އޮކްޓޯބަރު 3 ގައި ސަރުކާރުން ނެރޭ ގްރޫޕްތައް ހުއްޓުވަން އެމްޑީޕީ އެދިއްޖެ

އޮކްޓޯބަރު 3 ގައި ސަރުކާރުން ނެރޭ ގްރޫޕްތައް ހުއްޓުވަން އެމްޑީޕީ އެދިއްޖެ

އަންނަ ހުކުރު ދުވަހުގެރޭ "ލޫޓުވައިފި ލޫޓުވައިފި" ގެނަމުގައި އިދިކޮޅު އެމްޑީޕީން ބާއްވަން ހަމަޖެހިފައިވާ ސުލްހަވެރި ސިޔާސީ ހަރަކާތް ހަލަބޮލިކޮށް، ހަމަނުޖެހުން ހިންގުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ކުށްކުރާ ގްރޫޕްތަކަށް ފައިސާ ދީގެން އެ ގްރޫޕްތައް ނެރުމަށް ކުރަމުންދާ މަސައްކަތްތައް ކުށްވެރި ކުރާކަމަށް އެމްޑީޕީން ބުނެފިއެވެ.

އެކަން ކުށްވެރިކޮށް އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މާލޭގައި ކުށްކުރާ ގްރޫޕުތައް ނެރެގެން އެމްޑީޕީގެ އެއްވުމަށް ހުރަސް އެޅުމަށް މުއިއްޒުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މަސައްކަތް ކުރަމުންދާކަން އެމްޑީޕީން ފުލުހުންނަށް އެންގުމުން އެމްޑީޕީގެ ބޮލުގައި އެ ތުހުމަތު އެޅުވުމަށް މަސައްކަތް ކުރުމަކީ ހިތާމަވެރި ކަމެކެވެ.

މާލެ ތެރެ ހަލަބޮލިކޮށް މުދަލަށް ގެއްލުން ދިނުމަށް މުއިއްޒުގެ ސަރުކާރުން ފައިސާ ދީފައިވާ ގްރޫޕުތަކުގެ އަމަލުތައް ހުއްޓުވައި އެއްވުމުގެ ބައިވެރިންނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް ވެސް އެމްޑީޕީއިން ވަނީ ފުލުހުންނަށް ގޮވާލައިފައެވެ.

"ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގަށް މުއިއްޒު އަންގަވައިގެން ހުރަސް ނޭޅުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ދިވެހި ފުލުހުންނަށް ގޮވާލަމެވެ.،"

ފުލުހުންގެ މި މުޑުދާރު އަމަލުން ދައުލަތުގެ ހުރިހާ އިދާރާއެއް ވެސް މިވަގުތު އޮތީ މުއިއްޒުގެ މުށުތެރޭގައިކަން ސާފުވާކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.

އެމްޑީޕީން ބުނީ ހުކުރު ދުވަހުގެ އެއްވުމަކީ ޕީއެންސީ ސަރުކާރުން، ދިވެހި ރާއްޖޭގެ އިގުތިސާދު ފުނޑާލާ، ރައްޔިތުން ބޭސްފަރުވާއިން މަހުރޫމުކޮށް، ރައްޔިތުންގެ މަޖިލީހާއި އަދުލު އިންސާފުގެ ނިޒާމު ސީދާ މުއިއްޒުގެ އަތް ދަށަށް ގެނެސް، ދައުލަތުގެ މިނިވަން މުސްތަގިއްލު މުއައްސަސާތައް ސަރުކާތުގެ މުށުތެރެއަށް ނަގާފައި ވާތީ، ރައްޔިތުން ތަހައްމަލުކުރަމުންދާ ހާލަތު ސަރުކާރަށް އިއްވައި ދިނުމަށް ރާވައިގެން ހިންގާ ސުލްހަވެރި ހަރަކާތެއްކަމަށެވެ. މިއަދު ފުލުހުންގެ އަމަލުތަށް ބިނާކޮށްފައިވަނީ ޕީއެންސީ ސަރުކާރުގެ ގައިރު ގާނޫނީ އަމުރުތަކަށް ތަބާވެ، އިދިކޮޅުން ހިންގާ ސިޔާސީ ހަރަކާތަށް ހުރަސް އެޅުންކަމަށްވެސް ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *