އާގިލް މެރުމުގެ ކުށް މިޖުވާދުގެ މައްޗަށް ސާބިތެއް ނުވި

އާގިލް މެރުމުގެ ކުށް މިޖުވާދުގެ މައްޗަށް ސާބިތެއް ނުވި

އޮގަސްޓު 31، 2018ގައި ވަޅިން ހަމަލާދީ ގދ. ފަރެސްމާތޮޑާ/ ކޮކާ، 18 އަހަރުގެ އިބްރާހީމް އާގިލް މަރައިލި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެކުށް ސ. ހިތަދޫ، ސްވޭހުހީނާގޭ، އަލީ މިޖުވާދު މާލިކުގެ މައްޗައް ސާބިތުނުވާކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މީނާގެ މައްޗަށް ދައުލަތުން އެދައުވާ ކުރީ، 31 އޮގަސްޓް 2018 ވަނަ ދުވަހު އެމްއެމްއޭއާ ދިމާލު، ބޮޑު ތަކުރުފާނު މަގުގެ ޖެޓީ ސަރަހައްދަށް ވަ. ފުލިދޫއިން މާލެ އައި "ސްކަލް ރައިޑާ" ލޯންޗް ގާތްކުރިވަގުތު އެލޫންޗުން ފޭބި އިބްރާހިމް އަގީލަށް ހަމްދޫން ހަމްޒަތު ތޫނު އެއްޗެއް ބޭނުންކޮށްގެން ހަމަލާދީފައިވާކަމާއި، އެ ހަމަލާ ދިނުމަށްފަހު މިޖުވާދު ދުއްވަންއިން ސައިކަލުގައި ހަމްދޫން ހަމްޒަތު ގޮވައިގެން ފިލާފައިވާތީ އާއި، އާގިލަށް ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާހޯދަމުން ދަނިކޮށް ނިޔާވެފައިވާތީ ކަަމަށް، ދައުވާގައި ބުނެފައިވެއެވެ.

އާގިލްގެ މަރުގެ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރިއެވެ.

މިޖުވާންގެ އިތުރުން އޭގެތެރޭގައި ހިމެނެނީ، ހއ. ދިއްދޫ/ ސްނޯބާޑް، އިބްރާހީމް ވިޝާމް އާއި ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތެވެ.

އާގިލް މަރާލުމުގައި ބައިވެރިވުމުގެ ދައުވާކުރި ވިޝާމްގެ މައްޗަށްވެސް ކުށް ސާބިތު ނުވާކަމަށް މީގެ ކުރިން ކުރމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލައިގައި މިހާރު ދައުވާކުރަނީ ހަމްޒަތުގެ މައްޗަށް އެކަންޏެވެ.

މި މައްސަލާގައި މިޖުވާދުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ އެ ސަރަހައްދަށް މިޖުވާދު ދިޔަކަން އަދި ސައިކަލުގައި އެތަނުން ހަމްޒަތު ގެންދިޔައީ އޭނާކަން ސާބިތުކުރެވޭ ވަރުގެ ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ. ދައުލަތުން ހުށަހެޅި ސިއްރު ހެކިން ވެސް ހާދިސާ ހިނގި ތަނުން މިޖުވާދު ފެނުނު ކަމަކަށް ބުނެފައިނުވާ ކަމަށްވެސް ހުކުމްގައިވެއެވެ.

ދައުލަތުން ދެން ހުށަހަޅާފައި ވަނީ ސެކިއުރިޓީ ކެމެރާ ފުޓޭޖެވެ. އެ ފުޓޭޖު ނުސާފު ކަމާއި ސައިކަލެއްގައި ދެ މީހަކު ދާކަން ފިޔަވާ އެހެން އެއްވެސް ކަމެއް އެ ވީޑިއޯއިން ސާބިތުނުވާ ކަމަށް މައްސަލަ ބެއްލެވި ގާޒީގެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

އެހެން ކަމުން މިޖުވާދުގެ މައްޗަށް ދައުލަތުންކުރި، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުކުރަން ބޭނުން މިންވަރަށް ޝަރީއަތަށް ހެކި ގަރީނާ ލިބިފައިނުވާތީ، އޭނާގެ މައްޗަަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެކުށް ސާބިތުނުވާ ކަމަށް ކަނޑައަޅާކަމަށް ވަނީ ހުކުމްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *