރިއާޔަތްކޮށް ޓްރައިބިއުނަލުން ނިންމީ، މި މައްސަލައަކީ ޓްރައިބިއަލަށް ބެލުމުގެ އިހްތިސޯސް ލިބިފަިއވާ މައްސަލައެއް ކަަމަށެވެ.
އެހެން ކަމުން މައްސަަލއަށް މައުލޫއީ ގޮތުން ޖަވާބުދާރީ ވުމަށް ސީއެސްސީއަށް އަންގައި، ޓްރައިބިއުނަލް ވުން ވަނީ އަމުރު ކޮށްފައެވެ.